އިޒްރޭލާއެކު ގޫގުލްއިން ހަދާފައިވާ އެއްބަސްވުމަކާ ދެކޮޅަށް އަޑުއުފުލި 28 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

ގޫގުލްއިން ބުނީ ވަކިކުރި މުވައްޒަފުންނަކީ ގޫގުލްގެ އުޞޫލުތަކާ ޚިލާފުވި ބައެއްކަމަށް ---

ކްލައުޑް ކޮމްޕިއުޓިން އާއި އާޓިފިޝަލް އިންޓެލިޖެންސްގެ ހިދުމަތް އިޒްރޭލު ސަރުކާރަށް ފޯރުކޮށްދިނުމަށް ގޫގުލް އިން ހަދާފައިވާ އެއްބަސްވުމާ ދެކޮޅަށް އަޑުއުފުލި 28 މުވައްޒަފަކު ގޫގުލް އިން ވަޒީފާއިން ވަކިކޮށްފިއެވެ.

"ޕްރޮޖެކްޓް ނިމްބަސް" ގެ ނަމުގައި ހަދާފައިވާ 1.2 ބިލިއަން ޑޮލަރުގެ އެއްބަސްވުމާ ދެކޮޅަށް "ނޯ ޓެކް ފޯ އެޕެރަސައިޑް" ގްރޫޕުން އަންގާރަ ދުވަހު ކެލިފޯނިއާ އާއި ނިއުޔޯކްގައި ހުންނަ ގޫގުލް އޮފީސްތައް ކައިރީގައިވަނީ އަޑުއުފުލާފައެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މުޒާހަރާތަކުގެ ވީޑިއޯއިން ފެންނަ ގޮތުގައި ގޫގުލް ކްލައުޑްގެ ސީއީއޯ ތޯމަސް ކުރިއަންގެ އޮފީހުގެ މުވައްޒަފުން ފުލުހުން ހައްޔަރުކުރެއެވެ.

ގޫގުލް އިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މުވައްޒަފުންނަށް ޖިސްމާނީ ގޮތުން ހުރަސް އެޅުމާއި ކުންފުނީގެ ފެސިލިޓީތަކަށް ވަނުމަށް ހުރަސް އެޅުމަކީ "އަޅުގަނޑުމެންގެ ސިޔާސަތުތަކާ ވަރަށް ސާފުކޮށް ހިލާފު އަދި މުޅިން ބަލައިގަނެވޭނެ އަމަލެއް ނޫން" ކަމަށެވެ.

އެ އެއްބަސްވުމަކީ ހަތިޔާރާއި އިންޓެލިޖެންސް ހިދުމަތާ ގުޅުން ހުރި އެއްބަސްވުމެއް ކަމަށް ބުނެ ގޫގުލްގެ ސީނިއާ މުވައްޒަފުންވެސް އެ އެއްބަސްވުމާ ދެކޮޅަށް ވަކާލާތު ކުރަމުންދާއިރު، ގޫގުލް އިން ވަނީ އެކަން ދޮގުކޮށްފައެވެ.

ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ ކުރެއްވި ބްލޮގް ޕޯސްޓެއްގައި ވަނީ މުޒާހަރާކުރާ މުވައްޒަފުންނަށް ސިއްރު އިންޒާރެއް ދެއްވާފައެވެ.

"ނޯ ޓެކް ފޯ އެޕާތީޑް" އިން ވަނީ ގޫގުލް އިން ބަދަލު ހިފުމުގެ ތުހުމަތު ކޮށް، ވަޒީފާއިން ވަކިކުރި މީހުންގެ ތެރޭގައި މުޒާހަރާތަކުގައި ސީދާ ބައިވެރިނުވާ މުވައްޒަފުން ވެސް ހިމެނޭ ކަމަށް ބުނެފައެވެ.

މީގެ އިތުރުން މުޒާހަރާގެ ބައިވެރިން މުދަލަށް ގެއްލުންދީ، އެހެން މުވައްޒަފުންގެ މަސައްކަތަށް ޖިސްމާނީ ގޮތުން ހުރަސް އެޅި ކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް ކަމަށް ވެސް ނޯ ޓެކް ފޯ އެޕާތީޑުން ވަނީ ސިފަކޮށްފައެވެ.

"ސުލްހަވެރި އިހުތިޖާޖެއްގައި ބައިވެރިވެ، އެތަނުން ދާން ދެކޮޅު ހަދަމުން ދިޔަ މަސައްކަތްތެރިން ވެސް މުދަލަށް ގެއްލުމެއް ނުދޭ އަދި އެހެން މަސައްކަތްތެރިންނަށް ބިރު ދައްކާފައެއް ވެސް ނުވޭ. އޭގެ ބަދަލުގައި އެމީހުންނަށް ވަރަށް ބޮޑު ތަރުހީބެއް ލިބި، ތާއީދު ފާޅުވި،" އެ ގްރޫޕުން ބުންޏެވެ.

އިޒްރޭލާއެކު ގޫގުލްއިން ހަދާފައިވާ 1.2 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކީ އިޒްރޭލަށް ދީފާނެ ހަމަލާތަކަކުން ދިފާއުވާނެ ގޮތްތަކާއި، އިޒްރޭލުން އެހެންގައުމަކަށް ނުވަތަ ޖަމާޢަތަކަށް އަމާޒުކޮށް ހަމަލާއެއް އުފައްދަން ބޭނުންވެއްޖެނަމަ އެކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަދާފައިވާ އާދަޔާ ޚިލާފު އެއްބަސްވުމެއްކަމަށް އެ އެއްބަސްވުމާ ދެކޮޅު ހެދި ގިނަމީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް