ޓީޓީއެމްގެ ގާލާ ނައިޓް ބާއްވައިފި

ޓީޓީއެމް ގެ ގާލާ ނައިޓް ރޭ ބާއްވައިފި -- ފޮޓޯ/ ކޯޕަރޭޓް މޯލްޑިވްސް

ރާއްޖޭގެ މާކެޓިން އަދި ޕީއާރް ކުންފުނި މޯލްޑިވްސް ގެޓްއަވޭސްއިން ބާއްވާ ބައިނަލްއަގްވާމީ ޓްރޭޑް ފެއާ "ޓްރެވަލް ޓްރޭޑް މޯލްޑިވްސް" ގެ ގާލާ ނައިޓް ކާމިޔާބު ކަމާއެކީ ބާއްވައިފިއެވެ.

ޓީޓީއެމް ފެއާގެ ވިޔަފާރި ބައްދަލުވުންތަކުގެ ދެވަނަ ބައްދަލުވުމަށް ފަހުގައި އެ ފެއާގެ ބައިވެރިންނާއެކު ގާލާ ނައިޓް ބާއްވާފައިވަނީ ބުދަ ދުވަހުގެ ރޭ އަދާރަން ސެލެކްޓް ހުދުރަންފުށީގައެވެ.

މޯލްޑިވްސް ގެޓްއަވޭސްއިން ބުނީ، ޓީޓީއެމްގެ ވިޔަފާރި ބައްދަލުވުންތަކަށް ފުރަތަމަ ދުވަހުގައިވެސް 280 މީހުން ޒިޔާރަތް ކޮށްފައިވާ ކަމަށެވެ. އަދި ދެވަނަ ދުވަހުގައި އެ އަދަދު 350 އަށް އަރާފައިވާ ކަމަށް މޯލްޑިވްސް ގެޓްއަވޭސްއިން ބުންޏެވެ. އެ ބައްދަލުވުންތަކުގެ ތެރެއިން ޓޫރިޒަމް ދާއިރާ ކުރިއަރުވާނެ ގޮތާ ބެހޭގޮތުންނާއި ވަކި ވަކި ވިޔަފާރިތައް ކުރި އެރުވުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާތައް ކުރިއަށްދާނެ ކަމަށްވެސް ބުންޏެވެ.

ބުދް ދުވަހުގެ ރޭ ބޭއްވި ގާލާގައި މޯލްޑިވްސް ގެޓްއަވޭސްގެ ހުރިހާ ޕާޓްނަރުންދެއްވާ އެހީތެރިކަން ފާހަގަކޮށް އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ވަނީ އެވޯޑެއް ދީފައެވެ. އެގޮތުން ޕްލެޓިނަމް ޕާޓްނަރުންނަށް ދޭ އެވޯޑު ދީފައިވަނީ އެމްޓީސީސީ އަދި ޔަންމާއަށެވެ. އޭގެ އިތުރުން މޯލްޑިވްސް ގެޓްއަވޭސްއަށް އަދާރަން ރިސޯޓްސް މޯލްޑިވްސްއިން އަބަދުވެސް ވަމުން ގެންދާ އެހީތެރިކަން ފާހަގަކޮށް ހާއްސަ އެވޯޑެއް ދިނެވެ.

ޓީޓީއެމްގެ ވިޔަފާރި ބައްދަލުވުންތަކުގެ ފަހު ބައްދަލުވުންތައް އިއްޔެ ވަނީ ނިމިފައެވެ. އަދި މިއަދާއި މާދަމާ، ޓީޓީއެމް ސަޕްލަޔާ އެކްސްޕޯ ކުރިއަށްދާނެއެވެ.

comment ކޮމެންޓް