ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ޞައްޙަކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ސްޕްރީމް ކޯޓު --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ފަނޑިޔާރުންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ޞައްޙަކަމަށް ސުޕްރީމުކޯޓުން ކަނޑައަޅައިފިއެވެ.

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ ފަނޑިޔާރުކަން ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ބާތިލުކޮށްދިނުމަށް އިދިކޮޅު ތިން މެންބަރުން ހުށަހެޅި މައްސަލައިގައި، އެ އިސްލާހަކީ ސައްހަ އިސްލާހެއް ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަޑިޔާރުން އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.

ދޮޅުގަޑިއިރަށް ދެމިގެންދިޔަ ހުކުމް އިއްވެވުމުގެ މަޖިލީހުގައި ހުކުމް އިއްވަވައިދެއްވީ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އާދަމް މުހައްމަދު އަބްދުﷲއެވެ.

ހުކުމް އިއްވަވަމުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވިދާޅުވީ އެ އިސްލާހަކީ ގާނޫނާ ހިލާފް އިސްލާހެއްކަން ސާބިތުކޮށްދިނުމަށް މައްސަލަ ހުށަހެޅުއްވި ފަރާތުން ގާނޫނީ ހުއްޖަތެއް ދެއްކިފައިނުވާ ކަމަށާއި އެހެންކަމުން އެގާނޫނު ބާތިލްކޮށްދެވެން ނެތް ކަމަށެވެ.

ރައްޔިތުން އެ މައްޗަށް އަމަލުކުރަންޖެހޭ ގާނޫނެއް ފާސްކުރަން ޖެހޭނީ މަޖިލީހުގެ ދެ ބައިކުޅަ އެއްބައި މެންބަރުން ތަޅުމުގައި ހާޒިރުވެތިބޭ ވަގުތެއްގައި ކަމަށާއި ނަމަވެސް ފަނޑިޔާރުންގެ ގާނޫނު ފާސްކޮށްފައިވަނީ އެ އަދަދަށް މެންބަރުން ނެތި ކަމަށް ހުކުމްގައިވެއެވެ. އަދި އެ ގާނޫނަކީ ރައްޔިތުން އަމަލުކުރަންޖެހޭ ގާނޫނެއް ކަމަށް ވެސް ހުކުމުގައިވެއެވެ.

ނަމަވެސް އެ ގާނޫނު ފާސްކޮށްފައިވަނީ ޟަރޫރީ ހާލަތެއްގައި ކަމަށްވުމުން ސިމްޕަލް މެޖޯރިޓީއެއްގައި ގާނޫނު ފާސްކުރެވިދާނެ ކަމަށް ވެސް ހުކުމުގައިވެއެވެ. ޟަރޫރީ ހާލަތެއް ކުރިމަތިވެފައިވަނީ ގަސްތުގައި ބައެއް މެންބަރުން މަޖިލީހަށް ހާޒިރުނުވެ މަޖިލިސް ހުއްޓުމަކަށް ގެނެސްފައިވާތީ ކަމަށް ވެސް ހުކުމުގައި ވެއެވެ.

ޑިމޮކްރެޓިކް ގައުމުތަކުގައި މަޖުބޫރީ ހާލަތެއް ނެތި ޖަލްސާތައް ބޮއިކޮޓް ކުރާނަމަ ފިޔަވަޅު އެޅުމުގެ އުސޫލްތަކެއް ހަދާފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އަދި އެފަދަ ގަވާއިދެއް ރާއްޖޭގައި ނެތްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ބައެއް މެންބަރުންގެ ސަބަބުން މަޖިލިސް ހުއްޓި ކޮންމެހެން ފާސްކުރަން ޖެހޭ ގާނޫނުތަކެއް ފާސްނުކުރެވި މަޖިލިސް ޑެޑްލޮކަކަށް އައިސްފައިވާނަމަ ބައެއް ބަރުލަމާނީ ނިޒާމްތަކުގައި މަޖިލިސް އުވާލުމުގެ ބާރު ރައިސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް ހުކުމްގައި ބުނެއެވެ. އަދި އެ ފަދަ ހާލަތެއްގައި ސިޔާސީ ހައްލެއް ގެނެސް މަޖިލިސް ކުރިއަށް ގެންދިއުމުގެ ބާރު ވެސް ރައީސަށް ލިބިގެންވާ ކަމަށް ހުކުމްގައިވެއެވެ.

ފަނޑިޔާރު ކަމަށް އައްޔަނު ކުރެވެނީ ގާނޫނުއަސާސީގައި ބުނާ ޝަރުތުތައް ފުރިހަމަ ވެގެން ކަން ފާހަގަ ކުރައްވައި، ހުކުމްގައި ވަނީ ފަނޑިޔާރުން މަގާމުގައި ތިބޭނީ ވެސް އެ ޝަރުތުތަކާ އެއްގޮތަށް އަމަލު ކުރުމުގެ މަތީގައި ދެމިތިބުމަށްޓަކައި ކަމަށާއި ޝަރުތު ނެތިދާ ހާލަތުގައި ފަނޑިޔާރު ކަމުން ވަކިވުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް