ސަންގު ޓީވީން އެއްލައްކަ ރުފިޔާގެ ޖޫރިމަނާ ދައްކައިފި

ފައިސާ ޖާޑި ހިފައިގެން ސަންގު ޓީވީން ބްރޯޑް ކާސްޓިން ކޮމިޝަނަށް ވަންނަނީ --- ސަން ފޮޓޯ/ އަހުމަދު އާޒިފް

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ދެއްކެވި ވާހަކަތަކެއް ސަންގު ޓީވީން ލައިވްކޮށްފައިވާތީ ކުރި އެއްލައްކަ ރުފިޔާގެ ޖޫރިމަނާ އެ ސްޓޭޝަނުން މިއަދު ދައްކައިފިއެވެ.

މިއަދު 9:45 ގައި ސަންގު ޓީވީން އެ ފައިސާ ބްރޯޑްކާސްޓިން ކޮމިޝަނާ ހަވާލުކުރީ ފައިސާ ޖާޑިއެއްގައެވެ.

ސަންގު ޓީވީ ޖޫރިމަނާ ކުރީ މިދިޔަ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު ދައްކާފައިވާ ކޮންޓެންޓުގައި ރައީސް ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް އައުގުރާނަ ބަސް މަގު ބޭނުންކޮށްފައިވާތީ ކަމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.

ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ އެ ފައިސާ ގުނުމަށް ބްރޯޑްކާސްޓިން ކޮމިޝަންގައި މިއަދު ދެ ގަޑިއިރު ހޭދަކުރަންޖެހުނު ކަމަށެވެ.

ޖޫރިމަނާގެ ފައިސާ ދެއްކުމަށް ފައިސާ ޖާޑިއާ އެކު އަސްވާޑު --- ސަން ފޮޓޯ/ އަހުމަދު އާޒިފް

ފައިސާ ގުނުމަށް ގިނަ ވަގުތު ހޭދަކުރަން ޖެހުނީ އެ ކޮމިޝަންގައި ފައިސާ ގުނާނެ މެޝިނެއް ނެތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާ ބޮޑު އަދަދަކުން ޓީވީ ސްޓޭޝަންތައް ޖޫރިމަނާ ކުރަމުންދާއިރު، ބްރޯޑްކާސްޓިން ކޮމިޝަންގައި ފައިސާ ގުނާނެ މެޝިނެއް އެބަ ހުންނަންޖެހޭ. މިއަދު އެތައްފަހަރަކު ގުނި. ގުނީމަ ދައްކަނީ ފައިސާ ހަމަނުވާ ކަމަށް. އެހެންވެ ސަންގު ޓީވީން ބޭނުންކުރާ ފައިސާ ގުނާ މެޝިން ގެންގޮސްގެން ގުނާފައި ވަނީ،" އަސްވާޑު ވިދާޅުވިއެވެ.

ސަންގު ޓީވީން ޖޫރިމަނާގެ ފައިސާ ދައްކާފައި ވަނީ ފަސް ރުފިޔާގެ ނޫޓުންނެވެ.

އަސްވާޑު ވިދާޅުވިގޮތުގައި ފަސް ރުފިޔާގެ ނޫޓުން ފައިސާ ދައްކަން ޖެހުނީ ފައިސާ ޖާޑިއަށް ގިނައިން ފައިސާ ހަދިޔާ ކުރީ އާންމު ރައްޔިތުން ކަމަށްވާތީއެވެ.

ޖޫރިމަނާގެ ފައިސާ ދެއްކުމަށް ސަންގު ޓީވީން އެއްކުރި ފައިސާ --- ސަން ފޮޓޯ/ އަހުމަދު އާޒިފް

"ގިނައިން ފައިސާ ހަދިޔާ ކުރީ އާންމު ރައްޔިތުން. އެހެންވެ ފަސް ރުފިޔާގެ ނޫޓުން ހަވާލުކުރީ. ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުންނާއި އިދިކޮޅު ކޯލިޝަންގެ ބައެއް ބޭފުޅުން ވެސް ފައިސާ ހަދިޔާކުރެއްވި. އެ ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން،" އަސްވާޑު ވިދާޅުވިއެވެ.

ޖޫރިމަނާ ކުރުމުގެ އިތުރުން އެ މައްސަލާގައި މައާފަށް އެދުމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ސަންގު ޓީވީއަށް އެނގިއެވެ.

ނަމަވެސް އަސްވާޑު ވިދާޅުވީ އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ ފުރުސަތު ލިބެނީ ފައިސާ ދެއްކުމުން ކަމަށާއި އެހެންކަމުން މައާފަށް އެދޭނީ ޝަރީއަތުން އިއްވާ ހުކުމެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެ ދުވަހު މުސްތާފާ ދެއްކެވި ވާހަކަ ބްރޯޑްކާސްޓް ކުރުމުން ވީޓީވީ އާއި ވީއެފްއެމް ވަނީ ހަތަރު ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ.

comment ކޮމެންޓް