އެކެއް ފެބްރުއަރީގައި މަސައްކަތްކުރީ ވަކި މީހެއްގެ ވެރިކަން ހިމާޔަތް ކުރާކަށް ނޫން: އާޒިމާ

ފަސްޓް ލޭޑީ ބަށިބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި އާޒިމާ ޝުކޫރު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރުން ނެގި ފިޔަވަޅުތަކަކީ ވަކި މީހެއްގެ ވެރިކަން ހިމާޔަތް ކުރަން ކުރި މަސައްކަތްތަކެއް ނޫން ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށާއި އަދި ހައްޔަރުގައި ތިބި ސިޔާސީ ބޭފުޅުންތަކެއް މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން އޭގެ ހަތަރު ދުވަސް ފަހުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ގާނޫނު އަސާސީން ލިބިދީފައިވާ ބައެއް ހައްގުތައް ސަރުކާރުން ހިފެހެއްޓިއެވެ.

އަދި އެއަށްފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންގެ މައްޗަށް ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުކޮށް ހައްޔަރުކުރިއެވެ.

ޕީޕީއެމުން ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ޖަލްސާގައި ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ނެރުނު އަމުރާ ގުޅިގެން ވާހަކަފުޅުދައްކަވަމުން އާޒިމާ ވިދާޅުވީ، އެދުވަހު ސަރުކާރުން މަސައްކަތް ކުރެއްވީ ރާއްޖޭގެ ރައޔްިތުންނާއި މިނިވަންކަން ރައްކާތެރިކުރުމަށް ކަމަށެވެ.

އަދި އެދުވަހުގެ އުދަނގޫ ހާލަތު ގިރާ ކުރެއްވުމުގައި ރައީސް ޔާމީންގެ ފަރާތުން ފެނިވަޑައިގަތީ ކެތްތެރިކަމާއި ހިކުމަތްތެރިކަން ކަމަށް ވިދާޅުވިއެވެ.

"އެކެއް ފެބްރުއަރީ ދުވަހުގެ ރޭ އެމްއެންޑީއެފްގައި ރައީސް ޔާމީންގެ އަރިހުގައި މަސައްކަތް ކުރަމުން ދިޔަ އިރު އަޅުގަނޑު ދުށީ ރާއްޖޭގެ ރައްޔިތުންނާއި މިނިވަންކަން ރައްކާތެރިކުރުމަށް ކުރެވުނު މަސައްކަތްތަކެއް. ތެދަށް މިދަންނަވަނީ އަޅުގަނޑުމެންގެ ތެރޭގައި ވަކި މީހެއްގެ ވެރިކަން ހިމާޔަތްކުރުމަށް ވިސްނުން ގެންގުޅެގެނެއް ނޫން މަސައްކަތް ކުރެވުނީ،" އާޒިމާ ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައަށް ވެސް އާޒިމާ ރޭ ރައްދު ދެއްވިއެވެ.

އޭނާ ވިދާޅުވީ، ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކޮށްފައި ނުވާ ކަމަށާއި އެއީ ވަރަށް ސާފުކޮށް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ.

އެހެންކަމުން އދއިން ނުވަތަ އެހެން ޖަމާއަތަކުން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ރައީސް ނަޝީދަށް ރާއްޖޭގެ ވެރިކަމަށް ކުރިމަތިނުލެވޭނެ ކަމަށެވެ.

"...ހަމައެއާއެކު ދެން ގަބޫލު ކުރަންޖެހެނީ ޔޫއެންއިން ނޫން ކޮންމެ ތާކުން ކޮންމެ ނިންމެވުމެއް ނިންމެވިނަމަވެސް ދިވެހިރާއްޖޭގެ ގާނޫނީ އޮނިގަނޑުގެ ތެރެއިން ދިވެހިރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވޭނީ ގާނޫނު އަސާސީ ހުއްދަކުރާ މީހަކަށޭ،" އާޒިމާ ވިދާޅުވިއެވެ.

ރާއްޖޭގެ ގާނޫނު އަސާސީގެ 105 ވަނަ މާއްދާގައި ބުނާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އަންނަ މީހެއްގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ މައްސަލައެއްގައި އެއް އަހަރަށްވުރެ ގިނަ ދުވަހަށް ހުކުމް ކޮށްފައި އެ ހުކުމް ތަންފީޒުކޮށް ނުނިމޭ ނުވަތަ އެ ހުކުމް ތަންފީޒު ކޮށް ނިމުނުތާ ތިން އަހަރު ވެފައިނުވާ މީހަކަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަކަށް ކުރިމަތި ނުލެވޭނެއެވެ.

އާޒިމާ ވިދާޅުވީ، ރައީސް ނަޝީދު ވެރިކަމަށް ކުފޫ ހަމަނުވާ އެހެން ސަބަބުތަކެއް ވެސް އެބަހުރި ކަމަށެވެ. އެގޮތުން ޑިމޮކްރަސީގައި އޮންނަ އެއް ހަމައަކީ އިންތިޚާބެއްގައި ވާދަ ކުރުމަށްފަހު ބަލިވެއްޖެނަމަ އެ މީހަކު ދެވަނަ ފަހަރަށް ވާދަ ނުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދަންނަ ތަންތަނުގައި އޮންނަ ޑިމޮކްރަސީއަކީ ވެރިކަމުގެ ރޭހަކަށް ކުރިމަތިލާފައި އެ ރޭހުން ކާމިޔާބު ނުވެއްޖެއްޔާ އެމީހަކު ދެން ވެރިކަމުގެ ރޭހުން އިސްތިއުފާ ދޭން. އަޅުގަނޑުމެންނަށް ފެނިގެންމިދަނީ ވެރިކަމުގެ ރޭހުގައި ކުރިމަތިލައްވާފައި ބަލިވެވަޑައިގަތަސް އެހެން މީހަކަށް ޖާގަ ނުދީ އެ ޖާގަ ހިފަހައްޓައިގެން ވަކި ބަޔަކު ކުރިމަތިލާތަން،" އާޒިމާ ވިދާޅުވިއެވެ.

comment ކޮމެންޓް