ސަންގު ޓީވީ ޖޫރީމަނާ ކުރުމުން 'ފައިސާޖާޑި' އެއް ހުޅުވައިފި

ކުނޫޒް ކުރިމަތީގައި ފައިސާ ޖާޑި ބަހައްޓާފައި --- ފޮޓޯ: ސަންގު ޓީވީ

ބްރޯޑްކާސްޓިން ކޮމިޝަނުން ސަންގު ޓީވީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާތީ އެ ފައިސާ ދެއްކުމަށް ފައިސާ ޖާޑީގެ ނަމުގައި އެ ސްޓޭޝަނުން ފަންޑު ފޮއްޓެއް ހުޅުވައިފިއެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ދެއްކެވި ވާހަކަތަކެއް ސަންގު ޓީވީން ލައިވްކޮށްފައިވާތީ އެ ސްޓޭޝަން ޖޫރިމަނާކޮށްފައިވަނީ އެއްލަކަ ރުފިޔާ އިންނެވެ.

އަބުރުގެ ގާނޫނާ ހިލާފުވާ ގޮތަށް މުސްތަފާ ދެއްކި ވާހަކަތަކެއް ލައިވްކޮށްފައިވާތީ މީގެ ކުރިން ވީޓީވީ އަދި ރާއްޖެ ޓީވީ ވެސް ވަނީ ޖޫރިމަނާކޮށްފަ އެވެ. އެ ސްޓޭޝަންތަކުން ވެސް ފައިސާ ދެއްކުމަށް ވަނީ މީގެ ކުރިން ފަންޑު ފޮށިތަކެއް ހުޅުވައިފައެވެ. ނަމަވެސް ސަންގް ޓީވީން ފައިސާ ފޮއްޓެއްގެ ބަދަލުގައި ބަހައްޓާފައި ވަނީ ޖާޑިއެކެވެ.

މިރޭ ފައިސާ ޖާޑި ހުޅުވާފައިވާއިރު ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ސްޓޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވިއެވެ.

އަސްވާޑް ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަނުން އެ ސްޓޭޝަން ޖޫރިމަނާ ކުރި ނަމަވެސް އެ މައްސަލާގައި ގާނޫނީ ގޮތުން ކުރިއަށް ދެވެންހުރި ގޮތްތައް ބެލުމަށްފަހު ޝަރުއީ ޝަރީއަތަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.

"މި ދަނޑިވަޅުގައި އަޅުގަނޑުމެން ފައިސާ ދެއްކުމުގެ މަސައްކަތް ކުރަމުން މިދަނީ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި މާލޭގެ އެކި ހިސާބުތަކުގައި ފައިސާ ޖާޑި ބެހެއްޓުމަށް ވެސް ވަނީ ހަމަޖެހިފަ. އަދި އަންނަ އާދިއްތަ ދުވަހު ފައިސާ ޖާޑި އައްޑޫ ސިޓީ އަށާއި ފުވައްމުލަކުގެ އިތުރުން ހުވަދު އަތޮޅުގެ ބޮޑެތި ރަށްތަކަށް ވެސް ގެންދިއުމަށް ވަނީ ހަމަޖެހިފައި،" އަސްވާޑު ވިދާޅުވިއެވެ.

ސަންގު ޓީވީ ޖޫރިމަނާ ކުރަން ނިންމައި ބްރޯޑް ކޮމްއިން އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ އެ ޓީވީން އަށެއް ޑިސެމްބަރު 2017 ވަނަ ދުވަހު ދައްކާފައިވާ ކޮންޓެންޓުގައި ރައީސް ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް އައުގުރާނަ ބަސް މަގު ބޭނުންކޮށްފައިވާ ކަމަށެވެ.

އެހެންވެ އެ ޓީވީ 100،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ނިންމީ އަބުރު ރައްކާތެރިކުރުމާ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނުގެ ދަށުން ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އަދި މާފަށް އެދި ކޮންޓެންޓެއް އާންމު ކުރުމަށް ވެސް ސަންގު ޓީވީއަށް ބްރޯޑްކޮމް އިން ވަނީ އަންގައިފަ އެވެ.

ހަމަ އެ ކޮންޓެންޓެއް ލައިވް ކުރި މައްސަލާގައި ވީޓީވީ އާއި ވީއެފްއެމް ޖޫރިމަނާ ކޮށްފައި ވަނީ ހަތަރު ލައްކަ ރުފިޔާއިންނެވެ.

comment ކޮމެންޓް