މިދިޔަ ފެބްރުއަރީ މަހު ދުނިޔެ ދޫކުރި ބޮލީވުޑް ބަތަލާ ސްރީދޭވީގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ނިންމައިފައި ވާކަމަށް އޭނާގެ ފިރިމީހާގެ އަދި ކާމިޔާބު ޕްރޮޑިއުސަރު ބޯނީ ކަޕޫރު ބުނެފިއެވެ.
އެކަން ޔަގީންކޮށްދިން ނަމަވެސް، ސްރީދޭވީގެ ހަޔާތުގެ މައްޗަށް އުފައްދާނީ ފީޗާ ފިލްމެއް ކަމެއް ނުވަތަ ޑޮކިއުމެންޓްރީއެއް ކަން އަދި ނުނިންމާ ކަމަށް ބޯނީ ބުންޏެވެ.
ބޯނީ މިހާރު ވަނީ އެ ފިލްމަށް ދޭނެ ތިން ނަމެއް ޝޯޓްލިސްޓް ކޮށް، ރަޖިސްޓްރީ ވެސް ކޮށްފަ އެވެ. އެއީ "ސްރީ"، "ސްރީދޭވީ" އަދި "ސްރީ މޭމް"އެވެ.
މިޑް ޑޭ ނޫހަށް ދިން އިންޓަވިއު އެއްގައި ބޯނީ ބުނީ، މާ އަވަސް އަރުވާލައިގެން އެއްވެސް ކަމެއް ކުރުމުގެ މާނައެއް ނެތް ކަމަށެވެ.
ފެބުރުއަރީ 24 ވަނަ ދުވަހު ސްރީދޭވީ މަރުވީ ދުބާއީގައި އޭނާ ހުރި ހޮޓެލްގެ ފާޚާނާ ތެރޭގައި ހުރި ބާތުޓަބެއްގެ ތެރެއަށް ގެނބިގެންނެވެ. ފަންސާސް ހަރަތު އަހަރުގައި ސްރީދޭވީ މަރުވި އިރު އޭނާ ވަނީ ފިލްމީ ދާއިރާގައި ބައި ގަރުނު ހޭދަކޮށްފައެވެ.
އޭނާ އަކީ 80ގެ އަހަރުތަކުގައި ބޮލީވުޑްގެ ރަނިކަން ކުރި ފަންނާނެވެ. އުމުރުން އެންމެ ހަތަރު އަހަރުގައި ފިލްމީ ކެރިއަރު ފެށި ސްރީދޭވީ ވެގެން ދިޔައީ ބޮލީވުޑްގެ ފުރަތަމަ އަންހެން ސުޕަސްޓާރަށެވެ. ސްރީދޭވީ 275 ފިލްމު ކުޅެފައި ވާއިރު، މުނިފޫހިފިލުވުމުގެ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތައް ފާހަގަ ކުރުމަށް ސްރީދޭވީއަށް 2013 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ ޕަދްމާ ޝްރީ އެވޯޑުވެސް ދީފައެވެ.
ސްރީދޭވީގެ ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "މިސްޓަ އިންޑިއާ"، "ޗާލްބާޒް"، "ނާގިން"، "ސަދްމާ" ފަދަ ފިލްމުތައް ހިމެނޭ އިރު، އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "މޮމް"އިންނެވެ. އެ ފިލްމުން އޭނާއަށް ވަނީ މޮޅު އެކްޓަރުގެ އެވޯޑުވެސް ލިބިފައެވެ.