'ރުމާލު 2' ޖަގަހާގައި ރޯކޮށްލުމުން އެމްޑީޕީން އެކަން ކުށްވެރި ކޮށްފި

ޕީޕީއެމްގެ"ރުމާލު 2" ޖަގަހައިގެ ސްޓޭޖުގައި ރޭ ރޯކޮށްލާފައި-- ފޮޓޯ: ޕީޕީއެމް

ޕީޕީއެމްގެ މައި ޖަގަހަ 'ރުމާލު 2' ގައި ރޭ ބަޔަކު ރޯކޮށްލައި ތަކެއްޗަށް ގެއްލުން ދީފައިވާތީ އެކަން އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ކުއްވެރި ކޮށްފި އެވެ.

ރޭ 'ރުމާލު 2' ޖަގަހައިގެ ސްޓޭޖެގައި ރޯކޮށްލައި ބައެއް ތަކެއްޗަށް ވަނީ ގެއްލުންދީފަ އެވެ. އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ހަރަކާތްތައް ހިންގާ ޖަގަހަތަކާއި، އޮފީސްތަކާއި ސިޔާސީ ޕާޓީތަކުގެ މުދަލަށް ހަމަލާ ދިނުމަކީ މުޅި ސިޔާސީ ނިޒާމަށް ދެވޭ ހަމަލާއެއް ކަމަށެވެ.

'ރުމާލު 2' ޖަގަހާގައި ރޯކޮށްލައި ގެއްލުން ދިން މައްސަލަ ތަހުގީގުކޮށް އެކަންކުރި މީހުންނާ މެދު ފިޔަވަޅު އެޅުމަށް ފުލުހުންނަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

"ސިޔާސީ ހަރަކާތްތައް ހިންގާ ތަންތަނަށާއި އޮފީސްތަކަށް، ވަކިން ޚާއްސަކޮށް ވާދަވެރި ސިޔާސީ ޕާޓީތަކުގެ އޮފީސްތަކަށާއި ހަރުގެތަކަށް ހަމަލާދީ ބޮޑެތި ގެއްލުން ދިނުން މިހާރު މިއަންނަނީ އާންމުވަމުން،" އެމްޑީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެމްޑީޕީން ބުނީ އެ ޕާޓީން މާލެ އާއި އަތޮޅު ތަކުގައި ހަދާފައިވާ ހަރުގެތަކަަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަން ކުށްވެރިކުރައްވާފައެވެ.

އެމަނިކުފާނު މިއަދު ވިދާޅުވީ އެންމެ ހަރުކަށިކޮށް އެކަން ކުށްވެރިކުރާ ކަމަށާއި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގަން ފުރުސަތު ލިބެންޖެހޭ ކަމަށެވެ.

comment ކޮމެންޓް