ކަރުނަ ގޭސް ޖެހި ނަމަވެސް ކޮސޯވޯ ޕާލިމެންޓުން މުއާހަދާ ތަސްދީގުކޮށްފި

ކޮސޯވޯގެ ޕާލިމެންޓަން އިދިކޮޅު ފަރާތްތަކުން ކަރުނަ ގޭސް ޖަހާފައި -- ފޮޓޯ: ޓުވިޓާ

ޕްރިސްޓީނާ (މާޗް 23): ކޮސޯވޯއާއި މޮންޓަނީގްރޯއާ ގުޅޭ ބޯޑަރާ ބެހޭ މުއާހަދާއެއް ތަސްދީގުކުރުން ހުއްޓުވުގެ ގޮތުން ކޮސޯވޯގެ އިދިކޮޅު ފަރާތްތަކުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތަޅުމުގައި ކަރުނަ ގޭސް ޖަހައި، ހުރަސް އެޅު ނަމަވެސް އެ މަޖިލީހުން މުއާހަދާ ތަސްދީގުކޮށްފިއެވެ.

ބުދަ ދުވަހު އެ މުއާހަދާގެ ވޯޓަށް އެހުމުން އިދިކޮޅު ފަރާތްތަކުން ވަނީ ހަތަރު ފަހަރެއްގެ މަތިން މަޖިލީހުގެ ޗެމްބަރު ތެރޭގައި ކަރުނަ ގޭސް ޖަހާފައެވެ. އޭގެ ސަބަބުން މަޖިލިސް މެދުކަނޑާލައި މެމްބަރުންނަށް ޖެހުނީ ޗެމްބަރުން ނިކުމެވަޑައިގަންނަވާށެވެ.

އަދި ކަރުނަ ގޭސް ޖެހުމުގައި އިސްކޮށް އުޅުއްވި، އިދިކޮޅު ސެލްފް ޑިޓާމިނޭޝަން ޕާޓީގެ ބައެއް މެމްބަރުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގި ނަމަވެސް ކޮސޯވޯގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ފަހުން ޖަލްސާ ކުރިއަށް ގެންގޮސްފައެވެ. އަދި މަޖިލީހުގައި ހާޒިރުވެތިއްބެވި 120 މެމްބަރުންގެ ތެރެއިން 80 މެމްބަރުންގެ ވޯޓާއެކު މުއާހަދާ ތަސްދީގު ކުރިއެވެ.

އެ މުއާހަދާ ތަސްދީގުކުރުމުގެ ސަބަބުން ކޮސޯވޯގެ ރަައްޔިތުންނަށް، ޔޫރަޕައިން ޔޫނިއަންގައި ހިމެނޭ ގައުމުތަކަށް ވިސާއާ ނުލައި ދަތުރުކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

ނަމަވެސް އެމުއާހަދާއަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އޭގެ ސަބަބުން މޮންޓަނީގްރޯއަށް ކޮސޯވޯގެ 8،000 ހެކްޓަރުގެ ބިން ދޭން ޖެހޭނެ ކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދެހާސް އަށްވަނަ އަހަރު ކޮސޯވޯއިން މިނިވަންކަން އިއުލާން ކުރި ފަހުން 100 އަށް ވުރެ ގިނަ ގައުމުން ވަނީ އެއީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަނެފައެވެ. ނަމަވެސް އީޔޫގެ ފަސް ގައުމަކުން ކޮސޯވޯގެ މިނިވަންކަން ބަލައިގަތުމަށް ދެކޮޅު ހަދާފައިވެއެވެ. އެއީ ސްޕެއިން، ރޮމޭނިއާ، ސްލޮވާކިއާ، ގްރީސް އަދި ސައިޕްރަސްއެވެ.

(ބީބީސީ)

comment ކޮމެންޓް