ޖީމެއިލް އަށް ގެންނަ ބަދަލާ އެކު "ކޮންފިޑެންޝަލް" މެއިލްތައް ވެސް ލޭބަލް ކުރެވޭނެ

ގޫގުލް އިން ޖީ މެއިލް ވެބް އިންޓަފޭސް އަށް ބަދަލުގެންނަން އުޅޭކަން މިދިޔަ ހަފްތާގައި ވަނީ އާންމުކޮށްފަ އެވެ. ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި މި ބަދަލު ފެންނާނެ ކަމަށް ބުނެފައިވާ އިރު އާ އިންޓަފޭސްގައި ޔޫޒަރުންނަށް ފަސޭހަވާނެ އަދި ކަމުދާނެ ކަންތައްތަކެއް ހިމަނާނެ އެވެ.

އެގޮތުން ކުއިކް ރިޕްލައި، އީމެއިލްތައް ފަހުން ބަލާލަން ބޭނުން ނަމަ ސްނޫޒް އޮޕަޝަންއެއް އަދި ކޮންފިޑެންޝަލް މެއިލްތައް ލޭބަލް ކުރަން ކޮންފިޑެންޝަލް އޮޕްޝަން އެއް ވެސް ހިމަނާނެ އެވެ.

ކޮންފިޑެންޝަލް މެއިލް އެއްގެ ގޮތުގައި ލޭބަލް ކޮށްފައިވާ މެއިލް އެހެންމީހުންނަށް ފޯވާޑު ނުކުރެވޭނެ ކަމަށާއި މިފަދަ މެއިލްތަކުގެ އެޓޭޗްމެންޓުތައް ޑައުންލޯޑުކުރުމާއި މެއިލްގެ ކޮންޓެންޓް ކޮޕީކޮށް ޕްރިންޓު ނުކުރެވޭނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މީގެ އިތުރުން ކަލަންޑަރަކާ އެކު ޖީމެއިލް މެދުވެރިކޮށް ރިމައިންޑް، އެޕޮއިންޓްމެންޓްސް ނޯޓުކޮށްލެވޭނެ ފަސޭހަ އޮޕްޝަން އެއްވެސް ހިމަނާނެ އެވެ.

އާ ލޭއައުޓާ އެކު ސެކިއުރިޓީ ފީޗާއެއްގެ ގޮތުގައި މެއިލްތައް ހުޅުވާއިރު ޕާސްކޯޑެއް ޖަހަން އަރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ޖީމެއިލްގެ އާ ލޭއައުޓް އަންނަ މަހު ބާއްވާ ގޫގުލް އައި، އޯ ކޮންފަރެންސްގެ ތެރޭގައި އާންމުކުރާނެ ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް