ނިއުގެ މޮޅު ކުޅުން، އޮސްކާ ހައިރާން ކޮށްލައިފި!

ނިއުރޭޑިއަންޓާއި ބެންގަލޫރު އެފްސީ ބައްދަލުރާ މެޗުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

ކުޅުންތެރިން ދެއްކި ހިތްވަރު ގަދަ ކުޅުމާއެކު ހައިރާން ކޮށްލައިފި ކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކޯޗު އޮސްކާ ބުރުޒޮން ބުނެފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖު މެޗުގައި ނިއުއިން އިންޑިއާގެ ވަރުގަދަ ބެންގަލޫރު އެފްސީގެ މައްޗަށް ކުރިހޯދީ 2-0ގެ ނަތީޖާއަކުންނެވެ. ގްރޫޕް އީ ގައި ނިއުއާއި ބެންގަލޫރު، އިންޑިއާގައި ކުޅުނު މެޗުން ނިއު ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. މިއަދުގެ ނަތީޖާއާއެކު "ހެޑް ޓު ހެޑް" ނަތީޖާއިން ނިއު އޮތީ ގްރޫޕްގެ އެއްވަނައިގައެވެ. އަދި ނިއު ވެފައި ވަނީ ބެންގަލޫރު އެފްސީ ބަލިކުރި ފުރަތަމަ ދިވެހި ކްލަބަށެވެ.

މިއަދުގެ މެޗަށްފަހު ވާހަކަ ދައްކަމުން ކޯޗު އޮސްކާ ބުނީ މިއަދު ނުކުތީވެސް ދެ ގޯލްގެ ތަފާތަކުން މޮޅުވާން ޖެހިފައި އޮވެގެން ކަމަށާއި އެކަން ހާސިލް ވުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

އޭއެފްސީ ކަޕް 2018: ބެންގަލޫރު ކޮޅަށް ލަނޑު ޖެހުމަށް ފަހު ދަގަނޑޭ ނިއުގެ ކުޅުންތެރީންނާއެކު އުފާފާޅުކުރަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

މީގެ އިތުރުންވެސް މިއަދުގެ މޮޅަކީ ހަމައެކަނި އޭނާ ޝާމިލްވާ މޮޅެއް ނޫން ކަމަށާއި، މިއަދުގެ މޮޅު އެންމެ ހާއްސަ ވަނީ ހިތްވަރުގަދަ ކުޅުންތެރިންނަށް ކަމަށްވެސް އޮސްކާ ބުންޏެވެ.

"އަހަރެން އެކަންޏެއް ނޫން މި މޮޅުގައި ހިއްސާ ވަނީ. އަހަރެން މީގެ ޝާމިލް ކުރަން ޓީމުގެ އޮފިޝަލުންނާ، އަހަރެންގެ އެސިސްޓެންޓުން، ވަކިން ހާއްސަކޮށް ކުޅުންތެރިން. މިއަދު ކުޅުންތެރިން އަހަރެން ހައިރާން ކޮށްލައިފި. ދެއްކީ ވަރަށް މޮޅު ކުޅުމެއް. ފަހަތުން އެހާ ރަނގަޅަށް ޑިފެންސްކޮށް ވަރަށް މޮޅަށް އެޓޭކް ކުރި،" އޮސްކާ ބުންޏެވެ.

އޮސްކާ ވަނީ މިއަދު މެޗުގައި ނިއުގެ ފަހަތުން ފެށިގެން އެންމެ ކުރިއަށް ކުޅުނު ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި ވައިސް ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ގެ ކުޅުމަށްވެސް ވަރަށް ބޮޑަށް ތައުރީފް ކޮށްފައެވެ. އަދި ހާއްސަކޮށް އިންޑިއާ އަދި ބެންގަލޫރުގެ ކެޕްޓަން ސުނިލް ޗެތުރީ ހިފެހެއްޓުމުގައި ނިއުގެ ފަހަތުން ރިލުވާން ވަހީދުު (ރިލޭ) ކުރި މަސައްކަތްވެސް އޮސްކާ ފާހަގަކުރިއެވެ.

"ހުރިހާ ކުޅުންތެރިންވެސް މިކަން ވާނެ ކަމަށް ގަބޫލުކުރި. މިއަދު ވަރަށް ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުރި ކައުންޓާ އެޓޭކްތައް ވަރަށް ފުރިހަމައަށް ދިޔައީ. ކުރިއަށް ކުޅުނު ދަގޭއާއި ސެންޓޭ ކުރީގައި ކުޅުމަށްފަހު މެދުތެރެއަށް ޖެހި ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީގެން ކުޅުނު. ފަހަތުން ވަރަށް ޑިފެންސް ކުރި. އިންޑިއާގެ ސުޕާ ޗެމްޕިއަން ބެންގަލޫރަކީ. އެކަމަކު އެޓީމަށްވެސް މާ ގިނަ ފުރުސަތަކެއް ނު އުފެއްދުނު،" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ ހުރިހާ ކުޅުންތެރިންވެސް މެޗުގެ މުހިއްމުކަން ދަނެ ކްލަބަށްޓަކައި، ގައުމަށްޓަކައި ހިތްވަރު ދެއްކި ކަމަށެވެ. އަދި ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތް ނަމަވެސް އަދި މިއީ ކޮލިފައިވީކީ ނޫން ކަމަށާއި ކުރަން ޖެހޭ މަސައްކަތް ހަނދާން ނައްތާ ނުލާނެ ކަމަށްވެސް އޮސްކާ ފާހަގަކުރިއެވެ.

އޭއެފްސީ ކަޕް 2018: ނިއުރޭޑިއަންޓާއި ބެންގަލޫރު އެފްސީ ބައްދަލުރާ މެޗުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

"މިއަދު އުފާކުރަންވީ ރާއްޖޭގައި ވަރުގަދަ ޓީމެއް އޮތުމުން، މިއަދު އުފާކުރަންވީ ބޮޑު މޮޅެއް ލިބުމުން. ނިއުއަކީ މޮޅުވުމުގެ ރަނގަޅު މެންޓާލިޓީއެއް އޮތް ޓީމެއް. ހުރިހާ ކުޅުންތެރިންވެސް ނިއުއަށް ވާނެކަން ގަބޫލުކުރޭ. މިހާރު ކުޅޭ ސިސްޓަމަށް އިތުބާރުކުރޭ. އެހެންވީމަ މިއީ ނިއު މޮޅުވުމުގެ އެންމެ ބޮޑު ސިއްރަކީ،" މިއަދު ނިއު މޮޅުވުމުގެ ސިއްރަކީ ކޮބާތޯ އެހުމުން އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ މިއަދުގެ މޮޅަކީ ބޮޑު މޮޅެއް ކަމަށާއި، އެހެން ނަމަވެސް ބެންގަލޫރު ބަލިކުރަން އެންމެ މުހިއްމުވީ ގްރޫޕްގެ އެއްވަނައަށް އެރުމަށް ކަމަށެވެ.

"މިއަދުގެ މެޗަކީ ހުރިހާ ގޮތަކުންވެސް އާދައިގެ ކްލަބު މެޗަކަށްވުރެ ބޮޑު މެޗެއް. ދިވެހި ރާއްޖެއާ އިންޑިއާގެ ވާދަވެރިކަން އޮތުމާ. ބެންގަލޫރަކީ އިންޑިއާގެ ޗެމްޕިއަން ޓީމަށް ވުމާ. ބެންގަލޫރަކީ މީގެ ތިން އަހަރު ކުރީ އޭއެފްސީ ކަޕްގެ ރަނަރަޕް ޓީމަށް ވުމާ. ނިއުއާ ބެންގަލޫރަކީވެސް ގައުމީ ލެވެލްގައި އެންމެ ވަރުގަދަ ދެ ޓީމު. އެކަމަކު ކުރިން ވި އެއްވެސް ކަމަކަށް އަހަރެން ސަމާލުކަމެއް ނުދެން. ކުރިން ކުޅުނު މެޗަށްވެސް ސަމާލުކަމެއް ނުދެން. ހަމައެކަނި ގްރޫޕަށް ވިސްނީ،" އޮސްކާ ބުންޏެވެ.

ނިއުއަށް އޭއެފްސީ ކަޕްގައި ބާކީ ދެ މެޗު އޮތް އިިރު، ދެން ނުކުންނަން ޖެހޭނީ ބަނގުލަދޭޝްގެ ދާކާ އަބަހާނީއާ ދެކޮޅަށެވެ. އަންނަ މަހުގެ ދެވަނަ ދުވަހު ކުޅޭ އެ މެޗަކީ ނިއުގެ ހޯމް މެޗެކެވެ. އެއަށްފަހު ގްރޫޕްގެ ފަހު މެޗުގައި ނިއު ނުކުންނާނީ އައިޒޯލް އެފްސީއާ ދެކޮޅަށް އިންޑިއާގައެވެ.

comment ކޮމެންޓް