ސޯލް (އޭޕްރިލް 27): ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިންއާ ބައްދަލު ކުރެއްވުމަށްޓަކައި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން ދެ ކޮރެއާ ވަކިކޮށްދޭ ބޯޑަރު މިއަދު ހުރަސް ކުރައްވައިފި އެވެ.
އެއީ 1953 ވަނަ އަހަރު ކޮރެއާ ހަނގުރާމަ ނިމުނު ފަހުން އުތުރުގެ ލީޑަރަކު ދެކުނު ކޮރެއާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ދެ ކޮރެއާގެ މެދުގައި އޮންނަ ޑީމިލިޓަރައިޒްޑް ޒޯނުގައި މިއަދު ބޭއްވި މަޝްވަރާތަކުގައި ރައީސް މޫން އާއި ލީޑަރު ކިމް ވަނީ ދެ ކޮރެއާގެ ހަނގުރާމަ ރަސްމީ ގޮތެއްގައި ނިންމާލުމަށްޓަކައި މިއަހަރު ތެރޭ ސުލްހައިގެ އެއްބަސްވުމެއް ހަދާނެ ކަމަށް ބުނާ ޑެކްލަރޭޝަނެއްގައި ސޮއިކުރައްވައިފައެވެ.
އަދި ކޮރެއަން ޕެނިންސުލާއިން ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އެޑެކްލަރޭޝަންގައި ފާހަގަކޮށްފައެވެ.
މީގެ އިތުރުން ދެ ގައުމު ގުޅުން ރަނގަޅުކޮށް، ކޮރެއާ ހަނގުރާމައިގައި ބައިބައިވެފައިވާ އާއިލާތައް ބައްދަލު ކުރުމުގެ ފުރުސަތު އޮގަސްޓު މަހު ދޭނެ ކަމަށް އެޑެކްލަރޭޝަނުގައިވެ އެވެ.
ދެކުނު ކޮރެއާގެ އޮފިޝަލުން ވަނީ ދެ ލީޑަރުން "ސީރިއަސް އަދި އިހުލާސްތެރި" މަޝްވަރާތައް މިއަދު ކުރެއްވިކަމަށް ވިދާޅުވެފައެވެ. އަދި ދެ ބޭފުޅުން ފަހުން ޖޮއިންޓް ސްޓޭޓްމެންޓެއް އާއްމު ކުރައްވާނެ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.