ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް 2015 ވަނަ އަހަރު އަހްމަދު އަދީބް އައްޔަނުކުރި ހިސާބުން ފެށިގެން، ގާނޫނީ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މަސައްކަތް ފެއްޓެވި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ، 2015 ވަނަ އަހަރުން ފެށިގެން ގާނޫނީ ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ރައީސް މައުމޫން ފައްޓަވާފައިވާކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީގެން ވެސް ސަރުކާރު ވައްޓާލުމަށް ރައީސް މައުމޫން މަސައްކަތް ކުރެއްވި ކަމަށް ޝިފާން ވިދާޅުވިއެވެ.
"ދެހާސް ސޯޅަ ވަނަ އަހަރު ވެސް މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ހުށަހަޅައި އަދި ބައެއް ފަރާތްތަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީ އިދިކޮޅު ސިޔާސީ ފަރާތްތަކާ ގުޅުވުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ފާހަގަކުރެވޭ. މިގޮތުން މިމަސައްކަތްތަކުގައި ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ އަރިސް ބައެއް ފަރާތްތައް މަސައްކަތްކޮށްފައިވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" ޝިފާން ވިދާޅުވިއެވެ.
މަޖިލީހުގެ ތެރެއިން ސަރުކާރު ބަދަލުކުރުމަށް މެންބަރުންނަށް ރިޝްވަތު ދިނުމުގައި މިދިޔަ އަހަރުވެސް ރައީސް މައުމޫން މަސައްކަތް ކުރެއްވި ކަމަށް ޝިފާން ފާހަގަކުރެއްވިއެވެ. އަދި ރިޝްވަތު ހުށަހެޅުމުގައި އެންމެ އިސްކޮށް އުޅުއްވީ، މައުމޫން އިތުރުން ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާއި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ކަމަށް ޝިފާން ވިދާޅުވިއެވެ. އަދި އެ ހަތަރު ބޭފުޅުންގެ އަރިސް ފަރާތްތަކުން ވެސް އެ މަސައްކަތުގައި ބައިވެރިކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
މަޖިލީހުގެ އިތުރުން ކޯޓުތަކުގެ ފަނޑިޔާރުންނަށް ރިޝްވަތު ހުށަހަޅާފައިވާ ކަމުގެ ހެކި، ކަޅު ފޮށްޓެއްގައި ރައްކާކޮށްފައި ހުއްޓާ ރައީސް މައުމޫނާ އަރިސް ފަރާތެއްގެ ގެއިން ފެނުނުކަން ޝިފާން ފާހަގަކުރެއްވިއެވެ. އަދި އެ ފޮށްޓަކީ ރައީސް މައުމޫން ދިރިއުޅުއްވި އެންދެރިމާގެއިން އެންދެރިގަސްގެއަށް ގެންގޮސްފައިވާ ފޮށްޓެއް ކަން ތަހްގީގަށް ފާހަގަވެފައިވާކަމަށް ޝިފާން ވިދާޅުވިއެވެ.
"ރިޝްވަތު ދިނުމާއި ވެރިކަން ބަދަލުކުރުމަށް ކޯޓުތަކުގެ ތެރެއިން މަޖިލީހުގެ ތެރެއިން ޣައިރުގާނޫނީ ގޮތުން ކުރަމުންދިޔަ މަސައްކަތްތަކުގެ ހެކި ކަޅު ފޮށިން ލިބިފައިވާކަން އަޅުގަނޑުމެން ޔަގީން ކުރަން،" ފުލުހުންގެ ތަރުޖަމާން ވިދާޅުވިއެވެ.