ތަމްރީނު ހަދަމުންދިޔަ ފުލުހަކު މަރުވެއްޖެ

ތަމްރީނު ހަދަމުން ދަނިކޮށް މަރުވި ފުލުސް މީހާގެ ހަށިގަނޑު މާލެ ގެނެސްފައި --- ސަން ފޮޓޯ/ މުހައްމަދު ޝަމްއޫން

ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސްކޫލުގައި ތަމްރީނު ހަދަމުންދިޔަ ފުލަހަކު މަރުވެއްޖެއެވެ.

ފުލުހުންވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

ފުލުހުންގެ ތަރުޖަމާނު ސުޕްރިންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސްކޫލުގައި ބޭސިކް ޓްރެއިނިންގ ހަދަމުންދިޔަ ފިރިހެން ފުލުހަކު ބަލިވެގެން މިރޭ އެ އަތޮޅުގެ ވެރިރަށް ކުޑަހުވަދުއަށް ގެންގޮސް ފަރުވާދިނުމަށްފަހު މާލެ ގެނައުމުގެ މަގުމަތީގައި މަރުވެފައިވާ ކަމަށެވެ.

ޝިފާން ވިދާޅުވީ އޭނާ މަރުވެފައި ވަނީ މިރޭ 11:48 އެހައިކަންހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ އެކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހާމަ ކުރާނެ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ށ. ކޮމަންޑުއަށް ނިސްބަތްވާ ޕޮލިސް ކޮންސްޓަބަލް އަހުމަދު ވިފާގުއެވެ.

ވިފާގުގެ ހަށިގަނޑު މިރޭ މާލެ ގެނައިއިރު، ޑިފެންސް މިނިސްޓަރު އަދަމް ޝަރީފް އުމަރާއި އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި ފުލުހުންގެ އިސްވެރިން ތިން ނަންބަރު ފާލަން ކައިރިއަށް ވަޑައިގަތެވެ.

މަރުވި ފުލުސް މީހާގެ ހަށިގަނޑު މާލެ ގެނައިއިރު އެ ސަރަހައްދުގައި ފުލުހުންގެ އިސްވެރިން ހަރަކާތްތެރިވަނީ ----

އެ ފުލުސް މީހާގެ ހަށިގަނޑު މިހާރު އޮތީ އައިޖީއެމްއެޗުގައެވެ. ސަން އަށް އެނގިފައިވާ ގޮތުގައި އޭނާގެ އާއިލާގެ މީހުން ކޮމަންޑޫ އިން މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

comment ކޮމެންޓް