ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުގެ ވޯޓުގެ ތަފްސީލް ސުޕްރީމް ކޯޓުން ނަގައިފި

ރައްޔިތުންގެ މަޖިލިސް: ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައި ޖަލްސާގެ ހާޒިރީ ސުޕްރީމް ކޯޓުން ނަގައިފި --- ފައިލް ފޮޓޯ/ މަޖިލިސް

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ އެ މީހަކު ފަނޑިޔާރު ކަމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ބާތިލު ކުރުމަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލާގައި އެ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގެ ތަފްސީލް ސުޕްރީމް ކޯޓުން ނަގައިފިއެވެ.

އިދިކޮޅު ތިން ޕާޓީއަށް ނިސްބަތްވާ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިން އަދި މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ހުށަހެޅި އެ މައްސަލާގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން އެދުނީ އިސްލާހު ފާސްކުރި ދުވަހު މަޖިލީހުގެ މެންބަރުންގެ ހާޒިރީގެ ތަފްސީލް ހުށަހެޅުމަށެވެ.

ސިއްރު ލިއުމެއްގެ ގޮތުގައި ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލްގެ ވަކީލާ މާޝާ ލުތުފީ ލިއުން ހުށަހަޅަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އެ ލިއުން ދީފައިވަނީ ސިއްރު ލިއުމެއްގެ ގޮތުގައި ކަމަށާއި އޭގައި އެ ދުވަހުގެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ނަމާއި އެކު ތަފްސީލް ހިމަނާފައިވާނެ ކަމަށެވެ.

އެގޮތުން އެ ދުވަހުގެ ޖަލްސާއަށް 41 މެންބަރަކު ވަޑައިގެންފައިވާއިރު ވޯޓު ނެގިއިރު ހާޒިރުވެފައިވަނީ 39 މެންބަރުން ކަމަށެވެ. އަދި އެ ދުވަހުގެ ޖަލްސާއަށް ގިނަ މެންބަރުންތަކެއް ހާޒިރުވެފައިނުވަނީ ދުރާލާ ރާވައިގެން ކަމަށް ވެސް ދައުލަތުން ތުހުމަތުކުރިއެވެ. ވޯޓުގައި ގިނަ މެންބަރުންތަކެއް ބައިވެރިވެފައިނުވާއިރު އެ ދުވަހުގެ ޖަލްސާއަށް ސަލާމް ބުނި 28 މެންބަރުންގެ ތެރެއިން ނުވަ މެންބަރަކު ކޮމެޓީތަކުގައި ބައިވެރިވެފައިވާ ކަމަށް ހާޒިރީ ރިޕޯޓުން އެނގެން އޮތް ކަމަށެވެ.

ހާޒިރީ ރިޕޯޓަށް ރައްދު ދެއްވުމަށް މައްސަލަ ހުށަހެޅުއްވި ފަރާތަށް ފުރުސަތު ދެއްވުމުން އެ ފަރާތްތަކުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލާ ހިސާން ހުސެއިން ވިދާޅުވީ އާންމުކޮށް ހުުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި އެއްވެސް ގާނޫނީ ހުއްޖަތެއް ދެއްކެވުމަކާ ނުލައި ސިއްރު ލިއުމެއް ހުށަހަޅައި އެއަށް ރައްދު ދެއްވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެ ލިއުންތައް ވެސް މައްސަލަ ހުށަހެޅި ފަރާތްތަކަށް ލިބޭނެ ގޮތް ހައްދަވައިދެއްވުމަށެވެ.

ދިހަ ވަަރަކަށް މިނިޓަށް އަޑުއެހުން މެދުކަނޑާލުމަށްފަހު ޝަރީއަތުން ނިންމީ ހާޒިރީ ރިޕޯޓަށް ރައްދު ދިނުމަށް ލިއުންތައް މައްސަލަ ހުށަހެޅުއްވި ފަރާތަށް ދިނުމަށެވެ. ލިއުންތައް ލިބުމުން އެ ފަރާތްތަކުން ޖަވާބުދާރީ ވުމަށް އެއް ގަޑިއިރުގެ ދެއްވުމަށް އެދުމުން ޝަރީއަތުން ވިދާޅުވީ ލިއުންތަކަށް ބަލާއިރު އެއް ގަޑިއިރަކީ މާ ގަނިއިރު ކަމަށާއި 3:00 ޖެހުމާ ހަމައަށް ފުރުސަތު ދެވިދާނެ ކަމަށެވެ. ދެގަޑި ފަނަރަވާން ގާތް ވެފައި ވަނިކޮށް ފަނޑިޔާރުން އެހެން ވިދާޅުވި ނަމަވެސް ހިސާން ހުސެއިން ވިދާޅުވީ އެ ލިއުންތަކަކީ ޝަރީއަތުން ބޭރަށް ނުގެންދެވޭނެ ލިއުންތަކަކަށްވާއިރު އެއް ގަޑިއިރަށްވުރެ މަދު ވަގުތުކޮޅެއްގައި އެއަށް ރައްދު ދެއްވުމަކީ އުނދަގޫ ކަމެއް ކަމަށާއި އޭގައި މެންބަރުން އަރިހުން އޮޅުން ފިލުވުމަށް ހުރި ކަންތައްތަކެއް ވެސް ހުރި ކަމަށެވެ. އަދި އިތުރު ފުރުސަތެއް ނުދެއްވާ ނަމަ ޖަވާބުދާރީ ވާން ބޭނުންފުޅު ނޫން ކަމަށާއި އެގޮތަށް ބެއްލެވުމަށްފަހު މައްސަަލަ ކުރިއައް ގެންދިއުމަށް މައްސަލަ ހުށަހެޅުވި ފަރާތްތަކުގެ ވަކީލުން ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ބެންޗުން ނިންމެވީ އިތުރު ވަގުތެއް ނުދިނުމަށެވެ. އަދި އިތުރު ކަމެއް ސާފުކުރައްވަން ނެތް ނަމަ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ މައްސަލައިގައި ހުކުމް އިއްވެވުން ކަމަށް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެއްލެވި އާދަމް މުހައްމަދު އަބްދުﷲ ވިދާޅުވިއެވެ. އެގޮތަށް ފަނޑިޔާރުންގެ ބެންޗުން ނިންމީ މައްސަލަ ހުށަހެޅުއްވި ފަރާތުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ރިއްފަތުގެ ހުށަހެޅުމެއް ހުށަހަޅާފައިވަނިކޮށް އެ އަށް ވަކިގޮތެއް ނުނިންމައެވެ.

ރިއްފަތު ހުށަހެޅުއްވީ ހާޒިރީ ރިޕޯޓަށް ޖަވާބުދާރީވުމަށް އެ ދުވަހުގެ ޖަލްސާއަށް ސަލާމް ފޮނުއްވި 28 މެންބަރުން ކޯޓަށް ހާޒިރުކޮށްދިނުމަށެވެ.

comment ކޮމެންޓް