ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަތީގައި ހަރަކާތްތެރިވުމުގެ ތެރޭގައި ނިޔާވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފްގެ ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، އޭނާއަށް މިއަދު މަގާމުގެ ކުރިއެރުން ދީފިއެވެ.
ފުލުހުން ބުނީ އާސިފް ދެއްކި ނަމޫނާ މަސައްކަތާއި، މަސައްކަތަށް ބެހެއްޓި ފަރުވާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އޭނާއަށް ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކް މިއަދު އަރުވައިފައިވާ ކަމަށެވެ.
ފުލުހުން ވަނީ އާސިފް ނިޔާވީ ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށްކަން ފާހަގަކޮށް، އޭނާ ވަކިވެދިއުމަކީ މުއައްސަސާއަށާއި، ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށް ބުނެފައެވެ.
އެ މަގާމުގެ ކުރިއެރުމަކީ، މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި އާސިފް އަދާކުރި އިޚުލާސްތެރި ދައުރާއި، ކުރި މަތިވެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން ޝަރަފެއްކަން ފުލުހުން ފާހަގަކުރިއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގައި އާސިފް ދެއްކި ނަމޫނާއާއި، ކޮށްދިން އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އަބަދުވެސް އާކުރާނީ ނުހަނު އިޚުތިރާމާއެކުގައި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މީގެ ކުރިން "ސަން" އަށް ވިދާޅުވި ގޮތުގައި، އާސިފް ގެއްލުނީ، ރޭ ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
އެ ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފެށި ކަމަށާއި އެގޮތުން، ހޯދުމުގެ މަސައްކަތުގެ ތެރެއިން، އާސިފް މޫދު އަޑިން ފެނުނު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޭނާގެ ހަށިގަނޑު އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ. ނަމަވެސް އެ ހާދިސާ ހިނގިއިރު ފުލުހުން ކުރިއަށްގެންދިޔައީ ކޮން އޮޕަރޭޝަނެއް ކަމެއް, އަދި ކަންކަން ހިނގައި ދިޔައީ ކިހިނެއް ކަމެއް ވެސް މިހާތަނަށް ފުލުހުން ހާމައެއް ނުކުރެއެވެ.