މެމްބަރު ސިނާނުގެ ގޮނޑިވެސް ނުގެއްލޭކަމަށް ހުކުމް ކޮށްފި

ފެބްރުއަރީ 5، 2018: ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ސިނާނުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ސިނާން ޕީޕީއެމުން ވަކިވާން ހުށަހެޅި 10 ޖުލައި 2017 ވަނަ ދުވަހު ކަމަށެވެ. އަދި ހަމަ އެ ދުވަހު އިލެކްޝަންސް ކޮމިޝަނަށްވެސް ޕީޕީއެމުން ވަކިވާން ސިޓީ ހުށަހަޅާފައިވާ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

ހުކުމުގައި ބުނީ މެމްބަރުކަމުން ވަކިވުމަށް ސިޓީލާ ހިސާބުން އެ މީހަކު މެމްބަރުކަމުން ވަކިވާނެކަމަށް ޕީޕީއެމްގެ އަސާސީ ގަވައިދުގައި ވަރަށް ސަރީހަ އިބާރާތުން ބުނެފައިވާ ކަމަށެވެ. އެހެންކަމުން 20 ޖުލައި 2017 ވަނަ ދުވަހު ސިނާން ޕީޕީއެމްއިން ވަކިކުރިކަން އެ ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް އެންގި ނަމަވެސް، ގާނޫނީ ގޮތުން އޭނާ އެ ޕާޓީން ވަކިވި ކަމަށް ބެލެވޭނީ ޕީޕީއެމްއިން ވަކިވުމަށް އޭނާ ސިޓީ ލީ ތާރީހު ކަމުގައިވާ، 10 ޖުލައި 2017 ވަނަ ދުވަހުކަމަށް ހުކުމުގައި ވެއެވެ.

މެމްބަރުކަމުގެ ގޮނޑި ގެއްލޭ ފަދަ ހާލަތްތަކުގެ ތެރެއިން އެއްވެސް ހާލަތެއް މެމްބަރު ސިނާނަށް ކުރިމަތިވެފައި ނުވާކަމަށްވެސް ހުކުމުގައި ބުނެއެވެ.

މެމްބަރު ސިނާން ޕީޕީއެމުން ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރުމުންނެވެ.

comment ކޮމެންޓް