ޕީއެސްއެމް، ވޯލްޑް ކަޕް 2018 ކަވަރޭޖްގެ ޕްރެޒެންޓިން ޕާޓްނަރަކަށް އުރީދޫ

ފީފާ ވާލްޑް ކަޕް 2018 ޕީއެސްއެމް ކަވަރޭޖްގެ ޕްރެޒެންޓިން ޕާޓްނަރަކަށް އުރީދޫ ހަމަޖެއްސުން -- ސަން ފޮޓޯ

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭން ހަމަޖެހިފައިވާ، ފީފާ ވޯލްޑް ކަޕް، ރަޝިއާ 2018ގެ ކަވަރޭޖްގެ ޕްރެޒެންޓިން ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ޕީއެސްއެމްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ފީފާ ވޯލްޑް ކަޕް 2018 ޕީއެސްއެމް ކަވަރޭޖްގެ ޕްރެޒެންޓިން ޕާޓްނަރަކަށް އުރީދޫ ހަމަޖައްސައި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލްއެވެ. އަދި އުރީދޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫގެ ސީއީއޯ ނަޖީބް ހާންއެވެ.

އެއްބަސްވުމަށްފަހުގައި ވާހަކަފުޅު ދައްކަވަމުން ހަލީލް ވިދާޅުވީ، ވޯލްޑް ކަޕްގެ ދުވަސްވަރު ކައިރިވަމުންދާއިރު ޕީއެސްއެމްއިން އަންނަނީ އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ކަމަށެވެ. އެގޮތުން މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ޕީއެސްއެމް ނެޓްވާކާއި އުރީދޫ ނެޓްވާކް މެދުވެރިކޮށް ވޯލްޑް ކަޕް ވީހާވެސް ފުޅާދާއިރާއެއްގައި ވީހާވެސް ގިނަބަޔަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އުރީދޫގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ނަޖީބް ހާން ވިދާޅުވީ، އުރީދޫއަކީ އަބަދުވެސް ކުޅިވަރުގެ ކަންކަމަށް ވަރަށް އިސްކަންދޭ ބައެއްކަމަށެވެ. ހާއްސަކޮށް ފުޓްބޯޅައަކީ އެކުވެރިކަން ބަދަހިކޮށް އެންމެން އެއްތަނަކަށް ގެނުވާ ކުޅިވަރެއްކަމުން އުރީދޫގެ ނެޓްވާކް މެދުވެރިކޮށް އެންމެ ރަނގަޅު ކޮލިޓީގައި ވޯލްޑް ކަޕްގެ ކަންކަން ހުރިހާ އެންމެންނާ ހަމައަށް ގެނެސްދިނުމުގައި ޕީއެސްއެމްއާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރާއްޖޭގައި ވޯލްޑް ކަޕް ދެއްކުމާބެހޭގޮތުން ހަލީލް ވިދާޅުވީ، ފީފާއިން އިންޑިއާ ހިމެނޭ ސަރަހައްދުން ވޯލްޑް ކަޕް ކަވަރޭޖްގެ އެކްސްކުލޫސިވް ރައިޓްސް ދީފައިވަނީ ސޮނީއަށް ކަމަށެވެ. އަދި އެ ރައިޓްސްގެ ދަށުން ރާއްޖޭގައި ވޯލްޑް ކަޕް ކަވާ ކުރުމުގެ ރައިޓްސް މިހާތަނަށް ސޮނީ އިން ދީފައިވަނީ ހަމައެކަނި ޕީއެސްއެމްއަށް ކަމަށްވެސް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ، ޕީއެސްއެމް ނޫން އެހެން ބަޔަކަށް ރާއްޖޭގައި ވޯލްޑް ކަޕް ކަވާ ކުރުމުގެ ހުއްދަ އެހެން ފަރާތަކަށް ދީފައިވާކަން އަދި ދޭން އުޅޭކަންވެސް ސޮނީއިން ޕީއެސްއެމްއަށް އަންގާފައި ނުވާކަމަށެވެ.

ޚަލީލު އެހެން ވިދާޅުވި ނަމަވެސް، ރާއްޖޭގައި ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދޭ މީޑިއާނެޓާއި އަދި ދިރާގު ޓީވީންވެސް ވަނީ މިފަހަރުގެ ވޯލްޑް ކަޕްގެ މެޗުތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދޭނޭކަން ހާމަކޮށްފައެވެ.

comment ކޮމެންޓް