ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނީ މެޑަމްގެ މަސައްކަތްޕުޅުން: ސަލީމް

އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ބައްދަލުވުމެއްގައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ވެރިކަން ކުރާ ޕީޕީއެމް އަށް ކާމިޔާބު ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމްގެ މަސައްކަތްޕުޅުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

"މަމެން ރައީސް ޔާމީނާއެކު" ގެ ނަމުގައި ތ. ވޭމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މެޑަމް ފާތުން އަކީ ހިތްވަރުފުޅުގަދަ، ކެތްތެރި ކަނބަލެއްކަމަށެވެ. ޕީޕީއެމްގެ ފަހަތުގައި މީހުން ތިބެނީ މެޑަމް ފާތުންގެ އޯގާތެރިކަމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެކަމަނާގެ ހިތްވަރުފުޅުން އަޅުގަނޑުމެންގެ ފަހަތުގައި މިހާ ގިނަ މީހުން އެއްކުރެވި މީހުން މި ޖަލްސާތަކަށް އައިސް މިހުންގެ އޯގާތެރި ކަމާ އަޅާލުން މި ލިބެނީ،" ސަލީމް ވިދާޅުވިއެވެ.

މެޑަމް ފާތުންވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ސަލީމް ވިދާޅުވީ އެކަމަނާއަކީ ކުރައްވާ ކޮންމެ ކަމެއްގައިވެސް އެންމެ ދަށުން ފެށިގެން މީހުންނާ މަޝްވަރާ ކުރައްވާ ކަނބަލެއް ކަމަށެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން މަނިިކު ދޮންމަނިކު ވިދާޅުވީ ޕީޕީއެމްގެ ހިތްވަރަކީ މެޑަމް ފާތުން ކަމަށެވެ.

ރައީސް ޔާމީނަކީ ތަރައްގީގެ ބާނީ ކަމަށްވެސް މެންބަރު ހުސައިން މަނިކު ދޮންމަނިކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރީގެ ދައުރުތަކުގައި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް މިދިޔަ ކުރު މުއްދަތުގައި ރައީސް ޔާމީން ގެނެސްދެއްވި ވަރުގެ ތަރައްގީ އެހެން އެއްވެސް ވެރިއަކަށް ނުގެނެސްދެވޭ ކަމަށެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެބންބަރު އަހުމަދު މުބީން ވިދާޅުވީ ރާއްޖެއަށް އިސްލާމްދީން ނޫން ދީނެއް ގެނައުމަށް މަސައްކަތް ކުރާ ބަޔަކު އެބައުޅޭކަމަށެވެ. އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން މުބީން ވިދާޅުވީ ރާއްޖޭގައި އޮންނަންޖެހޭނީ އިސްލާމްދީން އެކަނި ކަން ޔޫރަޕިއަން ޔޫނިއަން އާއި ހުޅަނގުގެ ގައުމުތަކަށް އަންގައިދޭން ޓްވީޓެއް ކޮށްލަންވެސް އިދިކޮޅު މެންބަރުންނަށް ނުކެރުނު ކަމަށެވެ.

ރައީސް ޔާމީން ހިންގަވާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުބީން ވިދާޅުވީ އެމަނިކުފާނު ފައްޓަވާފައިވާ މަޝްރޫއުތަކަކީ ފަސް އަހަރުން ނިންމާލެވޭވަރަށްވުރެ ބިޔަ މަޝްރޫއުތަކެއްކަމަށެވެ.

"10 އަހަރަކުންވެސް ނުފުދޭނެކަން އެބަ އެނގޭ. ދެން އަންނަ ފަސް އަހަރު ނިންމާފަ އެކަމާ ދޭތެރޭ ވިސްނާނީ. ދެހާސް އަށާރާގައި މިލިބޭ ފުރުސަތު ރައްޔިތުން ހިފާނެކަމާ ދޭތެރޭ ޝައްކެއް ނުކުރަން،" މުބީން ވިދާޅުވިއެވެ.

comment ކޮމެންޓް