ޓީޓީއެމްއާ އެކު ފުރަތަމަ މޯލްޑިވްސް ސަޕްލަޔާ އެކްސްޕޯވެސް މެއި މަހު

ފުރަތަމަ ޓްރެވަލް ޓްރޭޑް މޯލްޑިވްސް ފެއާގެ ތެރެއިން ކުރިޔަށް ދިޔަ ހޮޓަލިއާ ސަމިޓް ---ސަން ފޮޓޯ/ އަފްރާހް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ "މޯލްޑިވްސް ސަޕްލަޔާ އެކްސްޕޯ 2018" މެއި މަހު ބާއްވަން ނިންމައިފިއެވެ. ސަޕްލަޔާ އެކްސްޕޯއަކީ މޯލްޑިވްސް ގެޓްއަވޭސްއިން ބާއްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ފެއާގެ ތެރެއިން ކުރިޔަށްދާ ހަރަކާތެކެވެ.

މިއަހަރުގެ ޓްރެވަލް ޓްރޭޑް މޯލްޑިވްސް ފެއާ އޮންނާނީ އަންނަ މެއި މަހުގެ ދޭއް އަދި ތިންވަނަ ދުވަހު ދަރުބާރުގޭގައެވެ.

ސަޕްލަޔާ އެކްސްޕޯއަކީ ކުންފުނިތަކުގެ އިސްވެރިންނާއި، އިންޖިނިއަރިންގް ޑިރެކްޓަރުންނާއި، ޕްރޮކިއޮމެންޓް މެނޭޖަރުންގެ އިތުރުން ޗީފް ފައިނޭންޝަލް އޮފިސަރުންނަށް ޚާއްސަކޮށްގެން ބާއްވާ ހަރަކާތެކެވެ. އެ ފެއާގައި މި ދާއިރާތަކުން 1،000 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވާނެކަމަށް ބެލެވޭކަމަށް ޓީޓީއެމް އިންތިޒާމުކުރާ ފަރާތްތަކުން ބުނެއެވެ.

ދައުވަތު ދީގެން ބައިވެރިވާ މީހުންނާއެކުގައި ބާއްވާ އެ ފެއާއަކީ ފަތުރުވެރިކަމުގެ ދާއިރާގެ 50 އަށް ވުރެ ގިނަ އިންޓަނޭޝަނަލް އަދި ލޯކަލް ސަޕްލަޔަރުން ބައިވެރިވާ ފެއާއެކެވެ. އެ ފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރިސޯޓް އަދި ހޮޓެލް ހިންގުމަށް ބޭނުންވާ އެކިކަހަލަ މުދަލާ ބެހޭ މައުލޫމާތު ލިބޭނެއެވެ. އޭގެ ތެރޭގައި އެކޮމޮޑޭޝަން، ޓްރާންސްޕޯޓު، ކޭޓަރިންގް އަދި އެފްއެންބީއާ ގުޅުންހުރި މުދާ ހިމެނެއެވެ.

ޓީޓީއެމް ސަޕްލަޔާ އެކްސްޕޯ ވެގެންދާނީ އެގްޒެބިޓަރުންނަށް ރާއްޖޭގެ އެކި ހިސާބުތަކުގެ ބޮޑެރި ވިޔަފާރި ތަކުގެ ވެރިންނާއި ބައްދަލުކޮށް ގުޅުން ބަދަހިކޮށް އެބައެއްގެ ވިޔަފާރިތަކަށް ކުރިއެރުން ލިބޭނެ ގޮތް މަގުފަހި ކޮށްދޭނެ އެކްސްޕޯއަކަށެވެ.

comment ކޮމެންޓް