ސްޓްރީމުކޮށްގެން ފިލްމު ބެލުމުގެ ފުރުސަތާ އެކު ސިނަމާތަކަށް ވަންނަ މީހުން މަދު: ޑޭމް ހެލެން

ޑޭމް ހެލެން---

ސްޓްރީމްކޮށްގެން ފިލްމުތައް ބެލުމަށް ފުރުސަތު ފަހިވުމާ އެކު ސިނަމާތަކަށް ވަންނަ މީހުންގެ އަދަދު މަދުވާ ކަމަށާއި އެއާއެކު ފިލްމު އުފައްދާ މީހުންނަށް ވެސް ބޮޑު ގެއްލުމެއް ވާކަމަށް 2007 ވަނަ އަހަރު އޮސްކާ އެވޯޑްސްގެ ބެސްޓް އެކްޓްރެސްގެ އެވޯޑު ހާސިލްކޮށްފައިވާ ޑޭމް ހެލެން ބުނެފި އެވެ.

ޓޯޓަލް ފިލްމް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ފިލްމު އުފައްދާ މީހުންނަށް އޮތް "ބިރަކަށް" ނެޓްފްލިކްސް ފަދަ ޕްލެޓްފޯމުތައް ވެފައިވާ ކަމަށެވެ.

"އަހަރެންގެ ފިރިމީހާ (ޓޭލާ ހެކްފޯޑް) ފަދަ ޑައިރެކްޓަރުންނަށް ދަނީ ގެއްލުންވަމުން. އެމީހުން [ފިލްމު އުފައްދާ މީހުން] ބޭނުންވާނެ އެމީހުންގެ ފިލްމުތައް ބަލަން ގުރޫޕު ހަދާފައި ސިނަމާއަށް މީހުން ވަންނަން. ފިލްމަށް ލިބޭ ތަރުހީބާއި އާމްދަނީ އެނގޭނީ އޭރަށް. މިހާރު އެކަން ދަނީ [ސިނަމާއަށް ފިލްމު ބަލަން ވަނުން] ގެއްލެމުން،"

ޑޭމް މިހެން ބުނެފައިވާ އިރު އެނިހިލިއޭޝަން އަދި މަޑްބައުންޑް ފަދަ ފަހުގެ ފިލްމުތައް ނެޓްފްލިކްސް އިން ވަނީ އެ ޕްލެޓްފޯމުގެ ސަބްސްކްރައިބަރުންނަށް ގެނެސްދީފަ އެވެ.

ނެޓްފްލިކްސްގައި ރިލީޒްކުރާ ފިލްމުތައް މިއަހަރުގެ ކޭންސް ފިލްމް ފެސްޓިވަލްގައި ބައިވެރި ނުކުރެވޭގޮތަށް ވަނީ ހަދައިފަ އެވެ. ކޭންސް ފިލްމް ފެސްޓިވަލްގެ އާ ގަވައިދުގައި ބުނާ ގޮތުން އެ ފެސްޓިވަލްގައި ބައިވެރިކުރެވޭނީ ސިނަމާތަކުގައި އަޅުވާ ފިލްމުތަކެވެ.

ޑޭމްގެ މި ވާހަކަތަކާއެކު ވެސް ސިނަމާއަށް ވަންނަ މީހުންގެ އަދަދު މާ ބޮޑަށް ދަށް ނުވާކަމަށް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް ނެޓްފްލިކްސް ފަދަ ޕްލެޓްފޯމުތަކުން ފިލްމު ބަލާ ނަމަ ލިބޭ ފަސޭހަތަކާ އެކު ކޮންމެވެސް ވަރަކަށް ގޭގައި ތިބެގެން ފިލްމު ބަލާ މީހުން އިތުރު ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ސްޓްރީމުކޮށްގެން ފިލްމު ބަލާ މީހުން ބުނާގޮތުން ސިނަމާއަކަށް ގޮސް ފިލްމު ބެލުމަކީ އެކަމަށް ހޭދަވާ ވަގުތާ ބަލާފައި މާ އަގުބޮޑު ކަމެކެވެ. ނަމަވެސް ސަބްސްކްރިޕްޝަންއަށް ކުޑަ އެެއްޗެއް ދައްކާލުމަށް ފަހު ގިނަ ފިލްމުތައް ބެލުމުގެ ފުރުސަތު ނެޓްފްލިކްސް އާއި އެމޭޒަން ޕްރައިމް ފަދަ ޕްލެޓްފޯމުތަކުން ލިބޭކަމަށް އެމީހުން ބުނެ އެވެ.

comment ކޮމެންޓް