އެކެއް ފެބްރުއަރީގެ އަމުރު ނެރުމުގައި ސިނާނުގެ ބައިވެރިވުން އެބައޮތް: ދައުލަތް

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ޝިނާން(ކ): އޭނާގެ މައްޗަށް ވަނީ ޓެރެރިޒަމްގެ ދައުވާ އުފުލާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ސޮއިކޮށް އަމުރު ނެރެފައިވަނީ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި އިތުރު މެންބަރުންތަކެއް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ކަމަށް ދައުލަތުން ބުނެފިއެވެ.

ސިނާންގެ މައްޗަށް އުފުލާފައިވާ ޓެރެރިޒަމްގެ އަމަލެއް ހިންގުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ސިނާންގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ފުރަތަމަ ކަމަކީ މިދިޔަ އަހަރުން ފެށިގެން އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ވެރިކަން ބަދަލުކުރަން ކުރި މަސައްކަތުގައި ސިނާން ރިޝްވަތު ހިފައި ގާނޫނީ ސަރުކާރު ގާނޫނާ ޚިލާފަށް ބަދަލުކުރަން އުޅުނު ކަމުގެ ތުހުމަތެވެ.

ދެވަނަ ކަމަކީ ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީ ގައި އަމުރު ނެރުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދެއްވައި ނުފޫޒުފޯރުވުމުގައި އިތުރުބަޔަކާ އެކު ސިނާން ވެސް ބައިވެރިވެފައިވާ ކަމުގެ ތުހުމަތެވެ.

ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީ ގައި ނެރުނު އަމުރަށްފަހު މާލެ ތެރޭގައި ފުލުހުންގެ ބަޔަކު އިތުރު ފުލުހުންތަކަކާ ކުރިމަތިލައި އަމަން ނަގާލަން މަސައްކަތްކޮށްފައިވަނީ ސިނާންއާއި އިތުރު ބައެއްގެ އިރުޝާދުގެ ދަށުން އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފް މެދުވެރިކޮށް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ދައުވާގައިވެއެވެ.

ސިނާންގެ މައްޗަށް ކުރާ ދައުވާ ސާފުވެއްޖެ ތޯ ގާޒީ އަހްމަދު ހައިލަމް އެއްސެވުމުން ސިނާން ވިދާޅުވީ ދައުވާ ސާފުނުވާ ކަމަށެވެ. އަދި ދައުވާ ސާފުނުވާ ސަބަބަތައް ސިނާންގެ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ފާހަގަކުރެއްވިއެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލުންގެ ޓީމުން އެދުނީ ދައުވާ ސާފުކޮށްދިނުމަށް ކޯޓު ރޫމުގައި ހުރި ޓީވީ މެދުވެރިކޮށް ޕްރެޒެންޓޭޝަނެއް ހުށަހަޅައިދިނުމުގެ އިޒުނަޔަކަށެވެ. ގާޒީ ހައިލަމްގެ އިޒުނަޔާ އެކު ޕީޖީގެ ވަކީލުން ވަނީ ޕަވަޕޮއިންޓް ޕްރެޒެންޓޭޝަނަކުން ސިނާންއާ އޭނާގެ ވަކީލުންގެ ޓީމަށް ދައުވާ ތަފްސީލްކޮށް ހުށަހަޅުއްވައިދެއްވާފައެވެ.

އެ ދައުވާއަށް ސިނާން ވަނީ އިންކާރު ކުރައްވާފައެވެ.

ގާޒީ ހައިލަމް ވިދާޅުވީ އެ ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ނިންމަވައި މައުޟޫއީ ގޮތުން ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަވާނީ ޝަރީއަތުގެ ކުރިން ދެ ފަރާތުން ހުށަހަޅާ ކަންކަމަށް ބެލުމަށްފަހުގައި ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހު އޮންނަ ޝަރީއަތުގެ މަޖިލީހަށް އެކަންތައްތައް ހުށަހެޅުމަށް ދެފަރާތަށް ވެސް ގާޒީ އެންގެވިއެވެ.

އެހެން ފަރާތްތަކާ ތަފާތުކޮށް ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ކަމަށް ވިދާޅުވެ ސިނާންގެ ޝަކުވާ!

ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުންނަ އެހެން ފަރާތްތަކާ ޚިލާފަށް ސިނާނަށް ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ޝަކުވާކުރައްވާފައެވެ.

ރަތް ކުލައިގެ ކުދި ގޮޅިޖެހި އަތް ކުރު ގަމީހަކާއި މަޑު ނޫކުލައިގެ ޖިންސެއް ތުރުކުރައްވައިގެން ހުންނެވި ސިނާން ވިދާޅުވީ އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމުން އޭނާގެ ދާއިރާގެ ރައްޔިތުންގެ ކުރިފުޅުމައްޗަށް ނިކުންނެވުމުގައި ފޯމަލްކޮށް ހެދުން އެޅުން ބަހައްޓަވަން ބޭނުންފުޅުވާ ކަމަށެވެ.

ނަމަވެސް ކަރެކްޝަނަލް ސާވިސްގައި އެދުމުންވެސް ގެއިން ރަސްމީ ހެދުން ގެނައުމުގެ ފުރުސަތުދީފައިނުވާ ކަމަށް ސިނާން ވިދާޅުވިއެވެ. އަދި ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ތިއްބެވި ގިނަ ފަރާތްތަކަކަށް ހެނދުނު ހަތަކުން ރޭގަނޑު ނުވަޔަކާ ދެމެދަށް ބޭރަށް ނިކުތުމުގެ ފުރުސަތު ދޭ ކަމަށެވެ. ނަމަވެސް ސިނާން އޮންނަވާ ގޮޅީގައި އެ ފުރުސަތު އޭނާއަށް ދެއްވަނީ ކޮންމެ ދުވަހުކު ގަޑިއެއްގެ އިރަށް ކަމަށާއި އެހެން ހުރިހާ ވަގުތެއްގައި އޮންނަވަން ޖެހިވަޑައިގަންނަވަނީ އެންމެ ކުޑަދޮރެއްލާފައި ހުރި އެ ގޮޅީގައި ކަމަށް ސިނާން ވިދާޅުވިއެވެ.

ގޮޅީގެ ހާލަތު ކިޔައިދެއްވުމަށްފަހު ސިނާން އެދިވަޑައިގަތީ އޭނާގެ ޝަކުވާތަކަށް ކުނޑަ މިންވަރެއްގެ ހައްލެއް ގެނެސްދެވެން އޮތް ނަމަ ގާޒީ ހައިލަމް އެކަމެއް ކޮށްދެއްވުމަށެވެ.

ޖަވާބުގައި ގާޒީ ހައިލަމް ވިދާޅުވީ ސިނާން އެދިވަޑައިގެންނެވި ކަންތައްތައްތަކަށް ހައްލު ހޯދައިދިނުމަށް ކޯޓުން ކަރެކްޝަނަލް ސާވިސްއަށް ލިޔުމުން އަންގާނެ ކަމަށެވެ.

comment ކޮމެންޓް