މިއީ މުޅި ސީޒަންގައިވެސް ކުޅުނު އެންމެ ދަށް މެޗު: ބެންގަލޫރު އެފްސީ

ބެންގަލޫރު އެފްސީ އަދި އިންޑިއާ ގައުމީ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އޭއެފްސީ ކަޕްގައި މިއަދު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ބެންގަލޫރު އެފްސީން ކުޅުނު ކުޅުމަކީ މުޅި ސީޒަންގައިވެސް އެޓީމުގެ ފަރާތުން ފެނުނު އެންމެ ދަށް ކުޅުން ކަމަށް މިއަދު ބެންގަލޫރު ޓީމަށް އިރުޝާދު ދިން ގޯލްކީޕިން ކޯޗު އެޑޫ ގޭސޯލް ބުނެފިއެވެ.

ނިއުއާއި ބެންގަލޫރު އެފްސީން އިންޑިއާގައި ކުޅުނު މެޗުގައި ބެންގަލޫރު ގެ ކޯޗު އެލްބާޓް ރޯކާ ބެންޗުން ފޮނުވާލައިފައި އޮތުމާއެކު މިއަދުގެ މެޗުގައި އޭނާއަށް ބެންޗުގައި އިނުމުގެ ފުރުސަތު އޮތީ ގެއްލިފައެވެ.

ރޯކާގެ ބަދަލުގައި މިއަދު ޓީމަށް އިރުޝާދު ދިނީ އެޑޫ ގޭސޯލެވެ.

ނިއުއާއި ބެންގަލޫރު އެފްސީ މިއަދު ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިއުއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަދުގެ މެޗު ނިއުއިން 2-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާ އިރު، ހެޑް ޓު ހެޑް ނަތީޖާއަށް ބަލައި ނިއު ވަނީ އެއްވަނައަށް ޖެހިލައިފައެވެ. އަދި ގްރޫޕް ސްޓޭޖު ފަހަނައަޅާ ދިއުމަށް ނިއުއަށް ވަނީ އަމިއްލަ ބާރުވެސް ލިބިފައެވެ.

މެޗަށްފަހު ހީރޯ ސުޕަކަޕް ޗެމްޕިއަން، ބެންގަލޫރު އެފްސީގެ ފަރާތުން ވާހަކަ ދައްކަމުން ގޭސޯލް ބުނީ މިއަދުގެ މެޗަކީ މުޅި ސީޒަންގައިވެސް އެޓީމު ކުޅުނު އެންމެ ދަށް މެޗު ކަމަށެވެ.

"މިއީ މުޅި ސީޒަންގައިވެސް ކުޅުނު އެންމެ ދަށް މެޗު. އެކަމާ މެދު ޝައްކެއް ނެތް. ރާއްޖެއައީ ތިން ޕޮއިންޓް ހޯދަން. އެކަމަކު މިއަދު ދެއްކި ކުޅުމުން އެކަން ނުވާނެ. ނިއުއިން މިއަދު ކުޅުނީ ވަރަށް ހަލުވި ރީތި މެޗެއް. ސަޕޯޓަރުންނާއި ހޯމްގެ ފައިދާ ނެގި. މި މެޗުން ބައިވަރު ކަންކަން ދަސްކުރަން ޖެހޭ. ބެންގަލޫރުން މިއަދު ކުޅުނު ކުޅުމުން ދެން އޮތް ބުރަށް ދިއުމަށް އުނދަގޫތަކެއް ކުރިމަތިވާނެ،" ގޭސޯލް ބުންޏެވެ.

ނިއުއާއި ބެންގަލޫރު އެފްސީ މިއަދު ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިއުއިން ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ނިއުއާއި ބެންގަލޫރު އެފްސީ އިންޑިއާގައި ވާދަކުރި މެޗު ބެންގަލޫރުން ފަހުވަގުތު ގޯލް ޖަހައިގެން 1-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައި އޮތުމުން މިއަދުގެ މެޗަށް ނިއު އަންޑައެސްޓިމޭޓް ކުރިތޯ އެހުމުން ގޭސޯލް ބުނީ އެކަހަލަ ގޮތަކުން ނުވިސްނާ ކަމަށެވެ.

"ނިއު އަންޑައެސްޓީމެއް ނުކުރަން. ފުރަތަމަ 15 މިނެޓަށްފަހު ބެންގަލޫރުގެ މައްޗަށް ނިއު ގަދަކުރި. އެހިސާބުން ބެންގަލޫރު އަތުން މެޗު ދިޔަ. ނިއުއިން ވަރަށް ރޫހުގައި، ހިތްވަރު ގަދަ ކުޅުމެއް ދެއްކުން ތަފާތަކަށް ވީ،" ގޭސޯލް ބުންޏެވެ.

މިއަދުގެ މެޗަށް ނުކުތް އިރު، މީގެ ކުރިން ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ބެންގަލޫރު އެފްސީން ކުޅުނު ފަސް މެޗުންވެސް އެޓީމު ވަނީ މޮޅުވެފައެވެ.

"މިއީ ރާއްޖޭގެ ކްލަބެއް އަތުން ބަލިވި ފުރަތަމަ ފަހަރު. އެކަމަކު މީގެ ކުރިންވެސް މޮޅުވީ ފަސޭހަކޮށް ނޫން. އެހެންވީމަ ފުޓުބޯޅައިގައި މިހެންވެސް ވާނެ. 100 ޕަސެންޓް ނުދެއްކެންޏާ ބަލިވާނެ،" ބެންގަލޫރުން ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑު ނިމުމާ ގުޅިގެން ގޭސޯލް ބުންޏެވެ.

ގޭސޯލް ބުނީ އަނެއް ބުރަށް ކޮލިފައިވުމަށް ދެން އޮތީ އުނދަގޫ ހާލަތެއް ނަމަވެސް ދެން އޮތް ދެ މެޗަށްވެސް ނުކުންނާނީ މޮޅުވާން ކަމަށެވެ.

ނިއުއާއި ބެންގަލޫރަށްވެސް އޭއެފްސީ ކަޕްގެ ގްރޫޕް އީ ގައި ބާކީ ދެ މެޗު އޮތް އިރު، ބެންގަލޫރުން ދެން ކުޅެން ޖެހޭނީ އައިޒޯލް އެފްސީއާ ދެކޮޅަށް ހޯމް ގައެވެ. އަދި ޑާކާ އަބަހާނީއާ ދެކޮޅަށް އަވޭގައެވެ.

comment ކޮމެންޓް