މަޝްރޫތައް ނިންމަން ދެވަނަ ދައުރެއް ނުލިބިއްޖެނަމަ ސޮއްސައިލާނީ މާ ފަހަތަށް: ރަައީސް

ރައީސް ތ. މަޑިފުށީގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

މި ސަރުކާރުން މިހާރު ފަށައިފައި ހުރި މަޝްރޫތައް ނިންމުމަށް ޓަކައި ދެވަނަ ދައުރެއް މުހިންމު ކަމަށާއި ދެވަނަ ދައުރެއް ނުލިބިއްޖެނަމަ ސޮއްސައިލާނީ މާ ފަހަތަށް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ތ. އަތޮޅުގައި ކެމްޕޭނަށް ރައީސް ވަޑައިގަންނަވާ އެންމެ ފަހު ރަށްކަމަށްވާ މަޑިފުއްޓަށް ވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވެ ގިނަ މަޝްރޫތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިކަމަށާއި ނަމަވެސް ބައެއް މަޝްރޫތައް އެކި ސަބަބުތަކާހެދި ލަސްވިކަމަށެވެ.

"އެހެންނަމަވެސް ހިތްހަމަޖެހުމަކީ އަޅުގަނޑުމެން ވީ ވައުދުތަކުގެ 90 ޕަސެންޓު އިރާދަކުރެއްވިއްޔާ މިއަދު މިވަނީ މުޅިން ނިމިފައި ނޫނިއްޔާ ނިމުމަކާ ހިސާބުގައި. މިއީ ރަނގަޅު އެޗީވްމަންޓެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ." ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެ މަސައްކަތްތައް ނިންމަވާނެ ކަމަށެވެ. ނަމަވެސް އެ ކަން ކުރެވޭނީ އަލުން ސަރުކާރު އިންތިހާބުވެގެން ކަމަށް ވިދާޅުވިއެވެ.

"އެހެންނަމަވެސް މިއިން ކަމަކަށް މަޑުޖެހުމެއް އަތުވެއްޖެނަމަ އަޅުގަނޑުމެން އެތައް ތަނެއް އަނެއްކާ ވެސް އެތައް ތަނެއް ފަހަތަށް ސޮއްސައިލާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ތ. މަޑިފުށީގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އެ މަނިކުފާނު ވިދާޅުވީ މި މަސައްކަތްތަކަކީ އެއް މަސައްކަތް އަނެއް މަސައްކަތާ ގުޅި ލާމެހިފައިވާ ކަންކަން ކަމަށެވެ.

ދެވަނަ ދައުރެއްގައި މަޑިފުށީގައި ހިންގާނެ މަޝްރޫތައް:

  • މަޑިފުށީގެ ހުރިހާ މަގެއްގައި ތާރު އެޅުން
  • ރިވެޓްމަންޓު އުސްކޮށް ރަށް ރައްކާތެރިކުރުން
  • ހައުސިން ޔުނިޓް އެޅުން
  • މަޑިފުށީ ސްކޫލުގައި 10 ކްލާސްރޫމް އެޅުން
  • ދޯނި އެހެލާ ތަނެއް އެޅުން
  • ސިއްހީ މަރުކަޒު އިތުރަށް ތަރައްގީކުރުން
  • މަޑިފުއްޓާއި ދިޔަމިގިލި ގުޅައިލުން

މީގެ އިތުރުން ރައީސް ވަނީ، ރައްޔިތުން އެދޭގޮތަކީ ޓޫރިޒަމަށް މިހާރު ދީފައިވާ މި ރަށް ކައިރީގައި އޮންނަ އުފްރިއާ މަޑިފުއްޓާ ގުޅައިލުންކަމަށްވާނަމަ ޓޫރިޒަމް މިނިސްޓްރީއާ އެ ކަމުގައި މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސްވަނީ ތ. ބުރުންޏަށް ދެވަނަ ދައުރުގައި ހުރި މަޝްރޫތައް ހާމަކުރައްވައިފައެވެ. އެ ކަންކަމަކީ:

  • ކައިރި އޮންނަ ފުށިފަރުގައި ރިސޯޓް ތަރައްގީކުރަން ބިޑުކުރުން
  • ސިއްހީ މަރުކަޒު 24ގަޑިއިރަށް ބަދަލުކުރުން
  • އައު ކައުންސިލް އޮފީހެއްް
  • ކުޑަކުދިންގެ ޕާކަކާއި ވޮލީކޯޓެއް އެޅުން
  • 50 ހައުސިން ޔުނިޓް އެޅުން

ހަމައެއާއެކު ރައީސްވަނީ ތ. ގުރައިދުއަށް ދެވަނަ ދައުރުގައި ހުރި މަޝްރޫތައް ހާމަކުރައްވައިފައެވެ. އެ ކަންކަމަކީ:

  • ގިރާ ސަރަހައްދު ހިމާޔަތްކުރުން
  • ބޮޑެތި މަގުތަކުގައި ތާރުއެޅުން
  • އައިސް ޕްލާންޓުގެ ކެޕޭސިޓީ އިތުރުކުރުން
  • ސިއްހީ ޚިދުމަތް ރަނގަޅުކުރުން

އެ މަނިކުފާނު ވިދާޅުވީ 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލީ ބޮޑެތި ގޮންޖެހުންތަކަކާއެކު ކަމަށެވެ. އެގޮތުން އޭރު ވެރިކަމުގައި ތިބި ވެރިން ގައުމާމެދު ކަން ކުރަމުން އައި ގޮތުން ރައްޔިތުންގެ ތެރޭ ބިރުވެރިކަމާއި ހާސްކަން އޮތީ ފެތުރިފައިކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ސަރުކާރާ ދެކޮޅު ޚިޔާލެއް ފާޅުކުރުން ވެފައި އޮތީ މާލޭގައި އިތުރުން ރާއްޖޭގެ ރަށްތަކުގައި ވެސް މުޅިން މަނާކޮށް ހުއްޓުވައިފައި އޮތް ކަމެއްގެ ގޮތުގައިކަމަށް އެ މަނިކިފާނު ވިދާޅުވިއެވެ.

ޚާއްސަކޮށް ފެނަކަ ފަދަ ކުންފުންޏެއްގެ ވަޒީފާގައި ހުންނަ މީހެއްނަމަ އެ މީހަކު ވަޒީފާއިން ވަކިކުރުން ފަދަ ކަންކަން ކުރަމުން އައިކަމަށް ރައީީސް ވިދާޅުވިއެެވެ.

ނަމަވެސް މުޅި ރާއްޖޭގެ ރައްޔިތުން އެކުގައި ނިކުމެ އެ ވެރިކަން ބަދަލުކުރީ އަނިޔާވެރިކަމާއި ބިރުވެރިކަން މާޒީކުރަންކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ތިޔަ ބޭފުޅުން އެ ދުވަހު އެ ނިންމެވި ނިންމެވުމާއެކީގައި އަޅުގަނޑުމެން މަސައްކަތް ފަށަައިގަތީ. ހަމަ ގައިމު ވެސް އޭގެ ކުރީ އަހަރުަތަކާއި މި ވޭތުވެދިޔަ ފަސް އަހަރާ އަޅައި ބަލާއިރު ރާއްޖޭގައި ހަމަޖެހުން އިރާދަކުރެއްވިއްޔާ ގާއިމްކުރެވިއްޖެ،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް