އައްޑޫ ސިޓީ ހިތަދޫ ފުއްޓަރު ފަރާތަށް މޫދަށް ދިޔަ ދެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

އައްޑޫ ސިޓީގެ ފުއްޓަރު ފަރާތް: އެ ސަރަހައްދަށް މޫދަށް އެރި އުޅުނު ދެ ކުއްޖަކު ގެއްލިގެން ހޯދަމުން ދަނީ --- ފޮޓޯ: ސަމާހް

އައްޑޫ ސިޓީގެ ހިތަދޫ ފުއްޓަރު ފަރާތަށް މޫދަށް އެރިއުޅުނު ދެ ކުއްޖަކު ގެއްލިގެން އެމްއެންޑީއެފުން އެ ކުދިން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި ހޯދަމުން ދަނީ 15 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިންނެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އައްޑޫ ސިޓީގެ ކޯއްޓޭ ސަރަހައްދަށް މޫދަށް އެރި އުޅުނު ތިން ކުއްޖަކު ގެއްލިގެން އެމްއެންޑީއެފްގެ ސަދަން އޭރިއަށް ރިޕޯޓްކޮށްފައިވާ ކަމަށާއި ހިތަދޫ ފަޔާ ސްޓޭޝަންގެ ސިފައިން ކުރި މަސައްކަތުން މިހާތަނަށް އެއްކުއްޖަކު ފެނިފައިވާ ކަމަށެވެ. އަދި އެކުއްޖާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ފުއްޓަރު ފަރާތް: އެ ސަރަހައްދަށް މޫދަށް އެރި އުޅުނު ދެ ކުއްޖަކު ގެއްލިގެން ހޯދަމުން ދަނީ --- ފޮޓޯ: ސަމާހް

މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުނު ތިން ކުދިންގެ ތެރެއިން ފެނުނީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އެކުއްޖާ މިވަގުތު އެޑްމިޓްކޮށްފައި ވަނީ އޮބްޒަވޭޝަނަށް ކަމަށް ރީޖަނަލް ހޮސްޕިޓަލުގެ ޑިރެކްޓަރު ޝާހު ސައީދު ވިދާޅުވިއެވެ.

ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ޑައިވަރުންގެ ޓީމަކުން މިހާރު އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް