މަސައްކަތް ކޮށްފިއްޔާ ކޮންމެ ޓީމެއްވެސް ބަލިކުރެވޭނެ: ދަގަނޑޭ

ނިއުގެ ކެޕްޓަން އަލީ އަޝްފާޤު (ދަގަނޑޭ) ބުނީ، މަސައްކަތްކޮށްފިއްޔާ ކޮންމެ ޓީމެއްވެސް ބަލިކުރެވޭނޭ ކަމަށް -- ސަން ފޮޓޯ: ފަޔާޒް މޫސާ

އިދިކޮޅު ޓީމަކީ ކިތަންމެ ވަރުގަދަ ޓީމެއް ނަމަވެސް، ޓީމެއްގެ ގޮތުގައި ރަނގަޅަށް މަސައްކަތް ކޮށްފިއްޔާ ކޮންމެ ޓީމެއްވެސް ބަލިކުރެވޭނެކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު، އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ނިއުރޭޑިއަންޓް ކުޅުނު މެޗުން 2-0 ލަނޑުން ނިއު މޮޅުވެފައި ވާއިރު، އެ މެޗުގައިި ނިއުއިން ކާމިޔާބުކުރި ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދަގަނޑޭއެވެ. މެޗުގައި ނިއުއަށް ލީޑު ނަގައިދިނީ އަލީ ފާސިރު (ސެންޓޭ)އެވެ.

އޭއެފްސީ ކަޕް 2018: ބެންގަލޫރު ކޮޅަށް ލަނޑު ޖެހުމަށް ފަހު ދަގަނޑޭ ނިއުގެ ކުޅުންތެރީންނާއެކު އުފާފާޅުކުރަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ހީރޯ އިންޑިއަން ސުޕަލީގު (އައިއެސްއެލް)ގެ އެންމެ ފަހުގެ ޗެމްޕިއަން ބެންގަލޫރު އެފްސީއަކީ، މީގެ ކުރިން ދިވެހި ކްލަބަކަށް ބަލިކުރެވިފައިވާ ޓީމެއް ނޫނެވެ. އެޓީމު ވަނީ މީގެ ކުރިން ދިވެހި ކްލަބުތަކާ ދެކޮޅަށް ފަސް މެޗެއް ކުޅެފައެވެ.

"الحمد لله. މިއީ ހަމަ މުޅި ޓީމުގެ ހިތްވަރު. އަޅުގަނޑު ދަންނަވާނީ، މަސައްކަތް ކޮށްފިއްޔާ ހަމަ ކޮންމެ ޓީމެއްވެސް ބަލިކުރެވޭނެއޭ،" ބެންގަލޫރު އެފްސީ ބަލިކުރުމަށް ފަހު، ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ބުންޏެވެ.

އޭއެފްސީ ކަޕް 2018: ނިއުރޭޑިއަންޓާއި ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗުގެ ތެރޭން -- ސަން ފޮޓޯ: ފަޔާޒް މޫސާ

މިއަދުގެ މެޗުގައި ނިއުއިން މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފެއްދިއިރު، ދަގަނޑޭއަށް އަދި ސެންޓޭއަށްވެސް ލަނޑުޖަހާނޭ ގިނަ ފުރުސަތުތަކެއް ލިބިގެން ދިޔަކަން ފާހަގަކޮށްލަން ޖެހެއެވެ.

ގްރޫޕް ސްޓޭޖްގައި ނިއުއާ ބެންގަލޫރު ފުރަތަމަ ކުޅުނު މެޗުން، އަމިއްލަ ދަނޑުގައި ބެންގަލޫރު ވަނީ 1-0ގެ ނަތީޖާއަކުން ނިއު ބަލިކޮށްފައެވެ.

މިއަދުގެ މެޗުން މޮޅުވެ ނިއުއިން ވަނީ، ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައި، އެއް ލަނޑުގެ ތަފާތާ އެކު ގްރޫޕު އެއްވަނަ ހޯދައިފައެވެ. ބެންގަލޫރު އެފްސީއަށް ވެސް ވަނީ ނުވަ ޕޮއިންޓު ލިބިފައެވެ.

comment ކޮމެންޓް