ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް)ގެ ކިކް އޮފް އިވެންޓެއްގެ ގޮތުގައި ބާއްވަން ނިންމާފައިވާ ހޮޓެލިއާ ސަމިޓްގެ އެންމެ ފަހުގެ ތައްޔާރީތައް ފަށައިފިއެވެ.
މިމަހުގެ 30 ވަނަ ދުވަހު ހެނދުނު ނުވަޔަކުން މެންދުރު އެކަކަށް ބަނޑޮސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ކުރިއަށް ގެންދާ މި އިވެންޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުން އެއްތަނަކުން ބައްދަލުވުވުމަށް އޮތް ފުރުސަތެކެވެ.
މި އިވެންޓުގައި ފަތުރުވެރިކަމުގެ ދާއިރާގެ 150 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވާނެއެވެ. އޭގެ ތެރޭގައި ރިސޯޓުތަކާއި ހޮޓެލްތަކުގެ ޖެނެރަލް މެނޭޖަރުންނާއި އިސް މެނޭޖުމެންޓުގެ ބޭފުޅުން، ބައިނަލްއަގުވާމީ ޓްރެވަލް ޓްރޭޑް މާކެޓުގައި ފާހަގަކޮށްލެވޭ ފަރާތްތަކުން އަދި ޓުއަރިޒަމް ދާއިރާގެ އިސް ފަރާތްތައް ބައިވެރިވެލައްވާނެއެވެ. މި ސަމިޓްގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކައި މަޝްވަރާކުރާނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ދަތުރުކުރަމުންދާ މިސްރާބާއި ކުރިއަށް އޮތްތަނުގައި މި ދާއިރާ ކުރިއަރުވަން ކުރަންވީ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.
މި އިވެންޓާ ގުޅޭގޮތުން އިވެންޓް އިންތިޒާމުކުރާ މޯލްޑިވްސް ގެޓަވޭސްގެ ސީއީއޯ ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ މިއީ ޓުއަރިޒަމް ދާއިރާގެ ފަރާތްތައް އެއްތަނަކަށް އެއްވެ ދާއިރާ އާ ގުޅޭ މަޝްވަރާތައް ކުރުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިވެންޓު ކަމަށެވެ.
ނެޓްވޯކިން ހަރަކާތްތަކާއި ޕެނަލް ޑިސްކަޝަންތަކާ އެކު ކުރިއަށްދާ މި ސަމިޓްގެ ކީ ނޯޓް ސްޕީކަރުންގެ ގޮތުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތުއާއި ކްރައުން ކޮމްޕެނީގެ ޑިރެކްޓަރު އަހުމަދު ނަޒީރު ބައިވެރިވެ ވަޑައިގަންނަވާނެއެވެ.