ތ. މަޑިފުށީގައި ހަތަރު ބުރީގެ އިމާރާތަކުން ވެއްޓި މީހެއްގެ ފައި ބިނދިއްޖެ އެވެ.
މަޑިފުށީ ކައުންސިލްގެ ނައިބު ރައީސް އައްބާސް އަހުމަދު "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު 9:30 އެހައިކަންހާއިރު ކަމަށެވެ.
އޭނާ ވިދާޅުވީ ފައި ބިނދުނީ އެރަށަށް ނިސްބަތްވާ މީހެއްގެ ކަމަށެވެ. އަދި އެމީހާއާ އެކު ބަނގުލަދޭޝްގެ މީހަކު ވެސް ހަތަރު ވަނަ ބުރިން ވެއްޓުނު ކަމަށް ވެސް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ. ނަމަވެސް އޭނާ އަށް ބޭރު ފުށުން އެއްވެސް ކަމެއްވެފައިވާ ކަން އެނގެން ނެތް ކަމަށް އައްބާސް ވިދާޅުވި އެވެ.
"މިރަށަށް ނިސްބަތްވާ މީހެއްގެ ފައި ބިންދައިގެން ދިޔައީ. އޭނާގެ އުމުރު 50 އާ ގާތްކުރާނެ. ދެން ވެއްޓުނީ ބަނގުލަދޭޝްގެ ރައްޔިތެއް. ބޭރު ފުށުން އޭނާ އަށް އެއްވެސް ޒަޚަމެއް ލިބިފައި ނެތް،" އައްބާސް ވިދާޅުވި އެވެ.
އެ ދެ މީހުން ވެއްޓުނީ ގެސްޓު ހައުސްއެއް ހަދަން އިމާރާތްކުރި، ތަނެއްގައި ސިމެންތި ޖެހުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
އެ ދެ މީހުންގެ ތެރެއިން ދިވެހި މީހާގެ ފަލަމަސް ގަނޑާ ހަމައިން ބިނދިފައިވާ ކަމަށާއި އިތުރު ފަރުވާއަށް އެމްއެންޑީއެފް ހެލިކޮޕްޓަރުގައި އޭނާ މިއަދު މާލެ ގެންނަން ހަމަޖެހިފައިވާ ކަމަށް ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބިދޭސީ މީހާ ލޯންޗެއްގައި މާލެ ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.