ކުރީގެ މެންބަރު ސިނާން އެމްޑީޕީއަށް

ކުރީގެ އެމްޕީ އަބްދުﷲ ސިނާން އެމްޑީޕީއަށް ސޮއިކުރައްވައި ޗެއާޕާސަން ފައްޔާޒު އިސްމާއީލާ ފޯމް ހަވާލުކުރައްވަނީ -- ފޮޓޯ/ އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ސިނާން މިއަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

ސިނާން އެމްޑީޕީއާ ގުޅިވަޑައިގެން، ފޯމް ހަވާލުކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއެވެ.

ސިނާން އެމްޑީޕީއަށް ސޮއިކުރެއްވުމުގެ ކުރިން ވެސް އެ ޕާޓީގެ ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ސިނާން މަޖިލީހަށް ހޮވުނީ 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ވާދަކުރައްވައިގެންނެވެ. ނަމަވެސް 2017 ވަނަ އަހަރު މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހެޅި މައްސަލައިގައި އޭރުގެ އިދިކޮޅު ފަރާތްތަކާ އެކު ސޮއިކުރެއްވި ޕީޕީއެމްގެ މެންބަރުންގެ ތެރޭގައި ސިނާން ހިމެނިވަޑައިގަތެވެ.

އޭގެ ސަބަބުން ޕީޕިއެމްގެ އެދުމަށް، މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެންބަރުންގެ ތެރޭގައި ސިނާން ވެސް ހިމެނުނެވެ. އޭގެ ފަހުން އޭނާ އަމިއްލައަށް އެ ޕާޓީން ވަކިވެވަޑައިގަތެވެ.

އޭގެ ފަހުން، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ސިނާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރިއެވެ. ނަމަވެސް އޭރު އޮތް ޕީޕީއެމްގެ ސަރުކާރު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ބަލިވުމުން އޭނާ މިނިވަންކުރިއެވެ.

އޭގެ ފަހުން ސުޕްރީމް ކޯޓުން ކުރި ހުކުމެއްގައި ވަނީ އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމައިފައެވެ. އަދި، އޭނާގެ މައްޗަށް ކުރި ދައުވާ ވެސް ވަނީ އަނބުރާ ގެންގޮސްފައެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގައި ވެސް މަސައްކަތް ކުރެއްވި ސިނާން 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވިއެވެ. ނަަމަވެސް އެ ވޯޓު ކާމިޔާބު ކުރެއްވީ އެމްޑީޕީން ވާދަކުރެއްވި އަހުމަދު ހައިތަމެވެ. އެގޮތުން ހައިތަމަށް 933 ވޯޓު ލިބުނުއިރު ސިނާނަށް ލިބުނީ 693 ވޯޓެވެ.

ސިނާން އެމްޑީޕީއަށް ގުޅިވަޑައިގަތްއިރު، ހައިތަމް ވަނީ މިދިޔަ އަންގާރަ ދުވަހު އެ ޕާޓީން ވަކިވެފައެވެ.

comment ކޮމެންޓް