ފަހުވަގުތު ކާމިޔާބުކޮށްދިން ޕެނެލްޓީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑް ސަލާމަތްކޮށްދީފިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި ރެއާލްއާއި ޔުވެންޓަސް ރޭ ވާދަކުރި މެޗު ޔުވެންޓަސްއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަށް ނުކުތް އިރު ރެއާލް އޮތީ ފުރަތަމަ ލެގުން ހޯދި 3-0ގެ ލީޑާ އެކުގައެވެ. އެހެން ނަމަވެސް ޔުވެންޓަސައިން ވަނީ ރެއާލްގެ ދަނޑުގައި ތިން ގޯލް ޖަހައި މެޗުގެ ނަތީޖާ އަނބުރާލުމަށް އެންމެ ފަހު ވަގުތާ ހަމައަށްވެސް މަސައްކަތް ކޮށްފައެވެ.
ރެއާލްއަށް ދިން ޕެނެލްޓީއާ ގުޅިގެން ރެފްރީއަށް ޝަކުވާ ކުރުމުން މެޗުގެ ފަހު ވަގުތުގައި ޔުވެންޓަސްގެ ކެޕްޓަން ޖިއާންލުއީޖީ ބުފަންއަށް ވަނީ ރަތް ކާޑު ދައްކައިފައެވެ. ޗެމްޕިއަންސް ލީގު ތާރީހުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކީޕަރު ބުފަން ވަނީ މިސީޒަން ނިންމާލުމަށްފަހު ކުޅުން ހުއްޓާލަން އިއުލާން ކޮށްފައެވެ.
މެޗު ފެށިގެން ދެވަނަ މިނެޓުގައި ޔުވެންޓަސްއިން ވަނީ ލީޑު ނަގައިފައެވެ. ޔުވެންޓަސްއަށް ލީޑު ނަގައިދިނީ ކްރޮއޭޝިއާގެ ފޯވަޑް މާރިއޯ މަންޒުކިޗެވެ.
މެޗުގެ ފުރަތަމަ ކޮޅުގައި ދެޓީމުގެ ފަރާތުންވެސް ހަލުވި އެޓޭކިން ކުޅުމެއް ފެނިފައިވާ އިރު، ރެއާލް މެޑްރިޑުގެ ގެރެތު ބޭލް އަދި ރޮނާލްޑޯގެ ފަރާތުން ފެނުނު ހަމަލާތައް ފާހަގަކޮށްލެވުނެވެ. އެ ހަމަލާތަކުގެ ހުރަހަކަށްވީ ޔުވެންޓަސްގެ ކީޕަރު ބުފަންއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސްއަށް ވެސް ވަނީ އިތުރު ފުރުސަތުތަކެއް ލިބިފައެވެ. މަންޒުކިޗްގެ އިތުރުން އާޖެންޓީނާ ފޯވަޑް ގޮންޒާލޯ ހިގުއައިންއަށް ވެސް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ.
ހާފް ނިމުމުގެ ކުރިން މެޗުގެ 27 ވަނަ މިނެޓުގައި މަންޒުކިޗް ވަނީ އޭނާގެ ދެވަނަ ގޯލާއެކު ޔުވެންޓަސްއަށް އުންމީދު އާކޮށްދީފައެވެ.
މެޗުގެ ދެވަނަ ހާފަށް ރެއާލް ނުކުތީ ބަދަލުތަކަކާއެކުގައެވެ. މާކޯ އެސެންސިއޯ އަދި ލޫކާސް ވަޒްކުއޭޒްވެސް ކުޅެން ނުކުމެފައިވާ އިރު، އެ ދެ ކުޅުންތެރިން ކުޅެން ނުކުތީ ކަސަމޭރޯ އަދި ގެރެތު ބޭލްގެ ބަދަލުގައެވެ.
ބަދަލަތަކާއެކު ރެއާލްގެ ފަރާތުން އެޓޭކް އިތުރު ވެގެންދިޔަ ނަމަވެސް، ރެއާލް އިތުރަށް މާޔޫސްކޮށްލީ 60 ވަނަ މިނެޓުގައި ބްލައިސް މަޓުއީޑީގެ ގޯލުންނެވެ. އެ ގޯލާއެކު ޔުވެންޓަސްގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިފައިވާ އިރު، މެޗުގެ ފަހުވަގުތު ރެއާލް ސަލާމަތްކޮށްދިނީ ރޮނާލްޑޯއެވެ.
މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޔުވެންޓަސްގެ ގޯލް ކުރިމަތިން، ރެއާލްގެ ފޯވަޑް ލޫކަސްް ވަޒްކުއޭޒްއަށް ޔުވެންޓަސްގެ ޑިފެންޑަރު މެދީ ބެނާޝިއާ ކުރި ފައުލާ ގުޅިގެން ރެއާލްއަށް ޕެނެލްޓީ ލިބިފައިވާ އިރު، ރޮނާލްޑޯ ލަނޑު ކާމިޔާބުކުރީ އެ ޕެނަލްޓީންނެވެ.
ޕެނެލްޓީއާ ގުޅިގެން ޔުވެންޓަސްގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ޝަކުވާކޮށްފައެވެ. ހާއްސަކޮށް ރަތް ކާޑު ދެއްކި ބުފަން ފާހަގަކޮށްލެވުނެވެ.
މިދިޔަ ދެ އަހަރުގެވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ރެއާލް، ސެމީގެ ފުރުސަތު ހޯދާފައިވާ އިރު، ރެއާލްގެ އިތުރުން މިސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކޮށްފައިވަނީ ރޯމާ، ބަޔާން މިއުނިކް އަދި ލިވަޕޫލެވެ.