ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ބޭބޭފުޅަށް ވީމާ ކުށްތަކަށް ފަސް އަޅައި ފޮރުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝީފާގު މުފީދު ވިދާޅުވެއްޖެއެވެ.
ސަން ޓީވީގެ "ގާނޫނުގެ ވެރިކަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝިފާގު ވިދާޅުވީ، ގާނުނު އަސާސީ ނެގެހެއްޓުމާއި ތަންފީޒު ކުރުމުގައި ގައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ހަސަބާއި ނަސަބަށް ނުބަލައި ގާނޫނު އެންމެނަށް ހަމަހަމަ ކަމާއެކު ތަންފީޒު ކުރުމަށް ގާނޫނު އަސާސީ ބާރުއަޅާ ކަމަށެވެ.
"އެއީ ކޮއްކޯފުޅުކަމުގައި ވީ ނަމަވެސް، ދަރިކަލުން ކަމުގައި ވީ ނަމަވެސް އަދި އާއިލާގެ އެހެން ބޭފުޅަކު ކަމުގައި ވީ ނަމަވެސް ގާނޫނީ ގޮތުން ކުށެއްގެ ތުހުމަތު ކުރެވިއްޖެ ހާލަތެއްގައި ތަހުގީގީ އިދާރާތަކުން އެ މައްސަލައެއް ތަހުގީގުކޮށް އަދި ޝަރުއީ މަރުހަލާގެ ތެރެއިން ހުކުމެއް އަތުވެއްޖެ ކަމުގައިވާ ނަމަ އެ ހުކުމެއް ތަންފީޒު ކުރުމަކީ ރައީސުލްޖުމޫހުރިއްޔާގެ މައްޗަށް މަތި ކުރެވިފައިވާ ޒިންމާއެއް،" ޝިފާގް ވިދާޅުވިއެވެ.
ޝިފާގް ވިދާޅުވީ، މި ނޫން ގޮތަކަށް ރައީސަކު މަސައްކަތްފުޅު ކުރައްވައިފިކަމުގައިވާ ނަމަ އެ ވެވެނީ ގާނޫނު އަސާސީއާ ހިލާފުކަމަށާއި އިންސާފުގެ މަގުން ކަންކަން ހިންގުމުގައި އެއްވެސް މީހަކު ތަފާތުކޮށްގެން ނުވާނެ ކަމަށެވެ.
"ތަފާތު ކުރުމުގެ މާއްދާގައި އެބަ ބަޔާން ކުރޭ އެއްވެސް މީހެއްގެ ހަސަބަކަށް ނުވަތަ ނަސަބުން ނޫނީ އުފަންވީ ރަށަކުން އަދި އުފަންވީ އާއިލާއަކުން އަދި ގައުމީ ނިސްބަތަކުން ވެސް ތަފާތު ކޮށްގެން ނުވާނެ ކަމަށް. އަދި ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި އެބަ ބަޔާން ކުރޭ ގާނޫނު އެ މީހެއްގެ މައްޗަށް ހިންގުމުގައި ހުރިހާ އެންމެނަކީ ވެސް ހަމަހަމަ ބައެއްކަން،" ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
ޝިފާގް އިތުރަށް ވިދާޅުވީ ރައީސް މައުމޫނުގެ މައްޗަށް ޖިނާއީ ތުހުމަތުތަކެއް ކުރެވިފައިވާއިރު، ރައިީސް ޔާމީންގެ ކެމްޕެއިން ދުވަސް ވަރުން ފެށިގެން ވެސް ގާނޫނު ނެގެހެއްޓުމުގައި އެއްވެސް މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލާނެ ކަމަށް ވިދާޅުވަމުން އައިސްފައިވާ ކަމަށެވެ.