ޓެރަރިޒަމްގެ ދައުވާ ކޮށްފައިވާ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިރޭ އަމުރުކޮށްފިއެވެ.
އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ސީޕީ އަރީފް ބަންދުކޮށްފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެންނެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުރީގެ ސީޕީ އަރީފް އޭރު ހުރި މަގާމުގެ ބޭނުން ހިފައިގެން ސުޕްރީމް ކޯޓުގެ އަމުރު ނެރޭއިރަށް، އެ އަމުރަށް ތައްޔާރުވުމުގެ ގޮތުން ކަންކަން އިންތިޒާމްކޮށްފައިވާ ކަމަށް ތަހުގީގަށް އެންގިފައިވާ ކަމަށެވެ.
މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްގައި އަމަލުކުރަމުން އައިސްފައިވާ އުސޫލުތަކާ ހިލާފަށް ފުލުހުންގެ އޮޕަރޭޝަންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ފުލުހުންގެ ތެރެއިން އަރީފު ބޭނުންވާ ވަކި ބަޔަކު ހޮވަން މަސައްކަތް ކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. މީގެ އިތުރުން އެކި ތަންތަނުގައި ތިބި މި މީހުން އެއްތަނަކަށް ގެނުވައި، އެއްބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި، ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކޮށްފައިވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
ކުރީގެ ސީޕީ އަރީފް ހައްޔަރުކޮށްފައި ވަނީ މ. ސްނޯރޯސްގެ ފަސް ވަނަ ފްލޯގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުގައި ހުންނަވަނިކޮށް މި މަހުގެ ހަ ވަނަ ދުވަހުއެވެ.