އޮންނަ އުސޫލުގެ ތެރެއިން ޕާޓީތަކަށް ފައިސާ ދޭނަން، ކަންބޮޑުނުވޭ: ޝަރީފް

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ގާނޫނުގައި ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ހުރިހާ ޕާޓީއަކަށްވެސް ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އާދަމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ޕާޓީތަކަށް ފައިސާދޭން ގާނުނުގައި އޮންނަ މުއްދަތުގެ ތެރޭގައި ފައިސާ ދިނުމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި އެކަމާ މެދު ކަންބޮޑު ނުވުމަށް އެދޭ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ފައިސާ ނުދީ އެ ކޮމިޝަނުން ނުހިފައްޓާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

"ޕާޓީތަކަށް ފައިސާ ދިނުމަށް އޮންނަ އުސޫލުގެ ތެރެއިން އެ މަސައްކަތް ކުރިއަށް އެބަދޭ. މި ކޮމިޝަނުން އެ ފައިސާ ޕާޓީތަކަށް ނުދީ ނުހިފައްޓާނެ ކަމުގެ ޔަގީންކަން ދެން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޮންމެ ޕާޓީއަކުންވެސް އަހަރީ ރިޕޯޓް ހުށަހަޅަން ޖެހޭއިރު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ހުރިހާ ޕާޓީއަކުން ރިޕޯޓް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޮޑިޓް ރިޕޯޓް ހުށަހަޅަން ދިން މުއްދަތު އަންނަ މަހުގެ އަށްވަނަ ދުވަހު ހަމަވާނެ ކަމަށާއި މިހާތަނަށް އެ ރިޕޯޓު ހުށަހަޅާފައިވަނީ ތިން ޕާޓީއަކުން ކަމަށެވެ.

"މިހާތަނަށް އޮޑިޓް ރިޕޯޓް ހުށަހަޅާފައިވަނީ ޕީޕީއެމް، ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއިން. އަންނަ މެއި މަހުގެ އަށްވަނަ ދުވަހަށް މުއްދަތު ހަމަވާއިރު އެ ރިޕޯޓް ހުށަނާޅާ މިއޮތީ ޑީއާރްޕީ، އެމްޑީޕީ އަދި އަދާލަތު ޕާޓީ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އޮޑިޓް ރިޕޯޓް ހުށަނާޅާ ޕާޓީތަކަށް އެކަން އަންގާފައިވާ ކަމަށާއި އޮންނަ އުސޫލުގެ ތެރެއިން ކަންކަން ހަމަޖެހުމުން ފައިސާ ދޫކުރަން ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ފިނޭންސް މިނިސްޓްރީއާއެކު އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ޝަރީފް މިހެން ވިދާޅުވިއިރު އިދިކޮޅު ޕާޓީތަކުން ވަނީ އިލެކްޝަންސް ކޮމިޝަނުން އަދިވެސް ޕާޓީތަކަށް ފައިސާ ދޫނުކުރާ ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ފައިސާ ވީހާވެސް އަވަހަކަށް ދިނުމަށް އެ ޕާޓީތަކުން ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް