ދެވަނަ ޑިވިޝަންގެ ފުރަތަމަ މެޗުގައި ކުޑަ ހެންވޭރަށް ފަސޭހަ މޮޅެއް

ދެވަނަ ޑިވިޝަންގެ ފުރަތަމަ މެޗުގައި ކުޑަ ހެންވޭރު ޔުނައިޓެޑާއި ބީޖީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އެފްއޭއެމް ދެވަނަ ޑިވިޝަންގެ ފުރަތަމަ މެޗުގައި ކުޑަ ހެންވޭރު ޔުނައިޓެޑުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

މިއަހަރުގެ ދެވަނަ ޑިވިޝަންގައި އަށް ޓީމު ވާދަކުރާ އިރު، މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ހަތަރު ޓީމެވެ.

ގްރޫޕް އެކެއް

  • ކުޑަ ހެންވޭރު ޔުނައިޓެޑް
  • ބީޖީ ސްޕޯޓްސް
  • ކްލަބު ޕީކޭ
  • ދިވެހި ސިފައިންގެ ކްލަބު

ގްރޫޕް ދޭއް

  • ކްލަބު ޒެފްރޯލް
  • ޑަ ގްރޭންޑް އަމީގޯސް ނިއު ޖެނެރޭޝަން
  • ޖޭޖޭ ސްޕޯޓްސް ކްލަބު
  • މަހިބަދޫ ސްޕޯޓްސް ކްލަބު

ދެވަނަ ޑިވިޝަންގެ ފުރަތަމަ މެޗުގައި ކުޑަ ހެންވޭރު ޔުނައިޓެޑާއި ބީޖީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ދެވަނަ ޑިވިޝަންގެ ފުރަތަމަ މެޗުގައި އިއްޔެ ވާދަކުރީ ގްރޫޕް އެކެއްގެ ކުޑަ ހެންވޭރާއި ބީޖީ ސްޕޯޓްސް ކްލަބެވެ.

އެ މެޗު ކުޑަ ހެންވޭރުން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް، ކުޑަ ހެންވޭރަށް ލީޑު ނަގައިދިނީ ނައިޖީރިއާގެ ޑިފެންޑަރު ޑެނިއަލް ފިލެމޮންއެވެ.

ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ ކުޑަ ހެންވޭރުން ވަނީ ލީޑު ފުޅާކޮށްފައެވެ. ކުޑަ ހެންވޭރަށް ލީޑު ފުޅާކޮށްދިނީ އޮމަދޫ ގޮޑްފްރޭ ވެސްޓް ޖޫނިއާ އެވެ.

ވެސްޓް ވަނީ މީގެ ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަން ކްލަބުތައް ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބު އަދި ކްލަބު ވެލެންސިއާއަށްވެސް ކުޅެފައެވެ.

ކުޑަ ހެންވޭރުގެ ތިންވަނަ ގޯލްވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ވެސްޓެވެ. ވެސްޓް އޭނާގެ ދެވަނަ ގޯލް ކާމިޔާބުކުރީ މެޗުގެ ފަހު މިނެޓުގައެވެ.

ދެވަނަ ޑިވިޝަންގެ ފުރަތަމަ މެޗުގައި ކުޑަ ހެންވޭރު ޔުނައިޓެޑާއި ބީޖީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ދެވަނަ ޑިވިޝަންގެ މެޗެއް މިއަދުވެސް އޮންނާނެއެވެ. އެ މެޗުގައި ވާދަކުރާނީ ގްރޫޕް އެކެއްގެ ކްލަބު ޕީކޭއާއި ދިވެހި ސިފައިންގެ ކްލަބެވެ.

comment ކޮމެންޓް