ދެވަނަ މެޗުގައި ބީޖީ ވެސް ބަލިކޮށް ސިފައިންގެ ކްލަބުން އުންމީދު ބޮޑުކޮށްފި

ދެވަނަ ޑިވިޝަންގެ ގްރޫޕް އެކެއްގައި ސިފައިން ކްލަބުން ކުޑަ ހެންވޭރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އެފްއޭއެމް ދެވަނަ ޑިވިޝަންގެ ގްރޫޕް އެކެއްގައި ދިވެހި ސިފައިންގެ ކްލަބުން ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެ، އެ ޓީމުން ސެމީގެ ޖާގަ ބޮޑުކޮށްފި އެވެ.

އިއްޔެގެ މެޗަށް ނުކުތް އިރު، ސިފައިން އޮތީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޕީކޭ ބަލިކޮށް، ތިން ޕޮއިންޓް ހޯދައިފަ އެވެ. މިހާތަނަށް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެ، ބީޖީ ވަނީ ގްރޫޕް ސެޓޭޖުން ކަޓައިފަ އެވެ.

ސިފައިންގް ކްލަބު އަދި ބީޖީއަށް ވެސް ގްރޫޕް ސްޓޭޖުގައި އަދި ބާކީ މެޗެއް އެބައޮތެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ހާފް 0-0ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނު ނަމަވެސް، އެ ހާފްގައި ވެސް ގިނަ ހަމަލާތަކެއް އުފެއްދީ ސިފައިންގެ ކްލަބުންނެވެ. ހާއްސަކޮށް ބީޖީގެ ކީޕަރުގެ ފަރާތުން އެ ހާފްގައި މޮޅު ކުޅުމެއް ފެނިފައިވާ ކަން ފާހަގަކޮށްލެވުނެވެ.

ދެވަނަ ހާފަށް ވެސް ވަރުގަދަކޮށް ނުކުތީ ސިފައިންގެ ޓީމުންނެވެ. އެޓޭކް ވަރުގަދަ ކޮށް ކުޅެމުން ދިޔަ ސިފައިންގެ ޓީމުން ލީޑު ނެގީ މެޗުގެ 52 ވަނަ މިނެޓުގަ އެވެ.

މެޗުގައި ސިފައިންގެ ޓީމުން ޖެހި ތިން ގޯލް ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޔުކުރެއިން މިޑްފީލްޑަރު ވަލްޔެޔޭވް ރިނާއެވެ. ރިނާއަކީ މީގެ ކުރިން ޔުކުރެއިންގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.

ރިނާ މެޗުގައި ޖެހި ދެވަނަ ގޯލަކީ ޕެނެލްޓީއެކެވެ. އަދި ތިން ވަނަ ގޯލަކީ ބީޖީގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއް ސީދާ ގޯލަށް ފިނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މި އަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހައިލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ކުޑަހެންވޭރު ޔުނައިޓެޑާއި ބީޖީގެ އިތުރުން ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ޕީކޭއެވެ.

ދެވަނަ ގްރޫޕްގައި ހިމެނެނީ ޖޭޖޭ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބުގެ އިތުރުން ދަ ގޭންގް އަދި ޒެފްރޯލެވެ.

ދެވަނަ ޑިވިޝަންގެ މެޗެއް މިއަދު ވެސް އޮންނާނެ އެވެ. ވާދަކުރާނީ ގްރޫޕް އެކެއްގެ ކުޑަހެންވޭރު ޔުނައިޓެޑާއި ކްލަބު ޕީކޭ އެވެ.

comment ކޮމެންޓް