ރާއްޖޭގެ އޮކިއުޕެންސީ 73 ޕަސެންޓަށް މައްޗަށް

ރާއްޖެއައި ފަތުރުވެރިންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އޮކިއުޕެންސީ 73 ޕަސެންޓަށް އަރައިފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިންގެ އޮކިއުޕެންސީ ރޭޓަކީ 73.9 ޕަސެންތެވެ. އަދި އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި 69.9 ޕަސެންޓަށްވުރެ 4.8 ޕަސެންޓްގެ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ރާއްޖެއަށް 420,103 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ޒިޔާރަތްކުރި 359,053 ޓޫރިސްޓުންނަށްވުރެ 17 ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ މާޗު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 133،466 ފަތުރުވެރިންނެވެ. އެއީ މިދިޔަ އަހަރުގެ މާޗް މަހާއަޅާބަލާއިރު 18.5 ޕަސެންޓް ކުރިއެރުމެކެވެ.

މި އަހަރު މާޗްމަހުގެ ނިޔަލަށް އެންމެ ގިނައިން ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. އެއީ 238،696 ޓޫރިސްޓުންނެވެ. އަދި ޒިޔާރަތްކުރި ޓޫރިސްޓުންގެ 56.8 ޕަސެންޓެވެ. ދެން އެންމެ ގިނައިން އައިސްފައި ވަނީ އޭޝިއާ ޕެސިފިކްގެ ގައުމުތަކުންނެވެ. އެއީ 147،466 ޓޫރިސްޓުންނެވެ. އަދި ޒިޔާރަތްކުރި ޖުމްލަ ޓޫރިސްޓުންގެ 35.1 ޕަސެންޓެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގައި 758 ތަނަކުން ޓޫރިސްޓުންނަށް ހިދުމަތް ދެމުންގެންދެއެވެ. އެއީ ޖުމުލަ 41,894 އެނދު ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް