ސާޅީސް އަހަރާ ނުބައްދަލު ތަރައްގީ އެންމެ ހަތަރު އަހަރުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެނެސްދެއްވައިފި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
"ވިދި ވިދި އޮޓެ އޮޓެ" ނަމުގައި ގއ. ވިލިނގިލީގައި ސަރުކާރު ހިންގާ ޕީޕީއެމް އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެ ތަރައްގީ ކުރުމަށް އެންމެ ހެޔޮ އަގުގައި ފައިސާ ހޯދައި، ތަރައްގީ ކުރަމުން އެދަނީ ރައީސް ޔާމީން ކަމަށެވެ.
"މިއިން ޒަމާނެއްގައި ވެސް ދުނިޔޭގެ އެއްވެސް ގައުމަކަށް ލިބޭނެ އެންމެ ހެޔޮ އަގުގައި ބައިނަލްއަގްވާމީ ބާޒާރުތަކުން ހޯދައިގެން ރާއްޖެ ތަރައްގީ ކުރައްވަމުން އެދަނީ ރައީސް ޔާމީން. އަޅުގަނޑުމެން ރާއްޖޭގެ ރަށްރަށަށް ދަތުރު ކުރީމަ އެނގިގެން ދަނީ ރައްޔިތުންނާއި ގުޅިފައި ވަނީ ތަރައްގީކަން. ރައްޖޭގެ ރައްޔިތުން މި ޒަމާނުގައި ވެސް އިހު ޒަމާނުގައި ވެސް ބޭނުންވަނީ ތަރައްގީ،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ 2004 ވަނަ އަހަރުން ފެށިގެން މި ގައުމު ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައި ވަނިކޮށް 2013 ވަނަ އަހަރު ރައީސް ޔާމީން ވަޑައިގެން ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކޮށްދެއްވުމަށް ވައުދުވެވަޑައިގަތް ކަމަށެވެ. އެގޮތުން ވެރިކަމަށް ވަޑައިގެން އެންމެ ހަތަރު އަހަރުތެރޭ ގައުމުގެ އާމްދަނީ 18 ބިލިއަނުން އޭގެ ހަތަރު ގުނައަށް އިތުރު ކޮށްދެއްވީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ 30 އަހަރާއި 40 އަހަރާ ނުބައްދަލު ތަރައްގީ އެންމެ ހަތަރު އަހަރު ތެރޭ ގެނެވުނު މަންޒަރު. އަޅުގަނޑުގެ އެދުމަކީ މި ގައުމުގެ މުސްތަގުބަލަށްޓަކައި ހުރިހާ ރައްޔިތުންނަށްޓަކައި ހުރިހާ އެންމެން ނިކުމެ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުކޮށްދެއްވުން،" މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ވިދާޅުވީ މި ސަރުކާރަކީ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތާ ރައްޔިތު މީހާއަށާއި ކޯޓުތަކަށް ހުރުމަތްތެރިކޮށް ހިތާ ފުރިހަމަ ދިމިގްރާތީ ސަރުކާރެއް ކަމަށެވެ.
"ރައްޔިތު މީހާ ޖަޒުބާތު ހުރީ އެމީހުންގެ ސަރުކާރާއި ކުޅުނީތީވެ އެ މީހުންނަށް ހަމަ އެ އަދަބު ދޭން. އެހެންނަމަވެސް ކީއްތޯ ކުރާނީ. މި ސަރުކާރަކީ ގާނޫނީ ހަމަތަކުން ހިނގާ ގާނޫނު އަސާސީ ނަގަހައްޓާ ސަރުކާރެއް،" ޔާމީން ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ގެނެސްދެއްވި ބޮޑު ތަރައްގީ ބަޔަކަށް ހަޖަމު ނުވެގެން އުޅޭ މަންޒަރު ފެންނަ ކަމަށާއި އެ ބޭފުޅުންނަށް ވެސް އެ ފުރުސަތު ލިބި ބޭނުން ނުހިފުމަކީ ރައީސް ޔަމީންގެ މައްސަލައެއް ނޫން ކަމަށެވެ.