ދެކުނު ކޮރެއާގެ ވާޗުއަލް އެސެޓް ލައިސަންސް ހޯދި ފުރަތަމަ ކްރިޕްޓޯ ކުންފުންޏަކަށް ބިޓްގޯ

ބިޓްގޯ ކޮރެއާއަކީ އެ ގައުމުގައި ސަލާމަތީ ކަންކަމާއި މަނީ ލޯންޑްރިންއާ ދެކޮޅު އުސޫލުތައް ފުރިހަމައަށް ދަމަހައްޓާ ކުންފުންޏެއް ---

ކްރިޕްޓޯކަރަންސީ ރައްކާތެރިކަމާއެކު ބަލަހައްޓައިދޭ ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބިޓްގޯ އިން، ދެކުނު ކޮރެއާގެ ވާޗުއަލް އެސެޓް ސާވިސް ޕްރޮވައިޑާ (ވީއޭއެސްޕީ) ލައިސަންސް ހޯދި ފުރަތަމަ ބައިނަލްއަގުވާމީ ކްރިޕްޓޯ ކުންފުނީގެ ޝަރަފު ހޯދައިފިއެވެ.

މިއާއެކު، ދުނިޔޭގެ އެންމެ ހަރަކާތްތެރި އަދި ބޮޑު އެއް ކްރިޕްޓޯ މާކެޓް ކަމަށްވާ ދެކުނު ކޮރެއާގެ ކުންފުނިތަކަށާއި މާލީ މުއައްސަސާތަކަށް ހިދުމަތް ދިނުމުގެ ފުރުސަތު އެ ކުންފުންޏަށް ވަނީ ފަހިވެގެން ގޮސްފައެވެ.

ބިޒްނަސް ވަޔާ އިން ނެރުނު ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ ކުރީކޮޅު ގާތްގަނޑަކަށް ދެ ބިލިއަން އެމެރިކާ ޑޮލަރުގެ އަގަކާއެކު ނިއުޔޯކް ސްޓޮކް އެކްސްޗޭންޖް (އެންވައިއެސްއީ) ގައި ލިސްޓުކޮށް އާންމުކޮށް ހިއްސާ ވިއްކަން ފެށި ބިޓްގޯ އިން މި ހިދުމަތްތައް ދެނީ އެ ގައުމުގައި އަލަށް އުފެއްދި ސަބްސިޑިއަރީ ކުންފުނި "ބިޓްގޯ ކޮރެއާ" މެދުވެރިކޮށެވެ. މިއީ އެމެރިކާ، ސިންގަޕޫރު، ޖަރުމަނުވިލާތް އަދި ދުބާއީ ފަދަ ގައުމުތަކުގައި ގަވާއިދަށް ފެތޭ ގޮތަށް އެ ކުންފުނިން ހިންގަމުން އަންނަ ބައިނަލްއަގުވާމީ ވިއުގައަށް އިތުރުވި މުހިންމު ބޮޅެކެވެ.

https://sun.mv/225470

ކޮރެއާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (ކޯއެފްއައިޔޫ) އިން ދޫކުރި މި ސެޓްފިކެޓްގެ ދަށުން، ކޯޕަރޭޓް އަދި އިންސްޓިޓިއުޝަނަލް ކްލައިންޓުންގެ ވާޗުއަލް އެސެޓްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، މުއާމަލާތްތައް ހިންގުމުގެ ހުއްދަ ބިޓްގޯ ކޮރެއާއަށް ލިބިގެންދެއެވެ.

ދެކުނު ކޮރެއާގައި އާންމު އިންވެސްޓަރުން ނުވަތަ ރީޓެއިލް ޓްރޭޑަރުންގެ މުއާމަލާތްތަކުގެ އަދަދު ގައުމުގެ ހިއްސާގެ ބާޒާރަށް ވުރެ ވެސް ބޮޑަށް އިތުރުވެފައިވީ ނަމަވެސް، ދުނިޔޭގެ މާކެޓަށް އައި ހީނަރުކަމާ ގުޅިގެން އަޕްބިޓް އަދި ބިތަމްބް ފަދަ ބޮޑެތި އެކްސްޗޭންޖުތަކުގެ ފައިދާ ދަށްވުމުން، މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެމުންދަނީ ބޮޑެތި މުއައްސަސާތަކުގެ މާކެޓަށެވެ.

ބިޓްގޯ ކޮރެއާގެ ސީއީއޯ އަދި ބިޓްގޯގެ ޗީފް ރެވެނިއު އޮފިސަރު ޗެން ފަންގް ވިދާޅުވީ، ދެކުނު ކޮރެއާގައި ސީދާ ލޯކަލް ކުންފުންޏެއް ގާއިމުކޮށް ރަޖިސްޓްރޭޝަން ފުރިހަމަކުރީ އެ ގައުމުގެ މާކެޓަށާއި ގަވާއިދުތަކަށް ދިގު މުއްދަތަކަށް ހިދުމަތް ދިނުމުގެ އަޒުމުގައި ކަމަށެވެ. އަދި މި ލައިސަންސް ލިބުމަކީ ދެކުނު ކޮރެއާގެ އިދާރާތަކަށް އެ ގައުމުގައި ރަޖިސްޓްރީވެފައިވާ ކުންފުންޏެއް މެދުވެރިކޮށް ހިދުމަތް ދިނުމަށް އެޅުނު ވަރުގަދަ ބިންގަލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބިޓްގޯ ކޮރެއާއަކީ އެ ގައުމުގައި ސަލާމަތީ ކަންކަމާއި މަނީ ލޯންޑްރިންއާ ދެކޮޅު އުސޫލުތައް ފުރިހަމައަށް އެކުލަވާލައިގެން މުޅިން އަލަށް އުފެއްދި ކުންފުންޏަކަށް ވާއިރު، މި ކުންފުނީގެ ސްޓްރެޓީޖިކް އިންވެސްޓަރުންގެ ގޮތުގައި ދެކުނު ކޮރެއާގެ މަޝްހޫރު މާލީ މުއައްސަސާއެއް ކަމަށްވާ ހަނާ ފައިނޭންޝަލް ގްރޫޕާއި އެންމެ ބޮޑު މޯބައިލް އޮޕަރޭޓަރު ކަމަށްވާ އެސްކޭ ޓެލެކޮމް ހިމެނެއެވެ.

މި ކާމިޔާބީއާ ގުޅިގެން އަދި ކްރިޕްޓޯ ބާޒާރުގައި އަގުތައް އުފުލުމާއެކު ބިޓްގޯގެ ހިއްސާގެ އަގު އިއްޔެ %16 އަށް މައްޗަށް ގޮސްފައިވާއިރު، މާކެޓް ހުޅުވުމުގެ ކުރިން ހިންގި ވިޔަފާރީގައި ވެސް ހިއްސާގެ އަގު ވަނީ %3.2 މައްޗަށް ޖެހިލާފައެވެ.

މީގެ އިތުރުން ދެކުނު ކޮރެއާގެ ސަރުކާރުން އަންނަނީ ދައުލަތުގެ ބައެއް ހަރަދުތައް ބްލޮކްޗެއިން މެދުވެރިކޮށް ހަމަޖެއްސުމަށްޓަކައި ޑިސްޓްރިބިއުޓެޑް ލެޖާ ޓެކްނޮލޮޖީ (ޑީއެލްޓީ) ބޭނުންކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެ ގައުމުގެ މިނިސްޓްރީ އޮފް އިކޮނޮމީ އެންޑް ފައިނޭންސުން ވަނީ މި ނިޒާމު ހިންގާނެ ފަރާތްތައް ހޮވުމާއި ކަމާބެހޭ އިދާރާތަކާ ގުޅިގެން އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ.

comment ކޮމެންޓް