ގެއްލުނު ކުދިން ހޯދަން ރޮބަޓް ބޭނުންކޮށްގެން ކަނޑު އަޑި ބަލައިފި

ގެއްލުނު ކުދިން ހޯދަން އެމްއެންޑީއެފް އިން ބޭނުން ކުރި ރޮބަޓް -- ފޮޓޯ/ އެމްއެންޑީއެފް

މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީ ހިތަދޫ އިން މޫދަށް އެރި އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމަށް ޑައިވިން ރޮބަޓް ބޭނުންކޮށްގެން މިއަދު ކަނޑު އަޑި ބަލައިފަވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް މިރޭ ވިދާޅުވީ ގެއްލުނު ކުދިން ހޯދުމަށް ޑައިވިން ރޮބަޓް ބޭނުންކޮށްގެން ކަނޑު އަޑި ބެލުމުގެ އިތުރުން ހެލިކޮޕްޓަރުގެ ބޭނުންކޮށް ވައިގެ މަގުން ވެސް ކުދިން ހޯދުމުގެ މަސައްކަތް މިއަދުވެސް ކޮށްފައިވާ ކަމަށެވެ.

ގެއްލުނު ކުދިން ހޯދުން ހުއްޓާނުލާނެ ކަމަށާއި އެކަމުގައި އެމްއެންޑީއެފްގައި ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ފަހުމީ އަދި އެ ރަށު ޓޮޕާޒް، އުމުރުން 14 އަހަރުގެ މަޔާމިން އަލީ ގެއްލިފައި ވަނީ އިތުރު ކުއްޖަކާ އެކު މޫދަށް އެރި އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު ވަގުތެއްގަ އެވެ.

އެ ހާދިސާގައި ފަހުމީ އަދި މަޔާމިންއާ އެކު މޫދަށް އެރުނު ހިތަދޫ، ބުލޫގެ ރާއިފް އަލީ ވަނީ ސަލާމަތްވެފައެވެ.

ހޯދަމުންދާ ކުއްޖެއްގެ ސޯޓެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ އިރު، ދެ ކުދިންގެ ތެރެއިން ކުއްޖެއްގެ ޓީޝާޓެއް ކަމަށް ބެލެވޭ އެއްޗެއް އިއްޔެ ވަނީ ފެނިފަ އެވެ.

ނަމަވެސް އެއީ އެއިން ކުއްޖެއްގެ އެއްޗެއް ނޫން ކަމަށް، އެ ދެ ކުދިންނާ އެކު މޫދަށް އެރި އުޅެނިކޮށް ސަލާމަތްވި 17 އަހަރުގެ އަލީ ރާއިފު ބުނެ އެވެ.

comment ކޮމެންޓް