ސިޔާސީ ޕާޓީތަކާ ވަކިވަކިން ބައްދަލުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު އަފުރާހު

އިލެކްޝަންސް ކޮމިޝަނުން ރާއްޖޭގެ ސިޔާސީ ޕާޓީތަކާ ވަކިވަކިން ބައްދަލުކުރަން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް މިއަދު "ސަން"އަށް ވިދާޅުވީ އަންގާރަ ދުވަހުން ފެށިގެން ސިޔާސީ ޕާޓީތަކާ އެ ކޮމިޝަނުން ބައްދަލުކުރަމުން ގެންދާނެ ކަމަށެވެ.

އަކްރަމް ވިދާޅުވި ގޮތުގައި ޕާޓީތަކާ ވަކިވަކިން ބައްދަލުކުރަން ނިންމީ، ކޮންމެ ޕާޓީއަކުން ވެސް އެ ކޮމިޝަނާ ހިއްސާކުރަން ބޭނުންވާ ގިނަ ކަންކަން ހުންނާނެ ކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭތީ އެވެ. އަދި ހިއްސާކުރަން ބޭނުންވާ ކަންކަން ހިއްސާކުރުމަށް ވީހާ ވެސް ގިނަ ވަގުތު ކޮންމެ ޕާޓީއަކަށް ވެސް ދިނުމުގެ ބޭނުމުގައި ކަމަށް އަކްރަމް ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކާ އެކު އިލެކްޝަންސް ކޮމިޝަނުން މަޝްވަރާތައް ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި އެ ބައްދަލުވުމަކީ ސިޔާސީ ޕާޓީތައް މޮނީޓަރުކޮށް، ރެގިއުލޭޓުކުރުމާ ގުޅޭ ގޮތުން ބާއްވާ ބައްދަލުވުމެކެވެ. އަދި އެ ބައްދަލުވުމުގެ ތެރެއިން ރިޔާސީ އިންތިހާބާ ގުޅޭ މައުލޫމާތު ޕާޓީތަކަށް ހިއްސާކުރާނެ ކަމަށް ވެސް ކޮމިޝަނުން ބުނެފައިވެ އެވެ.

އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން މިހާރު ގެންދަނީ އިދާރީ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން މެއި މަހުގެ ތެރޭގައި ވޯޓާސް ލިސްޓު ހުޅުވާލައި، ޖޫން މަހު ރީ ރެޖިސްޓްރޭޝަނަށާއި އިންތިޚާބުގެ މޮނީޓަރުންނާއި އޮބްޒާވަރުކަން ކުރުމަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

comment ކޮމެންޓް