ޔޫރަޕްގެ ތިންވަނައަށް އެންމެ ބޮޑު ޓުއާ އޮޕަރޭޓަރު އެފްޓީއައި ބަނގުރޫޓު ވެއްޖެ

ޔޫރަަޕްގެ ތިން ވަނައަށް އެންމެ ބޮޑު ޓުއާ އޮޕަރޭޓަރު، އެފްޓީއައި ވަނީ ބަނގުރޫޓުވެފައި. ފޮޓޯ/ދި އެޑިޝަން

ޔޫރަޕްގެ ތިން ވަނައަށް އެންމެ ބޮޑު ޓުއާ އޮޕަރޭޓަރު އެފްޓީއައި ގްރޫޕް ބަނގުރޫޓު ވެއްޖެއެވެ.

ޖަރުމަނުވިލާތަށް ނިސްބަތްވާ އެފްޓީއައި އިން ކުންފުނީގެ ދަރަނި ނުދެއްކިގެން ބޭންކްރަޕްސީ ފައިލްކޮށްފައި ވަނީ މިދިޔަ ހަފްތާއެވެ. އެ މައްސަލަ ޖަރުމަނުވިލާތުގެ މިއުނިކް ކޯޓުން އަންނަނީ ބަލަމުންނެވެ.

އެ ކުންފުނީގައި 11،000 އެއްހާ މުވައްޒަފުން މަސައްކަތްކުރާ އިރު ކުންފުނި ބަނގުރޫޓުވެ، އޮޕަރޭޝަން ހުއްޓާލަން ޖެހުނުކަން ކުންފުނީގެ މުވައްޒަފުންނަށް ވެސް މިހާރު ވަނީ އަންގައިފައެވެ.

އެ ގްރޫޕުން ވަނީ ކަސްޓަމަރުންނަށް ހޮޓްލައިނަކާއި ވެބްސައިޓެއް ވެސް ހުޅުވައިފައިކަމަށް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ބަނގުރޫޓުވުމާ ގުޅިގެން ކުންފުންޏަށް ލިބިފައިވާ ހުރިހާ ބުކިންތަކެއް ވެސް މި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ވަނީ ކެންސަލްކޮށްފައެވެ.

އެކަމުގެ ސަބަބުން ހޫނު މޫސުމުގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ އެތައް ބަޔަކަށް އަސަރު ކުރާނެ ކަމަށް ވެސް އެފްޓީއައިއިން ބުނެއެވެ.

ޖަރުމަނުވިލާތުގެ ހާރިޖީ ވުޒާރާއިން ބުނީ ޓޫރިޒަމް އިންޑަސްޓްރީ އާއި ޓްރެވަލް އިންޝުއަރެންސް ފަންޑުން ފަތުރުވެރިން ގައުމަށް ގެންދިއުމާއި ގެއްލުން ލިބުނު ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ނަމަވެސް ރައްކާތެރިކަމާއެކު އެނބުރި އައުމަށް ބޭނުން ނަމަ ކޮންސިއުލާ ސަޕޯޓް ދޭނެ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މިޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ ހަފްތާ ބަންދުގައި އެ ކުންފުނިން ވަނީ އެ ގައުމުގެ އިގްތިސާދީ އަދި މާލީ ވުޒާރާއާއެކު އެ ކަމުގައި މަޝްވަރާތައް ކޮށްފައެވެ.

އެ ކުންފުނިން ވަނީ ކުންފުނީގެ ހަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ ގާތްގަނޑަކަށް 11 މިލިއަން ޑޮލަރުގެ ފަންޑިންއެއް ހޯދަން އެދިފައެވެ. ނަމަވެސް، ސަރުކާރުން އެ ހުށަހެޅުން ގަބޫލުކޮށްފައެއްނުވެއެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެ ކުންފުނީގެ ޖުމްލަ ދަރަނި އެއް ބިލިއަން ޑޮލަރަށް އަރައެވެ.

އެފްޓީއައިގެ 10،000 ޕާޓްނާ އެޖެންސީ މެދުވެރިކޮށް ދުނިޔޭގެ 40 އަށް ވުރެ ގިނަ މަންޒިލަށް އެ ކުންފުނިން ދަތުރުތައް ހަމަޖައްސައިދެއެވެ.

ދެހާސްބާވީހުން 2023ވަނަ އަހަރަށް ހިނގި މާލީ އަހަރު ގާތްގަނޑަކަށް 4.1 ބިލިއަން ޔޫރޯގެ ވިޔަފާރި ކުންފުނިން ކޮށްފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް