އިސްރާއީލުން "ގޫގުލް ފޮޓޯސް" އެޕް ބޭނުންކޮށްގެން ޣައްޒާގެ ހަނގުރާމަވެރިން ހޯދަނީ

ޣައްޒާގެ މަގެއްގައި ޢާއްމުން --- ގެޓީއިމޭޖްސް

ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާޢާތްތަކުގެ މީހުންނާއި، ޢާއްމުން ދެނެގަތުމަށް އިސްރާއީލުން "ގޫގުލް ފޮޓޯސް" އެޕް ބޭނުންކުރާކަމަށް ޓެކް ރިޕޯޓްތައް ބުނެފިއެވެ.

ނިއުޔޯކްޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އަސްކަރީ އިންޓެލިޖެންސުން ގޫގުލްގެ ފޮޓޯސް އެޕް ބޭނުންކުރަމުން ދަނީ ޣައްޒާގައި ތިބި ފަލަސްތީނުގެ އާންމުން ދެނެގަނެ، ހަމާސްގެ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުންހުރި މީހުން ވަކިކުރުމަށް ހިންގާ އެކްސްޕެރިމެންޓަލް ފޭޝަލް ރިކޮގްނިޝަން ޕްރޮގްރާމުގެ ދަށުން ކަމަށެވެ.

އިސްރާއީލުގެ ސަވައިލަންސް ފާމް ކޯސައިޓް އިން އުފެއްދި މި ޕްރޮގްރާމުގެ މަގްސަދަކީ ޣައްޒާގައި ތިބި ހަމާސް ޖަމާއަތުގެ މެމްބަރުންނާއި ހަމާސްއިން ރަހީނުކުރި އިސްރާއީލުގެ މީހުން ދެނެގަތުމެވެ.

ނަމަވެސް އިންޓެލިޖެންސް އޮފިޝަލުން ޓައިމްސްއަށް އިއުތިރާފްވީ އެ ޓެކްނޮލޮޖީގެ ސަބަބުން ފަލަސްތީނުގެ އާންމުން ނުހައްގުން ވަރަށް ގިނައިން ހައްޔަރުކޮށް ސުވާލުކުރެވިފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތިން އޮފިސަރަކު ނިއުޔޯކްޓައިމްސް އަށް ބުނީ ކޯސައިޓްގެ ފޭޝަލް ރިކޮގްނިޝަން ސިސްޓަމް ސަޕްލިމެންޓް ކުރުމުގެ ގޮތުން، މަޝްހޫރު ހަނގުރާމަވެރިންގެ ޑޭޓާ ގޫގުލް ފޮޓޯތަކަށް އަޕްލޯޑްކޮށް، އެ އެޕްލިކޭޝަންގެ ފޭސް ގުރޫޕިން ފީޗާ ބޭނުންކޮށްގެން ޣައްޒާގެ ސަވައިލެންސް ފުޓޭޖާއި ފޮޓޯތަކުގެ މެދުގައި ހުރި ގުޅުންތައް ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ފަލަސްތީނުގެ ޅެންވެރިއެއް ކަމަށްވާ މުސާބު އަބޫ ތޯހާ ވިދާޅުވީ، އޭނާ އާއިލާއާ އެކު ޣައްޒާއިން ފިލަން އުޅުމުގެ ތެރޭގައި ފޭޝަލް ރިކޮގްނިޝަން ޕްރޮގްރާމުން އޮޅުވާލައިގެން ހަމާސްއާ ގުޅުވާލުމުން ދެ ދުވަސް ވަންދެން އޭނާ ބަންދުކޮށް ސުވާލުކުރި ކަމަށެވެ.

މި ވާހަކަތަކަށް ގޫގުލް އިން ރައްދު ދީފައިވާއިރު، އެކުންފުނިން ބުނީ އެ ކުންފުނީގެ ފޮޓޯސް އެޕްލިކޭޝަނަކީ މީހުންގެ އައިޑެންޓިފިކޭޝަން ދެނެގަތުމުގެ ސިސްޓަމެއްގެ ގޮތުގައި ބޭނުންކުރާ އެޕްލިކޭޝަނެއް ނޫން ކަމަށެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި މިއީ ލޭބަލްކޮށް، ފަސޭހައިން ހޯދަން ޔޫޒަރުން އެ މީހަކު އަމިއްލައަށް އަޕްލޯޑް ކޮށްފައިވާ ފޮޓޯތައް ދެނެގަނެ ލައިބްރަރީއިން އެފަދަ މޫނުތައް ގުރޫޕްކުރާ އެއްޗެއް ކަމަށެވެ.

އެހެންނަމަވެސް، މި ރިޕޯޓްތަކުން ފާހަގަކުރެވެނީ، ފޭޝަލް ރިކޮގްނިޝަންގެ ސަބަބުން ހަގީގީ ދުނިޔެއަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވުންތައް އިތުރުވަމުންދާކަމަށާއި، ޚާއްސަކޮށް، ހަރުދަނާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ނުލައި އަސްކަރިއްޔާތަކުން ނުވަތަ ކަމާބެހޭ ފަރާތްތަކުން އެފަދަ އެޕްލިކޭޝަންތަކުގެ އެހީތެރިކަން ހޯދަމުންދާ ކަމަށެވެ.

މަދަނީ މިނިވަންކަމުގެ ޖަމާއަތްތަކުން ޒަމާނުއްސުރެ އިންޒާރު ދެމުން އައީ ނަސްލީ ތަފާތުކުރުންތަކާއެކު ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ޓަކައި ފޭޝަލް ރިކޮގްނިޝަން ބަލައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

comment ކޮމެންޓް