ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފަށް މައުލޫމާތު ފަތުރާފައިވާތީ ޖޫރިމަނާކޮށް މައާފަށް އެދުމަށް ސަންގު ޓީވީއަށް އެންގި ނަމަވެސް މައާފަށް އެދޭނީ ކޯޓުން އެންގުމުން ކަމަށް ސަންގު ޓީވީން ބުނެފިއެވެ.
ސަންގު ޓީވީ އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ދެއްކެވި ވާހަކައެއް އެ ޓީވީން ބްރޯޑްކާސްޓް ކުރުމުންނެވެ.
އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން ސަންގު ޓީވީއަށް ވަނީ މައާފަށް އެދުމަށް ވެސް އަންގާފައެވެ. އަދި މާދަމާގެ ކުރިން މައާފަށް އެދި ބަޔާނެއް ނެރުމަށް ވެސް ސަންގު ޓީވީއަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އަންގާފައެވެ.
ނަމަވެސް މައާފަށް އެދޭނީ ޝަރީއަތަށް މައްސަލަ ހުށަހެޅުމަށްފަހު ހުކުމް އިއްވާގޮތަކަށް ބެލުމަށްފަހު ކަމަށް ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވިއެވެ.
މިރޭ ދެއްވި ބަޔާނެއްގައި އަސްވާޑް ވިދާޅުވީ އިސްތިއުނާފް ކުރުމުގެ ފުރުސަތު ލިބެނީ ޖޫރިމަނާ ދެއްކުމުން ކަމަށާއި ޖޫރުމަނާ ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީހަކީ މި މަހުގެ 29 ކަމަށެވެ. އަދި އެ މުއްދަތުގައި އެއް ލައްކަ ރުފިޔާ ހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އަސްވާޑު ވިދާޅުވިއެވެ.
ސަންގު ޓީވީ ޖޫރިމަނާކޮށް މައާފަށް އެދުމަށް އަންގާފައިވީ ނަމަވެސް އެ ނިންމުން ބަލައިނުގަންނަކަން ފާހަގަކޮށް އަސްވާޑް ވިދާޅުވީ މުސްތަފާ ބޭނުންކޮށްފައިވާ ބަހަކީ އައުގުރާނައެއްގެ އިތުރުން ސަމާސާ އަދި ޖެއްސުމަށް ވެސް ބޭނުންކުރާ ބަހެއް ކަމަށެވެ.
"މިކަން އިތުރަށް މުރާޖާކޮށް ބަހުގެ މާހިރުންނާއި އިލްމީ އުސްތާޒުން ގެންނަވައިގެން އިންސާފްވެރި އިސްތިއުނާފީ ނިޔާއެއް ކަނޑައަޅުއްވައި ދެއްވުމަށް ކޮމިޝަނުގައި ވެސް އަޅުގަނޑުމެން އެދެން. އަޅުގަނޑުމެން މައާފަށް އެދޭނީ ކޯޓުން ނިންމާ ގޮތުގެ މަތިން،" އަސްވާޑު ވިދާޅުވިއެވެ.
މި ލިޔުމުގައި އެ ބަސް ބޭނުންކޮށްފައި ނުވަނީ އަހްލާގީގޮތުން ދަށު ދަރަޖައިގެ ބަހަކަށް ވެދާނެތީއެވެ.
އެ ބަހުގެ މާނަ ދިވެހި ބަހުގެ ރަދީފުގައި ވާގޮތަށް: "އަ** ޒިނޭކުރިމީހާ. މިއީ މީހުނާ ދިމާއަށް ރުޅި އައިސްގެންބުނާ ހުތުރު ބަސްތަކުގެ ތެރެއިން އެންމެ ނުބައި އެއްބަހެވެ. (މިބަސް ސަމާސާއަށްވެސް ޖެއްސުމަށްވެސް ބުނެއުޅެއެވެ.)"