ރިހާނާގެ އަބުރަށް އުނިކަން އަންނަ އިޝްތިހާރަކާއެކު ސްނެޕްޗެޓަށް މީހުންގެ ނުރުހުން

ލަވަކިޔުންތެރިޔާ ރިހާނާގެ އަބުރަށް އުނިކަން އަންނަފަދަ އިޝްތިހާރެއް ސްނެޕްޗެޓުގައި ޝާއިއުކޮށްފައިވާތީ ސްނެޕްޗެޓު ބޭނުންކުރާ މީހުންނާއި، ސްނެޕްޗެޓުގެ ހިއްސާދާރުން އެ ކުންފުންޏާ ދެކޮޅަށް އަޑު އުފުލައިފިއެވެ.

މި އިޝްތިހާރަކީ ރިހާނާގެ ކުރީގެ ލޯބިވެރިޔާ ކްރިސް ބްރައުންގެ ފަރާތުން އޭނާއަށް ލިބުނު ގެވެށި އަނިޔާ ސިފަވާ އިޝްތިހާރެކެވެ. ސްނެޕްޗެޓުގައި މި އިޝްތިހާރު ހިމެނުމުގެ ނަތީޖާއެއްގެ ގޮތުން އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ ހަތަރު ޕަސެންޓު ދަށަށް ގޮސްފައެވެ. މިއާއެކު 800 މިލިއަން ޑޮލަރުގެ ގެއްލުމެއް ސްނެޕްޗެޓަށް ކުރިމަތިވި ކަމަށް ހަބަރުތައް ބުނެއެވެ.

ސްނެޕްޗެޓުގެ އިޝްތިހާރާ ގުޅިގެން ރިހާނާ ވަނީ އޭނާގެ އިންސްޓަގްރާމުގައި ބަޔާނެއް އާންމުކޮށްފައެވެ. އެ ސްޓޭޓްމެންޓުގައި ރިހާނާ ބުނީ ސްނެޕްޗެޓަކީ އެއްއިރެއްގައިވެސް އޭނާއަށް އެންމެ ކަމުދާ އެޕްލިކޭޝަން ނޫން ކަމަށެވެ. ސްނެޕްޗެޓުގެ އެ އަމަލަކީ ދަށުދަރަޖައިގެ އަމަލެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށްވެސް ރިހާނާ ބުނެފައިވެއެވެ.

އިޝްތިހާރާ ގުޅިގެން ސްނެޕްޗެޓުން ބުނީ އެކަން ހިނގައި ދިޔަ ގޮތް ބަލަމުންދާ ކަމަށާއި އެ އިޝްތިހާރު އެގޮތަށް އާންމުވުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. އެކަހަލަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތްކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

comment ކޮމެންޓް