"ގަލީ ބޯއީ"ގެ ޝޫޓިން ނިންމާލައިފި

ގަލީ ބޯއީގެ ޝޫޓިން ނިންމާލުން --

ޒޯޔާ އަޚްތަރު ޑައިރެކްޓުކޮށް، އާލިއާ ބަޓް އަދި ރަންވީރު ސިންގް ލީޑު ރޯލުތަކުން ފެނިގެންދާ ފިލްމު "ގަލީ ބޯއީ"ގެ ޝޫޓިން އެއްކޮށް ނިންމާލައިފި އެވެ.

ފިލްމުގެ ޝޫޓިން ފަށައިފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. ޒޯޔާގެ އިތުރުން ރަންވީރު އަދި އާލިއާ ވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ފިލްމުގެ ޝޫޓިން ނިމުނުކަން ހާމަކޮށްފަ އެވެ.

ޝޫޓިން ނިމުމުން އެކަން ފާހަގަ ކުރުމަށް ފިލްމުގެ ކާސްޓް އަދި ކްރޫ ވަނީ ބޮޑު ޕާޓީއެއް ވެސް ބާއްވައިފަ އެވެ. އެ ޕާޓީ ތެރެއިން ރަންވީރު ރެޕް ލަވައެއް ހުށަހަޅައިދޭ ވީޑިއޯއެއް ވެސް ވަނީ އާންމު ވެފަ އެވެ.

މުމްބާއީގައި ޝޫޓު ކުރި ''ގަލީ ބޯއީ'' އަކީ މުމްބާއީގެ ސްޓްރީޓް ރެޕަރުން ކަމުގައިވާ ނޭޒީ އަދި ޑިވައިންގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

މިއީ ރަންވީރާއި އާލިއާ އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރެވެ. ރަންވީރު ވަނީ މީގެ ކުރިން ޒޯޔާގެ ފިލްމު 'ދިލް ދަޅަކްނޭ ދޯ'ގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ފަރްހާން އަޚްތަރު ކޯ-ޕްރޮޑިއުސް ކުރާ 'ގަލީ ބޯއީ' ރިލީޒް ކުރާނީ އަންނަ އަހަރުގެ ފެބުރުއަރީ މަހު އެވެ.

comment ކޮމެންޓް