އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝަމްޢާން ވަހީދުގެ މައްސަލައިގައި ހުރިހާ ނިންމުމެއް ނިންމާފައި ވަނީ، ތަހުގީގަށް ލިބުނު ހެކިތަކަށް ބިނާކޮށް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިދިޔަ އަންގާރަ ދުވަހު 25 އަހަރަށް ޖަލަށްލާން ހުކުމް ކުރުމުގެ ކުރިން ޝަމްޢާން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުވުމުގައި ޝަމްޢާން ވަނީ، އޭނާގެ މައްޗަށް ހުކުމް ކުރަނީ ދައުލަތުގެ ވެރިން އަންގަވައިގެން ކަމަށް ތުހުމަތުކުރައްވާފައެވެ. އެ މައްސަލައަކީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަމުރަށް، ވަކި ބަޔަކު ބޭނުންކޮށްގެން އޭނާ ފްރޭމްކޮށްގެން ކުރިއަށްގެންދާ މައްސަލައެއް ކަމަށް ވެސް ޝަމްޢާން ތުހުމަތުކުރެއްވިއެވެ.
އެ ބައްދަލުވުމުގެ ކުރިން ޝަމްޢާން ކުރެއްވި ޓުވީޓުތަކެއްގައި ވަނީ، ރާއްޖޭގެ މައި ދޮރު، ބޯޑަ ކޮންޓްރޯލް ސިސްޓަމް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވަކި ބަޔަކަށް ވަނީ ވިއްކާލާފައި ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް ޝަމްޢާން މަސައްކަތް ކުރުމުންނާއި އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކި ފަހަރު މަތިން އޭނާއަށް ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގުޅުއްވި ކަމަށް ލިޔުއްވާފައިވެއެވެ.
މި ކަމާ ގުޅޭ ހެކި އޭނާގެ ފޯނުގައި ހުންނާނެ ކަމަށާއި ފޯނު އޮތީ ފުލުހުންގެ އަތުގައި ކަމަށް އެ ދުވަހު ޝަމްޢާން ވިދާޅުވިއެވެ.
ހުކުމްކުރުމުގެ އަޑުއެހުމުގެ ކުރިން ޝަމްޢާން: ފުލުހުން ބުނީ، އެ މައްސަލައިގައި ހުރިހާ ނިންމުންތަކެއް ނިންމީ ތަހުގީގަށް ލިބުނު ހެކިތަކަށް ބިނާކޮށް ކަމަށް -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ
ހޯމް މިނިސްޓަރު އިހުސާން, ބިދޭސީންގެ ކޯޓާ ވިއްކާ ހަދާ ކަމަށް ވެސް ޝަމްޢާން ތުހުމަތު ކުރިއެވެ. އެ ތުހުމަތުތައް ދޮގުކޮށް އިހުސާން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމުގައި ކަން ހިނގައިދިޔަ ގޮތް ސާފު ކޮށްދިނުމަށް ފުލުހުންގެ ފަރާތުން އެދިވަޑައިގެންފައިވާ ކަމަށެވެ.
މި ވާހަކަތަކާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، ވަކި ގޮތަކަށް ބަޔާން ދިނުމަށް މީހުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ނުވަތަ ތަހުގީގުގެ ނިންމުންތަކަކީ ސިޔާސީ ފަރާތެއްގެ އިރުޝާދުގެ ދަށުން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ކުރާ ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.
މިގޮތުން، ޝަމްޢާންގެ ތަހުގީގުން ނިންމާފައިވާ ހުރިހާ ނިންމުންތަކަކީވެސް ތަހުގީގަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް، ކަމާބެހޭ ގާނޫނުތަކާއި އުސޫލުތަކުގެ ތެރެއިން މިނިވަންކަމާއެކު ނިންމާފައިވާ ނިންމުންތަކެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މުޅި ތަހުގީގުގެ މަރުހަލާއާއި ޝަރުއީ މަރުހަލާތަކުގައި ތަހުގީގުގެ ބޭނުމަށް ހިފަހައްޓާފައިވާ ފޯނު ހުޅުވުމަށް ބޭނުންވާ ލޮކް ކޯޑު ޝަމްޢާން ދީފައިނުވާ ކަމަށެވެ. އެހެންވެ، އެ ފޯނުގައި ހުރި މައުލޫމާތުތައް ބަލައި ތަހުގީގު ކުރުމުގެ ފުރުސަތު ލިބިފައެއް ލިބިފައިނުވާކަން އެ މުއައްސަސާއިން ފާހަގަކުރިއެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމެއްފައި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްޢާން ---
ފުލުހުން ބުނީ، ޝަމްޢާންގެ ފޯނުގައި ކޮރަޕްޝަނާ ގުޅޭ ހެކި ހުރި ކަމަށް ވިދާޅުވި ނަމަވެސް، ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި ނުވަތަ މިދިޔަ އަހަރު ބަންދުން ދޫކޮށްލި ފަހުން ވެސް އެފަދަ މައުލޫމާތެއް ހިއްސާކޮށްފައިނުވާ ކަމަށެވެ.
"ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ގާނޫނީ މެންޑޭޓް އޮންނަ އެހެން އެއްވެސް މުއައްސަސާއަކަށްވެސް އެފަދަ މައުލޫމާތެއް ރަސްމީކޮށް ހުށަހަޅާފައިވާކަން ފުލުހުންނަށް އެނގިފައެއް ނުވޭ" ފުލުހުން ބުންޏެވެ.
އެ މުއައްސަސާއިން ވަނީ، ހުރިހާ ތަހުގީގު ތަކަކީވެސް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ވަކި ފަރާތަކަށް ނުޖެހި، ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކުރިއަށްގެންދާ ތަހުގީގުތަކެއް ކަމަށް ބުނެފައެވެ. އަދި، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބުނެ، ކުރެވޭ ކޮންމެ ތުހުމަތަކާ ގުޅޭގޮތުން އެކަށީގެންވާ ހެއްކެއް ނުވަތަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެކަމެއް ދިރާސާކޮށް، ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ތަހުގީގު ކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.
ކަން އެހެން އޮއްވައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކުރައްވައި، ޝަމްޢާން ދެއްކެވި ވާހަކަތައް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ ދޮގު ވެސް ކުރައްވައިފައެވެ. އަދި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ވަނީ އޭނާގެ މައްޗަށް ޝަމްޢާން ކުރެއްވި ތުހުމަތުތައް ދޮގުކުރައްވައިފައެވެ.