އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ކްލަބު ވެލެންސިއާ ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ނިއުއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ.
އެ ނަތީޖާއާއެކު ނިއުއަށް ވަނީ ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުން 16 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކަލްބަށް ލިބެނީ 13 ޕޮއިންޓެވެ.
މެޗުން ބަލިވި ވެލެންސިއާއަށް ލީގުގެ ފުރަތަމަ ބުރު ނިންމާލަން ޖެހުނީ މޮޅެއް ނުލިބިއެވެ. ހަތް މެޗުން އެއް ޕޮއިންޓާއެކު އެޓީމު އޮތީ ލީގު ތާވަލުގެ ފުލުގައެވެ.
މިއަދުގެ މެޗަށް ނިއު ނުކުތީ އެޓީމުގެ ފުރަތަމަ 11ގައި އާންމުކޮށް ހިމެނޭ ބައެއް ކުޅުންތެރިން ނުލައެވެ. އެގޮތުން ޑިފެންޑަރު އަކުރަމް އަބްދުލްޣަނީ (އަކޫ)އާއި ކީޕަރު އިމްރާން މުހައްމަދު (އިންމަ)ވެސް މިއަދުގެ މެޗުގައި ނުފެނެއެވެ. އަދި ސަސްޕެންޝަންގެ ސަބަބުން މިޑްފީލްޑަރު ކަންޑެލާވެސް މިއަދުގެ މެޗުގައި ނުކުޅެއެވެ.
މެޗުގެ ކުރީކޮޅުގައި ނިއުއިން ވަނީ ލީޑު ނަގައިފައެވެ. އެގޮތުން ވެލެންސިއާގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް އަލީ ފާސިރު (ސެންޓޭ) ހުރަސްކޮށްދިން ބޯޅަ، ރިހާމް އަބްދުލްޣަނީ (ބޮބީ) ގޯލަށް ފޮނުވާލީ ފަސޭހަކަމާ އެކުގައެވެ.
ކުރިއަށް ޖެހި އެޓޭކް ކޮށްގެން ކުޅުނު ނިއުއިން މެޗުގައި ޖެހި ދެވަނަ ގޯލް ކާމިޔާބުކުރީ 20 ވަނަ މިނެޓުގައެވެ. ނިއުގެ ދެވަނަ ގޯލް ޖަހައިދިނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ދަގަނޑޭ އެ ގޯލް ޖެހީ ވެލެންސިއާގެ ޑިފެންޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) ކައިރިން ނައްޓާލުމަށްފަހު ގޯލްގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ.
ދަގަނޑޭ މިއަދުގެ މެޗުގައި ޖެހި ގޯލަކީ އޭނާ މިސީޒަންގައި ކާމިޔާބުކުރި 11 ވަނަ ގޯލެވެ.
ދެވަނަ ހާފަށް ނުކުމެ ވަރުގަދަކޮށް ފެށީވެސް ނިއު އިންނެވެ. އެގޮތުން ހާފުގެ ކުރީކޮޅުގައި ދަގަނޑޭ އަދި ސެންޓޭގެ ފަރާތުންވެސް ހަމަލާތައް ފެނިފައިވާ އިރު، އެ ހަމަލާތަކުގެ ހުރަހަކަށްވީ ވެލެންސިއާގެ ޖަޕާން ކީޕަރު ޖުން ކޮޗީއެވެ.
ދެވަނަ ހާފްގައި ނިއުގެ މުހިންމު ތިން ކުޅުންތެރިއަކު ކޯޗު ވަނީ ބަދަލުކޮށްފައެވެ. އެގޮތުން ހަމްޒާ މުހައްމަދު (ހަމްޕު)ގެ ބަދަލުގައި އަލީ ސާމިއު ކުޅެން ނުކުތް އިރު، ސެންޓޭގެ ބަދަލުގައި ކުޅެން ނުކުތީ އިބްރާހީމް އަތީގެވެ. އަދި ކެޕްޓަން ދަގަނޑޭގެ ބަދަލުގައި ކުޅެން ނުކުތީ އިމްރާން ނަޝީދެވެ.
ނިއުއިން އެޓޭކްގެ މުހިންމު ތިން ކުޅުންތެރިއަކު ބަދަލުކުރުމުން ވެލެންސިއާއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ހާއްސަކޮށް ފަހަތުން ކުރިއަށް ޖެހި، ގޯލެއް ޖެހުމަށް މަސައްކަތްތަކެއް ކުރިކަން ފާހަގަކޮށްލެވުނެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަންސަރު އިބްރާހީމް (އަންކޮ)ގެ އިތުރުން ބިދޭސީ ފޯވާޑް ޑްރީގާ ސާގީއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ.
މެޗު ނިމެން ދަނިކޮށް ނިއުގެ އަތީގަށްވެސް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ވެލެންސިއާގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ސީދާ ކީޕަރު ކޮޗީ އަތަށެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ނިއުއިން އަންނަ ބުދަ ދުވަހު ބަންގްލަދޭޝްގެ ދާކާ އަބަހާނީއާ ދެކޮޅަށް މާލޭގައި ނުކުންނަ އިރު، ލީގުގެ ދެވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގައެވެ.
ދެވަނަ ބުރުގައި ނިއުއިން ކުޅޭ ފުރަތަމަ މެޗުގައި މިފެށޭ މަހުގެ ހަތްވަނަ ދުވަހު ހަވީރު ނުކުންނާނީ ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ. ވެލެންސިއާއިން ހަ ވަނަ ދުވަހުގެ ރޭ ކުޅެން ޖެހޭނީ މާޒިޔާއާ ދެކޮޅަށެވެ.