ކައުންސިލުތަކުން އެކި ކަންކަމުގައި ގަރާރުތައް ނެރުމުގެ ކުރިން އެއީ އެބަޔަކާ ބެހޭ ކަމެއް ތޯ ނުވަތަ ނޫންތޯ ބަލަން ޖެހޭ ކަމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އަދި ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ވިދާޅުއްވެޖެ އެވެ.
އެންމެ ހިންގުންތެރި ކައުންސިލުތަކަށް އެވޯޑު ދިނުމަށް ކ. ގުރައިދޫގައި އެލްޖީއޭއިން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އަޒްލީން ވިދާޅުވީ އިންތިހާބުވެފައި ތިބޭ ފަރާތްތަކުން މަގާމުގައި ތިއްބަވާއިރު ފިކުރު ގަބޫލުނުކުރާ ކަންތައްތަކެއް ހުންނާނެ ކަމަށެވެ.
އަޒްލީމް ވިދާޅުވީ ކައުންސިލުތަކުގައި ތިއްބަވާ ބޭފުޅުން ތަސައްރަފު ފުދެން ޖެހޭ ކަމަށެވެ.
"ކައުންސިލުތަކުން ނެރުއްވާ ގަރާރުތަކުގައި ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް މީ. ތިމަންނަމެންގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ތީ މިއީ. ތިމަންނަމެނާ ބެހޭ ކަމެއް ތޯ މިއީ ނުވަތަ ނުބެހޭ ކަމެއް ތޯ މިއީ،" އަޒުލީން ވިދާޅުވި އެވެ.
އަޒުލީނު ވިދާޅުވީ އެމަނިކުފާނަކީ ހޯމް މިނިސްޓަރޭ ކިޔާފައި ރާއްޖެތެރޭ ރަށްރަށުގައި މިސްކިތް އަޅަން ޖެހޭނީ ކޮންތާކު ކަމެއް ނުބުނެވޭނެ ކަމަށެވެ. އަދި އެއީ އެމަނިކުފާނާ "ބެހޭ ކަމެއް ނޫން" ކަމަށް ވިދާޅުވި އެވެ.
"އަނެއްކާ އަޅުގަނޑަށް ނުވެސް ބުނެވޭނެ ކޯޓަކުން އަމުރެއް ނެރުނީމަ ތި އަމުރަށް އަމަލެއް ނުކުރާނަމޭ. ނޫނީ އެ އަމުރު ރަނގަޅޭ މި އަމުރު ގޯހޭ. މިވާހަކަ އަޅުގަނޑުމެން ނުދައްކަމާހޭ،" އަޒުލީން ވިދާޅުވި އެވެ.
އަޒުލީން ވިދާޅުވީ ސިޔާސީ ކަންކަން އޮންނަން ވަނީ ރައްޔިތުންގެ ތެރޭގައި އަދުލުވެރިކަން ގާއިމަ ކުރުމަށް ފަހުގައި ކަމަށެވެ. ކައުންސިލުތަކާ މެދު ފިޔަވަޅު އަޅަނީ އަދުވެރި ނިޒާމުގެ ތެރޭން ކަމަށާއި އަދި ފިޔަވަޅު އަޅާފައި ހުންނަނީ ބަލަންޖެހޭ ހުރިހާ ބެލުންތަކެއް ބެލުމަށް ފަހު އިންސާފުވެރިކޮށް ކަމަށް އަޒުލީން ވިދާޅުވި އެވެ.
"އެއްވެސް ކައުންސިލަރަކު ގަބޫލުކުރައްވައިގެން ނުވާނެ ތިމާ ޒިންމާދާރުވާން ޖެހޭ ފަރާތެއް ނެތް ކަމަކަށް،" އަޒުލީން ވިދާޅުވި އެވެ.
ވޭތުވެ ދިޔަ އަހަރުގެ އެންމެ ރަނގަޅު ކައުންސިލަކަށް ހޮވިފައިވަނީ މާލެ އަތޮޅު ހުރާ ކައުންސިލާއި ފުވައްމުލަކު އަތޮޅު ކައުންސިލެވެ. އަޒުލީން ވިދާޅުވީ އެލްޖީއޭގެ އެވޯޑް ދިން އިރަކު ވަކި ކުލައެއްގެ ކައުންސިލެއް ތޯ ނުބަލާ ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގައި ނުބަލާނެ ހިދުމަތެއް ދިނުމުގައި ކުލައަކަށް އެވޯޑެއް ދިނުމުގައި ކުލައަކަށް. އެނޫން އެހެން ވަސީލަތެއް ރާއްޖޭގައި ގާއިމްކުރުމުގައިވެސް ކުލައަކަށް މިހާތަނަކަށް މިސާރުކާރުން ބަލާފައެއް ނޯންނާނެ. އެއީ އަޅުގަނޑުމެންގެ ތަފާތަކީ،" އަޒުލީން ވިދާޅުވި އެވެ.
މިވަގުތު ރާއްޖޭގައި ހުންނެވީ މިހާރު ގައުމުގައި ހިނގާ ހުރިހާ ކުލައަކަށްވެސް ހެޔޮވަރު ރައީސުލްޖުމްހޫރިއްޔާއެއް ކަމަށް އަޒުލީން ވިދާޅުވި އެވެ. އަޒުލީން އެހެން ވިދާޅުވީ ވަކި ކުލަޔަކަށް ވެރިކަން ކޮށްދޭން އިންތިހާބު ކޮށްފައި ހުރި ވެރިއެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވާ ބަސްފުޅަށް ބާރު ދެއްވަމުންނެވެ.
އަޒުލީން ވިދާޅުވީ "އެންމެ ފުރަތަމަ ގައުމު" އެ ޝިއާރު އިސްނުކޮށް ރައްޔިތުންނަށް ހިދުމަތް ކުރާނެ މީހަކު ވޯޓުލައިގެން ހޮވާނަމަ ރައްޔިތުންނަށް ކުރެވޭނީ ވަރަށް ހިއްދަތި އިހުސާސްތަކެއް ކަމަށެވެ. އަދި ރާއްޖެއަށް ލާމަރުކަޒީ ނިޒާމު އައުމުގެ މާނައަކީ ގާނޫނުއަސާސީން ލިބިދޭ ޔުނިޓަރީ ދައުލަތެއްގެ ސިފަ ގެއްލިގެން ދާ ހަމައެއް ރާއްޖެއަށް އައުން ނޫން ކަމަށްވެސް އަޒުލީން ވިދާޅުވި އެވެ.