ސަން އަކުއާ ބްރޭންޑުގެ ތިންވަނަ ރިސޯޓް "އިރު ވެލި" އޮކްޓޯބަރުގައި ހުޅުވަނީ

"ސަން އަކުއާ އިރު ވެލި" ގެ ނަމުގައި އަންނަ އޮކްޓޯބަރު މަހު ހުޅުވަން ތައްޔާރުވަމުންދާ ފަސް ތަރީގެ ރިސޯޓުގެ ސޫޓްއެއް އެތެރެ --- ފޮޓޯ/ އިރު ވެލި ރިސޯޓް

ސަން ސިޔާމް ރިސޯޓްސްގެ ރިސޯޓު ބްރޭންޑް "ސަން އަކުއާ"ގެ ތިންވަނަ ރިސޯޓު އަންނަ އޮކްޓޫބަރު މަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.

ދ. ބަނޑިދޫ ކައިރީގައި އޮންނަ އަލުވިފުށީގައި ތަރައްގީކޮށް "ސަން އަކުއާ އިރު ވެލި"ގެ ނަމުގައި ހުޅުވާ އެ ރިސޯޓަކީ ފަސް ތަރީގެ ޕްރިމިއަމް އޯލް އިންކުލޫސިވް ރިސޯޓެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭނުގައި 40 މިނެޓުން ދެވޭ ދުރުމިނެއްގައި އޮންނަ ދ. އަލުވިފުށީގައި ތަރައްގީކުރާ ރިސޯޓުގައި ބީޗު ވިލާ، ވޯޓާ ވިލާ އަދި ސުއީޓްއާއެކު ޖުމްލަ 125 ކޮޓަރި ހުންނައިރު، ލަގްޒަރީ ފެންވަރަށް ހަދާފައި ހުރި ކޮންމެ ކޮޓަރިއެއްގައި ވެސް ޕްރައިވެޓް ޕޫލްއެއް އޮވެއެވެ.

"ސަން އަކުއާ އިރު ވެލި" ރިސޯޓުގެ މޫދު ކޮޓަރިއެއް --- ފޮޓޯ/ އިރު ވެލި ރިސޯޓް

އިރު ވެލި ރިސޯޓްގެ ހާއްސަ ކަންތައްތައް ފާހަގަކޮށް ސަން ސިޔާމް ރިސޯޓްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޒުލައިހާ މަނިކް (ޒުލޭ) ވިދާޅުވީ، އެ ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ބޭނުންވާ ޕްރައިވަސީ އެންމެ ފުރިހަމަ ގޮތުގައި ދިނުމުގެ ގޮތުން، ބެކް އޮފް ދަ ހައުސް އޮޕަރޭޝަންތަކާއި ޓީމް މެމްބަރުންގެ އެކޮމަޑޭޝަން ހަމަޖެހިފައިވަނީ މައި ރަށުގެ ކައިރިން ހަދާފައިވާ އޮންނަ ވަކި ރަށެއްގައި ކަމަށެވެ.

އަދި މެދުއިރުމަތީގެ މާކެޓަށް ހާއްސަކޮށްގެން ބީޗް ވިލާ ކެޓަގަރީގެ ހާއްސަ ކޮޓަރިތަކެއްގެ އެތެރޭގައި ވެސް ޕޫލް ހަދާފައި ހުރުމަކީ އެ ރިސޯޓުގެ ހާއްސަ އެއް ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަން އަކުއާ އިރު ވެލި" ގެ ނަމުގައި އަންނަ އޮކްޓޯބަރު މަހު ހުޅުވަން ތައްޔާރުވަމުންދާ ފަސް ތަރީގެ ރިސޯޓުގެ ބީޗް ވިލާއެއްގެ އެތެރެ --- ފޮޓޯ/ އިރު ވެލި ރިސޯޓް

އޭގެ އިތުރުން ހުރިހާ ގެސްޓުންނަށް ބޭނުން ކުރެވޭ ގޮތަށް ފެންވަރު ރަނގަޅު ޕޫލަކާއި، ހުރިހާ ވަސީލަތްތަކެއް ފުރިހަމަ ރިކްރިއޭޝަން ސެންޓަރަކާއި މޫދު ކުޅިވަރަށް ހާއްސަ ވޯޓާ ސްޕޯޓްސް ސެންޓަރެއްގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ކިޑްސް ކުލަބެއް އެ ރިސޯޓުގައި ހިމެނޭއިރު، އޯވާ ވޯޓާ ސްޕާއެއް ހުރެއެވެ.

އެއާއެކު ރާއްޖެ އާއި ވޯލްޑް ކުލާސް އިންޓަނޭޝަނަލް ކެއުންތައް ލިބޭ ގޮތަށް ސަން އަކުއާ އިރު ވެލި ރިސޯޓުގައި ޖުމްލަ ތިން ރެސްޓޯރެންޓާއި ދެ ބާ ހިމެނެއެވެ.

އޭގެ ތެރޭގައި އިންޓަނޭޝަނަލް މެނޫ އަކާއެކު ހުރިހާ ގަޑިއެއްގައި ވެސް ހިދުމަތް ލިބޭ ރެސްޓޯރެންޓަކާއި ތާޒާ ސީފުޑް އާއި މަހުގެ ބާވަތްތަކަށް ހާއްސަ ކޮށްގެން ގްރިލް ރެސްޓޯރެންޓެއް ބީޗުގައި ހަދާފައިވާއިރު، އިޓަލީގެ ރަހަތަކަށް ހާއްސަ އޯވާ ވޯޓާ ރެސްޓޯރެންޓެއް ހިމެނެ އެވެ.

"ސަން އަކުއާ އިރު ވެލި" ގެ ނަމުގައި އަންނަ އޮކްޓޯބަރު މަހު ހުޅުވަން ތައްޔާރުވަމުންދާ ފަސް ތަރީގެ ރިސޯޓުގެ ބީޗް ވިލާއެއްގެ އެތެރެ --- ފޮޓޯ/ އިރު ވެލި ރިސޯޓް

ޒުލޭ ވިދާޅުވީ، އިރު ވެލި ރިސޯޓް ޕްރޮމޯޓްކޮށް އިސްތިހާރު ކުރުމަށް ސަން ސިޔާމް ރިސޯޓްސްއިން މިއަހަރު ޖަރުމަނުގެ ބާލިންގަ އާއި އިނގިރޭސިވިލާތުގެ ލަންޑަން އަދި މެންޗެސްޓާގައި ހަރަކާތްތަކެއް ހިންގައިފައިވާ ކަމަށެވެ.

އަދި ވިދާޅުވީ، ޖަޕާނުގެ މާކެޓްތަކަށް އަމާޒުކޮށް އެގައުމުގެ ވެރިރަށް ޓޯކިޔޯގެ މާދަމާ ހަރަކާތްތަކެއް ހިންގަން ނިންމައިފައިވާއިރު، ކުރިއަށް އޮތް މަސްތަކުގައި ޗައިނާ އަދި ކޮރެއާ ފަދަ ގައުމުތަކުގައި ވެސް އިރު ވެލި ރިސޯޓް ޕްރޮމޯޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"ސަން އަކުއާ އިރު ވެލި" ގެ ނަމުގައި އަންނަ އޮކްޓޯބަރު މަހު ހުޅުވަން ތައްޔާރުވަމުންދާ ފަސް ތަރީގެ ރިސޯޓުގެ ބީޗް ވިލާއެއްގެ އެތެރެ --- ފޮޓޯ/ އިރު ވެލި ރިސޯޓް

ސަން އަކުއާ އިރު ވެލި ވެގެން ދާނީ ސަން ސިޔާމް ރިސޯޓްސްއިން ހުޅުވާ ފަސްވަނަ ރިސޯޓަށެވެ. އަދި "ސަން އަކުއާ" ބްރޭންޑުގެ ދަށުން ހުޅުވާ ތިންވަނަ ޕްރޮޕަޓީއަށެވެ.

ސަން ސިޔާމް ރިސޯޓްސްއިން މިހާރު ހިންގާ ރިސޯޓުތަކަކީ ސަން އަކުއާ ބްރޭންޑުގެ ދަށުން ދ. މީދުއްފުށީގައި ހިންގާ ސަން އަކުއާ ވިލުރީފް ރިސޯޓާއި، ސްރީލަންކާގެ އިރު އިތުރުގައި އޮންނަ ބަޓިކަލޯ ޑިސްޓްރިކްޓުގައި ހިންގާ ސަން އަކުއާ ޕާސިކުޑައާއި، ކ. އޮޅުވެލީގައި ހިންގާ އޮޅުވެލި ބީޗު އެންޑް ސްޕާގެ އިތުރުން ނ. އިރުފުށީގައި ހިންގާ ސަން ސިޔާމް ރިސޯޓްސްގެ ފްލެގްޝިޕް ރިސޯޓު "ދަ ސަން ސިޔާމް އިރުފުށި"އެވެ.

comment ކޮމެންޓް