ކުރީގެ އުއްތަމަ ފަނޑިޔާރާއި ސިނާން އަދި އިލްހާމްގެ ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފި

އަބްދުﷲ ސައީދު ފުލުހުންގެ ލޯންޗަކަށް އަރުވަނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، މަޖިލީހުގެ މެމްބަރުން ކަމަށްވާ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފިއެވެ.

އެ ބޭފުޅުންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ އަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، އިތުރު ބަޔަކާ ގުޅިގެން ގާނޫނީ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލު ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ކުރި ދައުވާ އެކެވެ.

އެ ތިން ބޭފުޅުންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަނބުރާ ގެންގޮސްފައިވާކަން ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވާފައެވެ. ބިޝާމް ވިދާޅުވީ، އެ ބޭފުޅުންގެ ދައުވާ ބާތިލުކޮށް އެކަން އަންގާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ބާތިލުކޮށްފައިވާ އިރު އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް އުފުލި އެވެ. އެ ދައުވާތަކަކީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ އެވެ.

އޭގެ ތެރެއިން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ އޭނާގެ މައްޗަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ހުކުމެއް ވެސް ކޮށްފައެވެ. އޭގެ އިތުރުން އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ ވަނީ ތިން އަހަރާއި ހަތް މަހާއި ހަތަރު ދުވަހުގެ ހުކުމެއް ކޮށްފައެވެ.

އަބްދުﷲ ސައީދާއި އިލްހާމާއި ސިނާނުގެ ދައުވާ އަނބުރާ ގެންދިޔަ އިރު، މިދިޔަ ހަފްތާގެ ތެރޭގައި، ކުރީގެ ރައީސް މައުމޫނާއި، އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމުނާއި، ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާތައް ވެސް ވަނީ އަނބުރާ ގެންގޮސްފައެވެ.

comment ކޮމެންޓް